ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

ޕާޓީން ވަކިކުރުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތަށް ބާއްވަން ކޮމިޓީން ނިންމައިފި

50 މެންބަރުން ތާއީދު ކުރެއްވީ، މިހާރުވެސް ގާނޫނުއަސާސީގައި އޮތް ގޮތަށް ޕާޓީން ވަކިކުުރުމުން އެ މެންބަރުގެ ގޮނޑި ގެއްލޭ ގޮތަށް ބޭއްވުމަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީން ވަކި ކުރުމުން، އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ފަހުކޮޅު ގާނޫނުއަސާސީއަށް ގެނައި ބަދަލު އެގޮތުގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

އެނގުން މުހިންމު - ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ހަ ގަޑިއިރު ތެރޭ ގާނޫނުއަސާސީއަށް މިދިޔަ އަހަރުގެ ނޮވެމްބަރުގައި ގެނައި އިސްލާހާ އެކު، މަޖިލިސް މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީ ބަދަލުކޮށްފި ނަމަ، އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީއަކުން އެ މެންބަރު ވަކިކޮށްފި ނަމަ، ގޮނޑި ގެއްލޭނެ އެވެ. އެގޮތަށް މެންބަރުގެ ގޮނޑި ގެއްލެނީ އޭނާ އިންތިހާބުކުރި ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި އެވެ.

ވީ ކިހިނެއް؟ - ޕާޓީން ވަކިކުރާ ހާލަތުގައި، ވަގުތުން ގޮނޑި ގެއްލުމުގެ ބަދަލުގައި އޭގެ ކުރިން އެ ދާއިރާގެ ރައްޔިތުންގެ އާންމު ވޯޓެއް ނުވަތަ ރޯލް ކޯލް ވޯޓެއް ނަގާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ސަރުކާރުން އަނެއްކާވެސް އިސްލާހެއް ހުށަހެޅުއްވީ މިމަހުގެ 16ގަ އެވެ.

ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ އިބްރާހިމް ޝުޖާއު ހުށަހެޅުއްވި އެ ބިލު ދިރާސާ ކުރަމުން ދަނީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ.

ތަފްސީލު - މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ރޯލް ކޯލް ވޯޓު ނަގަން ޖެހޭ ކަމަށް ބަޔާން ކުރާ މާއްދާ ބިލުން އުނިކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ (އައިބީ) އެވެ. އެގޮތުން:

  • ހުށަހެޅުން ފާސްވީ ޕީއެންސީގެ 50 މެންބަރުންގެ ވޯޓުން؛ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ އަށް މެންބަރުން

  • އެމްޑީޕީގެ ދެ މެންބަރަކު ވަކި ކޮޅަކަށް ވޯޓެއް ނުދެއްވާ؛ އެއީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. މުހައްމަދު ޝަމްހީދާއި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް

  • ޕީއެންސީގެ ބައެއް މެންބަރުން މި ވޯޓުގައި ބައިވެރިވެވަޑައެއްނުގަންނަވާ

އެ ހުށަހެޅުން ބިލުން އުނިކުރުމުން، ޕާޓީން މެންބަރު ވަކިކުރާ ހާލަތުގައި ވަގުތުން އެ މެންބަރުގެ ގޮނޑި ގެއްލޭނެ އެވެ. މިހާރު ވެސް ގާނޫނުއަސާސީގައި އޮތް ގޮތަށް ރައްޔިތުންގެ ބަހެއް ނެތި އެ ހާލަތުގައި އެ މެންބަރުގެ ގޮނޑި ގެއްލޭނެ އެވެ.

މި ބިލުގައި ދެން ހިމެނެނީ އަތޮޅު ކައުންސިލް އުވާލުމުގެ އިސްލާހެވެ. ކޮމިޓީން ނިންމީ، ބިލުން ގޮނޑި ގެއްލުމާ ގުޅޭ އިސްލާހު އުނިކުރުމަށް ފަހު، އަތޮޅު ކައުންސިލް އުވާލާ ގޮތަށް ބިލު ފާސް ކުރުމަށެވެ. އެގޮތުން:

  • ބިލު ކޮމިޓިން ފާސްވީ 52 މެންބަރުންގެ ވޯޓާ އެކު

  • ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 10 މެންބަރުން

ދެން މި ބިލަށް ވޯޓަށް އަހާނީ މަޖިލީހުގެ ޖަލްސާގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް