ޔުމްނު ވެއްޓުނު މައްސަލައިގައި ހައްޔަރުގައި ހުރި ރައުދު އަހްމަދު ޒިލާލު، ދޫނިދޫ ޖަލަށް ގެންދަނިކޮށް

ރައުދަށް އިއްވީ 27 ދުވަހުގެ ޖަލު ހުކުމެއް؛ އެހާ ދުވަހު ޖަލުގައި ހޭދަކޮށްފައިވާތީ އިތުރަށް ތަންފީޒުކުރާކަށް ނުޖެހޭ

ރައުދު ބަންދުކޮށްފައިވާ ދުވަސްތަކަށް ބެލުމުން އެއަށް ވުރެ ދިގު މުއްދަތަކަށް އޭނާ ބަންދުގައި ހޭދަކޮށްފައިވާކަން އެނގޭ؛ އެއީ އެއް މަހާއި ތިން ދުވަސް
26 ނޮވެމްބަރު 2025

ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލި ރައުދު އަހްމަދު ޒިލާލު ކުށަށް އިއުތިރާފުވުމުން 27 ދުވަހުގެ ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ 18 އެޕްރީލްގައި ހިނގި އެ ހާދިސާއާ ގުޅިގެން ރައުދުގެ މައްޗަށް މިދިޔަ ޖޫން މަހު ދައުލަތުން އުފުލީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ.  

އެ މައްސަލައިގައި އޭނާއަށް އަންނާނީ، ގާނޫނުގައިވާ ގޮތުން، އަސާސީ މިންގަނޑުން ބަލާއިރު، އެއް މަހާއި ހަ ދުވަހަށް ޖަލު ހުކުމެކެވެ.

ތަފްސީލު - މި މައްސަލައިގައި މިދިޔަ ހަފުތާ ބޭއްވި އަޑުއެހުމުގައި ރައުދު ވަނީ ކުށަށް އިއުތިރާފްވެފަ އެވެ.  އެހެންވެގެން މައްސަލަ ބެއްލެވި ގާޒީ ނިންމެވީ އަސާސީ މިންގަނޑަށް ވުރެ އެއް ދަރަޖަ އަދަބު ލުއިކޮށްދެއްވުމަށެވެ.

އެހެންވެ އޭނާއަށް އިއްވީ 27 ދުވަހުގެ ޖަލު ހުކުމެކެވެ.

ރައުދު ބަންދުކޮށްފައިވާ ދުވަސްތަކަށް ބެލުމުން އެއަށް ވުރެ ދިގު މުއްދަތަކަށް އޭނާ ބަންދުގައި ހޭދަކޮށްފައިވާ ކަން އެނގެ އެވެ. އެއީ އެއް މަހާއި ތިން ދުވަހެވެ. އެގޮތުން:

  • ރައުދު ހައްޔަރުކުރީ 25 އޭޕްރީލްގައި؛ ފުރަތަމަ ބަންދަށް ފަސް ދުވަސް ހޭދަކުރި

  • 30 އޭޕްރީލްގައި ދިނީ 10 ދުވަސް؛ ބަންދުގެ މުއްދަތު ފުރިހަމަކުރި

  •  10 މެއިގައި ދިނީ ފަސް ދުވަސް؛ ބަންދުގެ މުއްދަތު ފުރިހަމަކުރި

  • 15 މެއިގައި 20 ދުވަހަށް ބަންދު އިތުރުކުރި ނަމަވެސް 23 މޭގައި ބަންދުން ދޫކޮށްލުމަށް ފަހު ހަމަ އެ ދުވަހު ހައްޔަރުކުރި؛ އެ މުއްދަތުގައި ބަންދުގައި ހުރީ 8 ދުވަސް

  • ދެވަނަ ފަހަރު ބަންދުން ދޫކޮށްލި 28 މެއިގައި؛ މި މުއްދަތުގައި ބަންދުގައި ހުރީ ފަސް ދުވަހު

އެނގުން މުހިންމު - ރައުދަކީ ޔުމްނު ވެެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. 

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ރައުދު ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި ރައުދު ނުވަތަ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ. އޭގެ ފަހުން ރައުދު ހައްޔަރުކުރީ ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އެވެ.

ރައުދު ހައްޔަރުކޮށް ބަންދުކުރަން ނެރުނު ދެވަނަ އަމުރުން އެނގުނު ގޮތުގައި އެ ރޭ ރައުދު އާއި ޔުމްނުއާ ދެމެދު 'ހަމަނުޖެހުމެއް' ވެސް ހިނގަ އެވެ. އަދި ޔުމްނު ވެއްޓުނު ކަމަށް ކޮންމެވެސް ބަޔަކު ކައިރީ އޭނާ ބުނިކަން އެ އަމުރުގައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް