"ވިއަވަތި ރާއްޖެ" މަހާސިންތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު، 16 ޑިސެމްބަރު 2019 (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ރިޔާސީ ރޭހަށް ނުނުކުންނަން އުޅުނިން؛ ހަރާބުވީ ސޯލިހާ ހެދި: ނަޝީދު

ނަޝީދު ވިދާޅުވި ގޮތުގައި، އެ މަނިކުފާނު ކުރިމަތިނުލައްވައި ސޯލިހަށް ފުރުސަތު ދެއްވަން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރެއްވި ކަމަށް

އެ މަނިކުފާނު ކުރިމަތިނުލައްވައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިހާބުގައި ފުރަސަތު ދެއްވުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެކަން ހަރާބުވީ ސޯލިހްގެ ސަބަބުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ނަޝީދު ރިޔާސީ އިންތިހާބުގެ ވާހަކަ ދެއްކެވީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ރޭ އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލްގެ އިސްތިއުފާގެ ސިޓީގައި ބަޔާންކޮށްފައިވާ ބައެއް ވާހަކަތަކަށް އިޝާރާތް ކުރައްވައި އެ ޕާޓީގެ މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގަ އެވެ.

ތަފްސިލު - ނަޝީދުގެ މެސެޖްގައި އެ މަނިކުފާނު ފުރަތަމަ ވިދާޅުވީ، ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި އެމްޑީޕީއަށް ރިޔާސީ އިންތިހާބު 2023 އާއި މަޖިލިސް އިންތިހާބު 2024 ގެއްލުނު ގޮތް ސާފުކޮށްދެއްވާފައިވާތީ އޭނާއަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އެއާ އެކު ދެން ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު "ކުރިމަތިނުލައި ރައީސް ސޯލިހަށް ފުރުސަތު ދިނުމަށް ދެ ފަހަރު މަސައްކަތް ކުރިން" ކަމަށެވެ.

"ރައީސް ސޯލިހްގެ ބައެއް އަރިސް ބޭފުޅުން އަދި ރައީސް ސޯލިހަށް ވެސް އެގޮތް ކަމުނުގޮސް، އަޅުގަނޑުމެން ނުލާ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް މާ ބޮޑަށް ދެކެވި، މުޅިކަން ހަރާބުވީ،" ސޯލިހާ ވާދަކޮށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިވި ނަޝީދުގެ މެސެޖްގައި ލިޔުއްވި އެވެ.

އއ. ރަސްދޫގައި ބޭއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން އެއްވުމެއްގައި ނަޝީދު ވާހަކަ ދައްކަވަނީ (ފޮޓޯ/ޓްވިޓާ)

ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބުވި ނަމަވެސް، ނަޝީދު އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ތާއީދެއް ނުކުރައްވަ އެވެ. އޭގެ ބަދަލުގައި ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް ހެއްދެވި އެވެ. އަދި އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކުން ވެސް ނެރުނެވެ.

ސޯލިހަށް ދެވަނަ ދައުރެއް ނުލިބުމުގެ އެންމެ ބޮޑު ބާރަކަށްވި އެއް ސަބަބަކީ ނަޝީދުގެ ތާއީދު އެ މަނިކުފާނަށް ނުލިބި، އެމްޑީޕީ ދެފަޅިވުމެވެ. ނަމަވެސް ނަޝީދު މިހާރު އަނެއްކާވެސް އަލުން އަނބުރާ އެމްޑީޕީއާ ގުޅިގެންނެވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ނަޝީދާއި ސޯލިހާ ދެމެދު ޖެހުނު މައްސަލަގަނޑު ހައްލުކުރަން ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ކުރެއްވި ބައެއް ކަންކަން އޭނާ ވަނީ ހިމަނުއްވާފަ އެވެ. ނަމަވެސް އެ މަސައްކަތުގެ ތެރެއިން ދެ ފަރާތުން ހިތްހަމަޖެހޭ އެއްބަސްވުމަކަށް ނާދެވުނު ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

އެގޮތުން، ސިޓީގައި ވިދާޅުވީ:

  • ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން ފަސް ފަހަރެއްގެ މަތިން އެ މަނިކުފާނުގެ ޓީމާ އެކު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބައްދަލު ކުރެއްވި؛ އެ ބައްދަލުވުންތަކުގައި ވާހަކަ ދެކެވުނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަނުކުރެއްވުމަށާއި ރިޔާސީ އިންތިހާބުގެ ކުރިއަށް ނިޒާމީ ވޯޓެއް ނެގުމަށާ އަދި އެ ވޯޓުގައި އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރުމަށް ކަމަށް

  • ދެ ފަރާތުން ހިތްހަމަޖެހޭ އެއްބަސްވުމަކަށް ނާދެވި، އެ މަޝްވަރާތައް އޭރު މަޑުޖެހުނު؛ އަނެއްކާވެސް ސޯލިހްގެ އެދިވަޑައިގަތުމަށް މަޝްވަރާތައް ފެށައި އެއްބަސްވުމަކަށް އާދެވުނު

"އެހެން ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ޕާޓީގެ ބައެއް އިސް ފަރާތްތަކަށް ގަބޫލު ކުރެވުނީ ރައީސް ނަޝީދުއާ އެކު އެއްބަސްވެވުނު ގޮތަށް ކުރިއަށް ނުދިޔުމަށެވެ،" ފައްޔާޒުގެ ސިޓީގައި އޭނާ ލިޔުއްވާފައިވެ އެވެ. 

ކޮމެންޓް (2)

ތެފައާސާ.

24 ނޮވެމްބަރު 2025
އަނގައެއް އޮތީތީ ބޭނުން އެއްޗެއް ކީދާނެ. ޕާޓީގެ ޕްރައިމަރީގައި ވާދަކޮށް ބަލިވީމާ، ޑިމޮކްރެސީގެ ހަމައިގައި ތަންދޮރު ފިލާތިބޭ މީހުން ހަދާ ގޮތަކީ މޮޅުވާ ކެންޑިޑޭޓުގެ ފަހަތަށް އަރައި ޕާޓީގެ މަސްލަހަތު އިސްކުރަނީ. އެކަމަކު އަހަރެމެންގެ ޑިމޮކްރެސީގެ ޗެޕްމިއަން ހެއްދެވިގޮތަކީ ބަރުލަމާނީއާއި ރިޔާސީއާއި ވިރާސީއަށް ދާންދެން ޝަރުތުތައް ކުރިމަތިކޮށްފައި އެންމެފަހުން ޕާޓީ ފުނޑާލައި ފޫވައްޓާލަން ފާޅުގައި ނިކުތީ. މަށަށް ނުވަންޏާ ތަށަށްވެސް ވިޔަ ނުދޭނަމޭ ކިޔަމުން. އާޚިރުގައި ހުރިހާ ގެއްލުމެއް އަހަރެމެން ރައްޔިތުންނަށް. ހައްގުތަކާއި ޑިމޮކްރަސީއާއި ހެޔޮ ވެރިކަމާއި ބާރުތަކުގެ މިނިވަންކަމާއި ޖުޑިޝަރީއާއި ނޫސްވެރިކަމާއި ދެން މިހެން ކިޔާނޭ ކަމެއް ނެތް، މި އޮތީ އެތައް އަހަރެއް ފަހަތަށް ސޮއްސާލާފައި. ޝުކުރިއްޔާ!!
8 0

ހަތަރެސްކަން

24 ނޮވެމްބަރު 2025
@ތެފައާސާ. ސަތޭކައިގެ ވާހަކައެއް
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް