ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފައްޔާޒު އިސްމާއީލް ބައްދަލު ކުރައްވަނީ.

އިސްތިއުފާ ދެއްވި ފައްޔާޒުގެ މަސައްކަތަށް ނަޝީދު ތައުރީފު ކުރައްވައިފި

ނަޝީދު ވިދާޅުވި ގޮތުގައި، ފައްޔާޒު ވަނީ އެމްޑީޕީއަށްޓަކައި އެތައް ހިދުމަތްތަކެއް ކުރައްވާފައި
23 ނޮވެމްބަރު 2025
1

އެމްޑީޕީ އުފެދުނީއްސުރެ، އެ ޕާޓީއަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން މިރޭ އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއީލްގެ މަސައްކަތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފް ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އެޑްރެސްކޮށް ފައްޔާޒު މިރޭ ވަނީ އޭނާ އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ ގޮތުން ދިގު ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި އޭނާ ވިދާޅުވި ގޮތުގައި، މަގާމުން އިސްތިއުފާ ދެއްވީ، ޕާޓީގެ ކަންކަން ކުރިއަށް ގެންދިއުމުގައި އޭނާއަކީ ހުރަހަކަށް ވިޔަ ނުދިނުމަށްޓަކަ އެވެ.

ބުނީ ކީކޭ؟ - ފައްޔާޒު އިސްތިއުފާ ދެއްވުމާ އެކު، ނަޝީދު އެކްސްގައި ވިދާޅުވީ އޭނާއަކީ ޕާޓީގެ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގެން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ޖަލަށް ވަޑައިގަންނަވަން ޖެހުނު ވަގުތު ޖެހިލުންވުމެއް ނެތި ޖަލަށް ވެސް ވަޑައިގެންނެވި ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ޕާޓީއާ އެކު ފައްޔާޒަށް އިިތުރު ކާމިޔާބީއަށް އެދެން،" ފައްޔާޒު ޓެގް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

އެނގުން މުހިއްމު - ފައްޔާޒުގެ ސިޓީގައި ވިދާޅުވީ ޖެނުއަރީ 2023ގައި ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ އެންމެ މަގުބޫލު ދެ ބޭފުޅުން ކަމުގައިވާ، އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ނަޝީދު ވާދަ ކުރައްވާނެ ކަމަށް ބެލެވުނު ކަމަށެވެ.

"އެ ދެ ބޭފުޅުން ވާދަ ކުރެއްވުމުގެ ނަތީޖާއަކީ ފަހުން އަޅުގަނޑުމެން ހިތާމަކުރަން ޖެހިދާނެ ހާލަތެއް މެދުވެރިވެދާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނު ކަމެކެވެ. މިއީ ކޮންމެހެން ވެސް ޕާޓީ އާއި މުޅި ގައުމުގެ ކުރިމަގަށް ވެސް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އަޅުގަނޑަށް ސިފަވި އެވެ،" އެމްޑީޕީ ނޫން އެހެން ސިޔާސީ ޕާޓީއެއްގައި ދުވަހަކު ވެސް ނޫޅުއްވާ ފައްޔާޒު ލިއުއްވާފައިވެ އެވެ.

މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ އޭގެ ފަހުން ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން ފަސް ފަހަރެއްގެ މަތިން ނަޝީދުގެ ޓީމާ އެކު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބައްދަލު ކުރެއްވި ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގައި ވާހަކަ ދެކެވުނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ނަޝީދު ވާދަ ނުކުރެއްވުމަށާއި ރިޔާސީ އިންތިހާބުގެ ކުރިއަށް ނިޒާމީ ވޯޓެއް ނެގުމަށާއި އަދި އެ ވޯޓުގައި އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް ދެ ފަރާތުން ހިތްހަމަޖެހޭ އެއްބަސްވުމަކަށް ނާދެވި، އެ ބައްދަލުވުންތައް އެ ވަގުތު ހުއްޓާލެވުނެވެ،" ފައްޔާޒު ވިދާޅުވި އެވެ. 

އޭގެ ފަހުން ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިން އަނެއްކާވެސް ނަޝީދާ އެކު މަޝްވަރާތައް ފެއްޓެވި ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އެއްބަސްވުމަކަށް އާދެވުނުކަން ވެސް އޭނާ އުފަލާ އެކު ފާހަގަ ކުރެއްވި އެވެ.

އެ އެއްބަސްވުމުގައި އޮތީ ރިޔާސީ ޕްރައިމަރީއެއް ނުބާއްވައި އެމްޑީޕީގެ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް ސޯލިހު ވާދަ ކުރެއްވުމަށް ކަމަށާއި ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކަށް ވޯޓަށް އެހުމަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އެއްބަސްވީ އެ ވޯޓުގައި އެމްޑީޕީން ވަކިކޮޅެއް ނުނަގާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ޕާޓީގެ ބައެއް އިސް ފަރާތްތަކަށް ގަބޫލު ކުރެވުނީ ރައީސް ނަޝީދުއާ އެކު އެއްބަސްވެވުނު ގޮތަށް ކުރިއަށް ނުދިޔުމަށެވެ،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ފާހަގަ ކުރެއްވި ގޮތުގައި، އެ ޕްރައިމަރީ ނިމުނު އިރު އޮތީ އެތައް އަހަރެއް ވަންދެން އެކުގައި އިސްލާހަށް ކުރި މަސައްކަތް އެކޮޅުކޮޅުން ޖެހި، އެކުވެރި ރަހުމަތްތެރިން މޫނު ކެެނޑިފަ އެވެ.

"އާއިލާއެއްގެ ގޮތުގައި އޮތް މި ޕާޓީ ދެފަޅިވެ، ރިޔާސީ އިންތިހާބު ވެސް ގެއްލިގެން ދިޔައީ އެވެ،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

ޑަރލިނީ

24 ނޮވެމްބަރު 2025
ނަށީދުގެ ކަމަކީ ބައިބަެިކުރުން. ކޮންމެ އިންތިޚާބަކާ ދިމާކޮށް މިސަކަރާތް އެބަޖަހާ. މިގައުމުގައި ފަސާދަ ނުކޮށް ހުރޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް