އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ފައްޔާޒު ވާހަކަ ދައްކަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ހަމަހަމަ ފުރުސަތަށް ޖާގަ ދިނުމަށް ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްތިއުފާ ދެއްވައިފި

ފައްޔާޒު ވިދާޅުވީ އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ކަންކަން ކުރިއަށް ގެންދިއުމުގައި އޭނާއަކީ ހުރަހަކަށް ވިޔަ ނުދިނުމަށް ކަމަށް

މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ އެޑްވައިޒަރާއި އެ ޕާޓީގެ ރައީސަށް ފުރިހަމަ އިހުތިރާމާއި ބާރާ އެކު ކަންކަން ނިންމައި ކަންކަން ކުރިއަށް ގެންދިއުމަށް ޗެއާޕާސަންއަކީ ހުރަހެއް ކަމަށް ދެކޭ ދެކުން ނިމުމަކަށް ގެނައުމަށް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްމާއީލް މިރޭ އިސްތިއުފާ ދެއްވައިފި އެވެ. 

ވީކިހިނެއް؟ - އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އެޑްރެސްކޮށް ފައްޔާޒު މިރޭ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ކަންކަން ކުރިއަށް ގެންދިއުމުގައި އޭނާއަކީ ހުރަހަކަށް ވިޔަ ނުދިނުމަށް ކަމަށެވެ.

ތަފްސީލް - ފައްޔާޒު ފޮނުއްވި ސިޓީގައި އެ ޕާޓީގެ ލީޑަރުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލު ކުރުމަށާއި އަސާސީ ގަވާއިދަށް ގެނައުމަށް އޮގަސްޓް 2022ގައި ކޮންގްރެސްއެއް ބޭއްވިކަން ފާހަގަ ކުރެއްވި އެވެ.

އެމްޑީޕީން 2022ގައި ބޭއްވި ކޮންގްރެސްގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަކިން މަޝްވަރާކުރައްވަނީ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އެ ކޮންގްރެސްގައި "ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދާ ދެމެދު ހުރި ހިޔާލު ތަފާތުވުންތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ދިޔަ"ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މާތް ﷲގެ އިރާދަފުޅާ އެކު އެ ކޮންގްރެސް ނިންމާލެވުނީ ވަރަށް ކާމިޔާބުކަމާ އެކު ދެ ފަރާތުން ވެސް ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރުމުގެ ނިޔަތާއި އެެއްބަސްވުމާ އެކު އެވެ،" ފައްޔާޒު ވިދާޅުވެފައިވެ އެވެ.

ނަމަވެސް އޭނާ ވިދާޅުވީ ޖެނުއަރީ 2023ގައި ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ އެންމެ މަގުބޫލު ދެ ބޭފުޅުން ކަމުގައިވާ، އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަ ކުރައްވާނެ ކަމަށް ބެލެވުނު ކަމަށެވެ.

"އެ ދެ ބޭފުޅުން ވާދަ ކުރެއްވުމުގެ ނަތީޖާއަކީ ފަހުން އަޅުގަނޑުމެން ހިތާމަކުރަން ޖެހިދާނެ ހާލަތެއް މެދުވެރިވެދާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނު ކަމެކެވެ. މިއީ ކޮންމެހެން ވެސް ޕާޓީ އާއި މުޅި ގައުމުގެ ކުރިމަގަށް ވެސް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އަޅުގަނޑަށް ސިފަވި އެވެ،" އެމްޑީޕީ ނޫން އެހެން ސިޔާސީ ޕާޓީއެއްގައި ދުވަހަކު ވެސް ނޫޅުއްވާ ފައްޔާޒު ލިއުއްވާފައިވެ އެވެ.

މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ އޭގެ ފަހުން ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން ފަސް ފަހަރެއްގެ މަތިން ނަޝީދުގެ ޓީމާ އެކު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބައްދަލު ކުރެއްވި ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގައި ވާހަކަ ދެކެވުނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ނަޝީދު ވާދަ ނުކުރެއްވުމަށާއި ރިޔާސީ އިންތިހާބުގެ ކުރިއަށް ނިޒާމީ ވޯޓެއް ނެގުމަށާއި އަދި އެ ވޯޓުގައި އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް ދެ ފަރާތުން ހިތްހަމަޖެހޭ އެއްބަސްވުމަކަށް ނާދެވި، އެ ބައްދަލުވުންތައް އެ ވަގުތު ހުއްޓާލެވުނެވެ،" ފައްޔާޒު ވިދާޅުވި އެވެ. 

އޭގެ ފަހުން ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިން އަނެއްކާވެސް ނަޝީދާ އެކު މަޝްވަރާތައް ފެއްޓެވި ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އެއްބަސްވުމަކަށް އާދެވުނުކަން ވެސް އޭނާ އުފަލާ އެކު ފާހަގަ ކުރެއްވި އެވެ.

އެ އެއްބަސްވުމުގައި އޮތީ ރިޔާސީ ޕްރައިމަރީއެއް ނުބާއްވައި އެމްޑީޕީގެ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް ސޯލިހު ވާދަ ކުރެއްވުމަށް ކަމަށާއި ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކަށް ވޯޓަށް އެހުމަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އެއްބަސްވީ އެ ވޯޓުގައި އެމްޑީޕީން ވަކިކޮޅެއް ނުނަގާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ޕާޓީގެ ބައެއް އިސް ފަރާތްތަކަށް ގަބޫލު ކުރެވުނީ ރައީސް ނަޝީދުއާ އެކު އެއްބަސްވެވުނު ގޮތަށް ކުރިއަށް ނުދިޔުމަށެވެ،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ފާހަގަ ކުރެއްވި ގޮތުގައި، އެ ޕްރައިމަރީ ނިމުނު އިރު އޮތީ އެތައް އަހަރެއް ވަންދެން އެކުގައި އިސްލާހަށް ކުރި މަސައްކަތް އެކޮޅުކޮޅުން ޖެހި، އެކުވެރި ރަހުމަތްތެރިން މޫނު ކެެނޑިފަ އެވެ.

"އާއިލާއެއްގެ ގޮތުގައި އޮތް މި ޕާޓީ ދެފަޅިވެ، ރިޔާސީ އިންތިހާބު ވެސް ގެއްލިގެން ދިޔައީ އެވެ،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބަށް ފަހު އޭނާ މަސައްކަތް ކުރެއްވީ 2024 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އިދިކޮޅު އެހެން ޕާޓީތަކާ އަދި ހާއްސަކޮށް އެމްޑީޕީން ވަކިވެ، ވަކި ޕާޓީއެއް ހެދި ފަރާތްތަކާ އެކު ކޯލިޝަނެއް ހަދައި ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ހޯދުމަށް މަަސަކަތް ކުރެއްވުމަށް ކަމަށެވެ. ނަމަވެސް އެކަން ވެސް ނިމުނީ ކޯލިޝަނަކަށް އެއްބަސް ނުވެވި، ވަކިން ވާދަ ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ އޭނާއަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ރަސްމީކޮށް އިއުލާން ނުކުރެއްވި ނަމަވެސް އެ ޕާޓީގެ ޓިކެޓްގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ހުރި އެހެން ބޭފުޅުން ވެސް އެ ޕާޓީގައި ތިއްބެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަން މިހެން އޮތުމުގެ ސަބަބުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. ޕާޓީން ކުރާ ކަންކަމާ މެދު ސުވާލު އުފަައްދަ އެވެ،" ފައްޔާޒުގެ ފޮނުއްވި ފަސް ސަފުހާގެ ސިޓީގައި ލިއުއްވާފައިވެ އެވެ.

"ރައީސް [މުހައްމަދު] މުއިއްްޒު ހިންގަމުންދާ ހުދުމުހުތާރު ވެރިކަމާ ދެކޮޅަށް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ވޭތުވެ ދިޔަ ދެ އަހަރު ގިނަ މަސައްކަތްތަކެއް މި ޕާޓީއަށް ކުރެވިފައިވީ ނަމަވެސް އެތެރޭގެ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން މި ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިގެންދާ މަންޒަރު އަޅުގަނޑަށް ފެނެ އެވެ. އަދި ޕާޓީގެ މަސައްކަތްތަކަށް އޭގެ ސަބަބުން ހިޔަނި އެޅެ އެވެ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް