'ރައިޒް އަޕް ޔޫތު' ނަމުގައި ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ޔާމީން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ހިއްކާ ބިމަކުން ގޯތި ދީގެން ރައްޔިތުންނަކަށް އަދި ނޫޅެވޭނެ: ޔާމީން
މާލެ ސަރަހައްދުގައި ހުރި ފަޅުތަކާއި ރަސްމާލެ ނަމުގައި ރަށެއް އުފެއްދުމަށް ބިން ހިއްކަމުންދާ ފުށިދިއްގަރުފަޅުން ގޯތި ދޭން އިއުލާންކުރިއަކަސް ރައްޔިތުންނަށް އަދި ނޫޅެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - މި ސަރުކާރުގެ އެންމެ ބޮޑު ޕްރޮޖެކްޓްގެ ގޮތުގައި އިޝްތިހާރުކުރަމުންދާ ރަސްމާލޭން 15،000 ގޯތި ދޫކުރަން ވަނީ އިއުލާންކޮށްފަ އެވެ. އެ ކަމަށް ފާޑުވިދާޅުވެ ޔާމީން ވާހަކަ ދެއްކެވީ ހުޅުމާލެ ފޭސް ދޭއްގައި 'ރައިޒް އަޕް' ނަމުގައި ބޭއްވި އިވެންޓްގަ އެވެ.
ބުނީ ކީކޭ؟ - ސަރުކާރަށް ދެ އަހަރު ފުރިގެން ވެރިކަންކުރާ ޕީއެންސީން ބޮޑު ޖަލްސާއެއް ބާއްވާތީ އެންމެ އިންތިޒާރުކުރެއްވީ އެ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒުގެ ވާހަކަފުޅުގައި ސަރުކާރުން ރައްޔިތުންނަށް ކޮށްދެވުނު ވާހަކަ އަޑުއެއްސެވުމަށް ކަމަށް ޔާމީން ވިދާޅުވި އެވެ.
ނަމަވެސް މުޅިން ވެސް އިވުނީ ސަރުކާރުން ކޮށްދޭން ހުރި ކަންކަމުގެ ވާހަކަ ކަމަށް ޔާމީން ވިދާޅުވި އެވެ. އޭގެ ތެރޭގައި ވެސް ގިނައީ ބިން ހިއްކުމާއި ފަޅުފަޅުން ގޯތި ދޫކުރާ ވާހަކަ ކަން ވެސް ޔާމީން ފާހަގަކުރެއްވި އެވެ.
"ދެއްކެވީ ރަސްމާލެއިން 15،000 މީހުނަށް ގޯތި ދެއްވާނަމޭ. ކާށިދޫ ކަނޑުން 30،000 މީހުނަށް ގޯތި ދެއްވާނަމޭ. ބަރަވެލި ކަނޑުން 20،000 މީހުނަށް ގޯތި ދެއްވާނަމޭ. ހައްތަހާ ވެސް ކުރަން ހުރި ކަންކަމުގެ ވާހަކަ،" ޔާމީން ވިދާޅުވި އެވެ.
ނަމަވެސް ޔާމީން ގަބޫލުކުރައްވާ ގޮތުގައި، އެއީ ސަރުކާރަކުން ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވޭނެ ކަމެއް ނޫނެވެ. ބިން ހިއްކުމަކީ އެންމެ ފަސޭހައިން ކުރެވެން އޮތް ކަންތައް ކަމަށާއި އެކަން އެކަނިކޮށްގެން ނުުފުދޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
"މިހެން ހިއްކާ ބިމަކުން އަދި ގޯތި ދީގެނެއް ރައްޔިތުންނަކަށް އަދި ނޫޅެވޭނެއޭ. ކޮބައިތޯ އިންފްރާސްޓްރަކްޗާ؟" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެ ހިއްކާ ބިމެއްގައި އެއްގަމު ތޮށްޓާއި ކަނޑުތޮށި ވެސް ލާން ޖެހޭނެ ކަމަށެވެ. ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ވެސް އިންފްރާސްޓްރަކްޗާ ލާން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. ސިއްހީ އަދި ތައުލީމީ ހިދުމަތްތަކުގެ އިތުރުން ދޫކުރާ ގޯތީގައި ގެދޮރުއެޅޭނެ ގޮތެއް ވެސް ހޯދައިދޭން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެ ހުރިހާ ކަމެއް ކޮށް ނިމޭއިރު މުއިއްޒު ކިތަންމެ މުރާލި ވިއަސް އަޅުގަނޑަށް ހީވަނީ މުއިއްޒު އެނދުމަތިވާނެހެން،" ސަމާސާ ރާގެއްގައި ޔާމީން ވިދާޅުވި އެވެ.
ޖަލްސާ އެ ވަގުތު ކުރިއަށްދާ ހުޅުމާލެ ފޭސް ދޭއްގެ ބިމަކީ މީގެ ހަތް އަހަރު ކުރިން ޔާމީންގެ ވެރިކަމުގައި ހިއްކައި ނިމުނު ބިމެއްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ މިހާތަނަށް އައި އިރު ސަރުކާރުތަކަށް އެ ބިންތައް ވެސް ރަނގަޅަށް ބޭނުން ނުކުރެވޭ ކަމަށެވެ.
"މި އުޅެނީ މި ހުޅުމާލެ ފޭސް ދޭއް ފުރިހަމަނުކުރެވިގެން. އެހެންވީމާ ރަސްމާލޭން، ރާޖޫމާލޭން ބިން ދެއްވާނަމޭ ބުންޏަކަސް ކިިހިނެއްތޯ މި އިން ތަނެއްގައި މީހަކަށް އުޅެވޭނީ،" ޔާމީން ވިދާޅުވި އެވެ.
ކޮމެންޓް (2)
ސުހާނާ
ެރރެރެރެ