ރައީސް މުހައްމަދު މުއިއްޒު ރަސްމާލެ ބިން ހިއްކާ ސަރަހައްދުގައި (ފޮޓޯ/ ރައީސް އޮފީސް)

ރައީސް މުއިއްޒު ރަސްމާލެ ހިއްކާ ސަރަހައްދަށް ޒިޔާރަތްކުރައްވައިފި

5 މަސް ތެރޭ ރަސްމާލޭން ހިއްކާ ނިމޭ ސަރަހައްދުން ދޫކުރަން ނިންމާފައިވާ 15،000 ގޯއްޗަށް ކުރިމަތިލާން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސް އިއްޔެ ވިދާޅުވި
12 ނޮވެމްބަރު 2025
2

ކ. ފުށިދިއްގަރުފަޅުގައި 'ރަސްމާލެ' ނަމުގައި ތަރައްގީކުރާ ރަށަށް ބޭނުންވާ ބިން ހިއްކާ ސަރަހައްދަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ޒިޔާރަތްކުރައްވައި މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލައްވައިފި އެވެ.

ވީކިހިނެއް؟ - ރައީސް މުއިއްޒު އާއި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބްގެ އިތުރުން ސަރުކާރުގެ ބައެއް އެހެން އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މާލޭ ދާއިރާތަކުގެ ބައެއް މެންބަރުންނާ އެކު މިއަދު ހަވީރު އެ ތަނަށް ވަޑައިގަތީ ކ. ގުޅިއަށް އެ މަނިކުފާނު ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވި މަގުމަތީގަ އެވެ.

ތަފްސީލް - ރައީސް މުއިއްޒު އެ ސަރަހައްދަށް ވަޑައިގެންނެވި މަންޒަރާ އެކު ރައީސް އޮފީހުން ޝާއިއުކުރި ހަބަރުގައިވާ ގޮތުން، މިހާތަނަށް އެ ފަޅުގެ ތިން ސަރަހައްދެއްގައި ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ގޮތުން:

  • ސައިޓް-ޖޭގެ މަސައްކަތް ވަނީ އެއްކޮށް ނިމިފައި

  • ސައިޓް-އެލްގެ %25.53 ވަނީ ނިމިފައި

  • ސައިޓް-ސީގެ %20.09 ވަނީ ނިމިފައި

ރައީސް މުހައްމަދު މުއިއްޒު ރަސްމާލެ ބިން ހިއްކާ ސަރަހައްދަށް ވަޑައިގެން އެ މަސައްކަތުގައި އުޅޭ ކުންފުނީގެ މުވައްޒަފުންނާ ސަލާމް ކުރައްވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ފާހަގަކޮށްލެވޭ - އިއްޔެ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް 5 މަސް ތެރޭ ރަސްމާލޭން ހިއްކާ ނިމޭ ސަރަހައްދުން 15،000 ގޯއްޗަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށެވެ.

އެ ގޯތިތަކަށް މާލޭގައި ދިރިއުޅޭ ކޮންމެ މީހަކަށް ވެސް ކުރިމަތިލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރަސްމާލޭން ހިއްކާ 1،100 ހެކްޓަރުގެ ބިން ހިއްކުން ބާރު ސްޕީޑުގައި ކުރިއަށް ގެންދާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މާލެ ސަރަހައްދުން ބިން ހިއްކަނީ މި ސަރަހައްދުގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށެވެ.

އެ މަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް، މިހާތަނަށް އެއްވެސް ބޯހިޔާވަހިކަމެއް ނުލިބޭ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް އަމާޒުކޮށްގެން ބޯހިޔާވަހިކަން އެންމެ ބޭނުންވާ މީހުންނަށް ފުރަތަމަ އިސްކަންދޭ ގޮތަށް އާއިލީ ބޯހިޔާވަހިކަމުގެ ކޮންސެޕްޓުގައި ކުރިމަތިލާން ހުޅުވާލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް (2)

ކޮސް

13 ނޮވެމްބަރު 2025
އެއްކަލަ ބިއްލޫރި ޓަނަލްގެ ވާހަކަ ހިތަށްއަރާފަ ހަމަ ހިނި އަންނަނީ. ޕީ.އެން.ސީ ގެ 90 އިންސައްތަ މީހުން އެކަނިވާ ވަގުތުތަކުގާވެސް ހަމަ ވަގު ހިންޏެއް އަންނަނީ ........!؟ އެވެރިން ހިނިއަންނަނީ އެއްގޮތަކަށްވެސް "ހެޕީވެގެނެއް" ނޫން....
0 0

ތެފައާސާ.

13 ނޮވެމްބަރު 2025
@ކޮސް ބިއްލޫރި ޓަނަލް ބިއްލޫރި ވީމާ ދުރަށް ނުފެންނަނީ. އޮތީ ނިމިފައި. ކައިރިއަށް ޖެހިލާފައި ބެލީމާ ފެންނާނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް