ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ގޮނޑި ގެއްލުމުގެ ކުރިން ދާއިރާގެ ވޯޓެއް ނަގަން ޕީއެންސީގެ ބައެއް މެންބަރުން ތާއީދެއް ނުކުރޭ

ޝުޖާއު ހުށަހެޅުއްވި މި އިސްލާހަށް ތާއީދުނުކުރައްވައި ޕާޓީގެ ޕީޖީ ލީޑަރު ފަލާހު ވެސް ވިދާޅުވީ މެންބަރުކަމުގެ ގޮނޑިގެއްލުމުން، އެކަމާ މެދު ގޮތެެއް އަހަން އަލުން ދާއިރާގެ ރައްޔިތުންގެ ގާތަށް ދާން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީ ބަދަލުކުރުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކިކުރުމުން އެ މެންބަރުގެ ގޮނޑި ގެއްލުމުގެ ކުރިން އެ ދާއިރާގެ ރައްޔިތުންގެ އާންމު ވޯޓެއް ނުވަތަ ރޯލް ކޯލް ވޯޓެއް ނަގާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި އިސްލާހަށް ވެރިކަންކުރާ ޕީއެންސީގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ހަ ގަޑިއިރު ތެރޭ ގާނޫނުއަސާސީއަށް މިދިޔަ އަހަރު ނޮވެމްބަރުގައި ގެނައި އިސްލާހާ އެކު، މިހާރު އޮންނަ ގޮތުން، މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީއަކުން އެ މެންބަރު ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭނެ އެވެ. އެގޮތަށް މެންބަރުގެ ގޮނޑި ގެއްލެނީ އޭނާ އިންތިހާބުކުރި ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި އެވެ.

ތަފްސީލް - ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ހުއްޓިފައި އޮތްއިރު، އޭރު އިސްލާހުކުރި މާއްދާތަކަށް އިތުރު އަކުރެއް އިތުރުކޮށް، ގޮނޑި ގެއްލުމުގެ ކުރިން ރައްޔިތުންގެ ވޯޓަކަށް އަހަންޖެހޭ ގޮތަށް މިފަހަރު ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ނައިބު ލީޑަރު، ބާރަށު ދާއިރާގެ އިބްރާހިމް ޝުޖާއު އެވެ.

ޝުޖާއުގެ އިސްލާހުގައި ހިމެނީ:

  • ޕާޓީން އަމިއްލައަށް ވަކިވުމުންނާއި އެހެން ޕާޓީއަކަށް ސޮއިކުރުމުން އަދި ޕާޓީން ވަކިކުރާ ހާލަތުގައި، އެ މީހަކު އިންތިހާބުވި ދާއިރާގެ ރައްޔިތުންގެ ހިޔާލު ހޯދަން އާންމު ވޯޓެއް ނަގަން ޖެހޭ ގޮތަށް 

  • މެންބަރުކަން ގެއްލޭނީ އެ ވޯޓުގައި އޭނާ ވަކިކުރަން އަގުލަބިއްޔަތު ލިބުމުން ކަމަށް

  • އެ ވޯޓުން އޭނާ މެންބަރުކަމުން ވަކިކުރަން ނުފެންނަ ކަމަށް އަގުލަބިއްޔަތު ލިބިއްޖެ ނަމަ، އެ މީހަކު މަޖިލީހުގެ މެންބަރުކަމުގައި ދެމިހުންނާނީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރެއްގެ ގޮތުގައި

  • އޭގެ ފަހުން، އެ މީހަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ، އޭނާގެ މެންބަރުކަން ގެއްލޭނެ

ބުނީ ކީކޭ؟ - މި ބިލު މަޖިލީހަށް ބަލައިގަތުމާ މެދު މިއަދު އޮތް ބަހުސްގައި ޕީއެންސީގެ ފަރާތުން ވާހަކަދެއްކެވި ތިން މެންބަރުންގެ ތެރެއިން ދެ މެންބަރުން ވާހަކަދެއްކެވީ ރޯލް ކޯލް ވޯޓަކަށް ދިއުމުގެ އެ އިސްލާހާ ދެކޮޅަށެވެ.

އެގޮތުން، މަޖިލީހުގެ މެޖޯރަޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ، ޕާޓީއެއްގެ މެންބަރަކު އެ ޕާޓީއަކުން ވަކިވުމުން ހުންނަންވާނީ މެންބަރުކަމުގެ ގޮނޑި ގެއްލިފައި ކަމަށާއި އެ ގޮނޑި ގެއްލުމާ މެދު ގޮތެެއް އަހަން އަލުން ދާއިރާގެ ރައްޔިތުންގެ ގާތަށް ދާން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް [މެންބަރުކަމުގެ ގޮނޑި ގެއްލުމުން] އަނެއްކާވެސް އިގުރައިދޫ ދާއިރާއަށް ގޮސްގެން [ކުރިމަތިލާންޖެހޭނެ ކަމަކަށް]. އަޅުގަނޑު ގޮނޑި ގެއްލުނީމާ ދެން އަނެއްކާވެސް އަޅުގަނޑު އަމިއްލައަށް ކުރިމަތިލާންވީ. އެއީ އަޅުގަނޑު ތާއީދުކުރާ ގޮތަކީ،" އޭނާ ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ:

  • މެންބަރުކަމަށް އިންތިހާބުވި ޕާޓީއަށް ހިދުމަތް ކަމުނުދާ ކަމަށް ނުވަތަ ބޭވަފާތެރިވެއްޖެ ކަމަށް ފެންނަ ނަމަ، ޕާޓީން ވަކިކުރަން މައްސަލައެއް ނެތް

  • މެންބަރުކަމަށް ކުރިމަތިލިއިރު ޕީއެންސީއަށް ދިން ޔަގީންކަން މަތީ ސިޔާސީ ދާއިރާ ނިންމާލާނެ ކަމުގެ ޔަގީންކަން އަމިއްލަ ނަފުސަށް އެބައޮތް

ދެން ވާހަކަދެއްކެވި ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ ވެސް ވިދާޅުވީ އޭނާ ތާއީދުކުރައްވަނީ މިހާރު އޮތް ގޮތަށް، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ބޭއްވުމަށް ކަމަށާއި އިރުއިރުކޮޅާ ގޮނޑި ވިއްކާލެވޭ ގޮތަށް ފުރުސަތު ދެވޭ އުސޫލެއް އޮވެގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑު ތާއީދެއް ނުކުރަން. މިއީ ސަރުކާރު، ބާރަށު ދާއިރާގެ މެންބަރު [ޝުޖާއު] ހުށަހެޅުއްވިޔަސް އަޅުގަނޑު މިއަކަށް ތާއީދެއް ނުކުރަން. އަޅުގަނޑު ތާއީދުކުރާނީ މިހާރު މިއޮތް ގޮތަށް ބާއްވަން. ގޮނޑި ގެއްލިއްޖެއްޔާ ގެއްލެންޖެހިގެން ގެއްލޭނީ. ގެއްލުނީމަ ދާންވީ. އަނެއްކާވެސް ކުރިމަތިލައިގެން އިންތިހާބެއްގައި އަންނަންވީ. ރައްޔިތުންނަށް ލިބޭނެ ފުރުސަތު ވޯޓުލާން،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.

އެކަމަކު ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ ދެވަނަ އިސްލާހު، އަތޮޅު ކައުންސިލު އުވާލުމުގެ އިސްލާހަށް މި ދެ ބޭފުޅުން ވެސް ތާއީދުކުރެއްވި އެވެ. 

ގުޅުން ހުރި - ޕާޓީން ވަކިކުރާ ހާލަތުގައި ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާ ގޮތަށް ހަދަން މީގެ ކުރިން އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މީކާއިލް އަހްމަދު ނަސީމް ވެސް ހުށަހެޅުއްވި އެވެ. ނަމަވެސް ޕީއެންސީގެ ބޮޑު މެޖޯރަޓީއަކުން، 77 މެންބަރުން ވޯޓާ އެކު އެ ހުށަހެޅުން އޭރު ބޭރުކޮށްލި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް