ރަސްމާލެ މަޝްރޫއު ހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު. (ފޮޓޯ/ރައީސް އޮފީސް)
މާލެ ސަރަހައްދުގައި 7،000 ފްލެޓް އަޅަން ފަށައި 15،000 ގޯއްޗަށް ހުޅުވާލަނީ
މާ ގިނަ ދުވަހެއް ނުވެ މާލެ ސަރަހައްދުގައި 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާނެ ކަމަށާއި މާލެ ސަރަހައްދުން ދޫކުރާ ގޯތިތަކަށް ކުރިމަތިލާން ކުޑަ ދުވަސްކޮޅެއްގެ ތެރޭ ހުޅުވާލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސޯޝަލް ސެންޓަރުގައި ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މާލޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ ކުރިއަށް އޮތް 5 މަސް ތެރޭ ރަސްމާލޭން ހިއްކާ ނިމޭ ސަރަހައްދުން ދޫކުރަން ނިންމާފައިވާ 15،000 ގޯއްޗަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖުތިމާއީ މައްސަލަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ 13 ރަށެއްގައި 850 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފައިވާ ކަމަށެވެ.
"މާލޭގައި ވެސް އަޅުގަނޑު ވެފައި ހުރި ވައުދު ފުއްދުމަށް ދާދި އަވަހަށް، މި އަހަރު ތެރޭގައި މުހިއްމު މަޝްރޫއުތަކެއް އެބަ ފަށަން،" ކުރިއަށް އޮތް ދުވަސްތަކުގައި އޭގެ ތަފްސީލު ހާމަކުރައްވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
"ޖުމްލަކޮށް ހައުސިން ޔުނިޓަށް ބަލާ ނަމަ މި އަހަރު ތެެރޭ މާލޭގައި އަޅުގަނޑުމެން މި މަސައްކަތް ކުރަނީ [މި އަހަރުގެ] ބާކީ މި އޮތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި 3،000 ހައުސިން ޔުނިޓުގެ އެގްރިމެންޓެއްގައި ކަމާ ބެހޭ އުސޫލުތަކުގެ ތެރެއިން ސޮއިކޮށް، މަސައްކަތް ހަވާލުކުރަން،" ރައީސް ވިދާޅުވި އެވެ.
މި 3،000 ހައުސިން ޔުނިޓުގެ އިތުރުން، އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުން އިތުރު 4،000 ހައުސިން ޔުނިޓު ހަމަޖެހިފައިވާ ކަމަށާއި އެހެން ގައުމުތަކުގެ އެހީގައި ވެސް މަޝްރޫއުތައް އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.
"ކުރު ގޮތަކަށް ދަންނަވަންޏާ މާލެ ސަރަހައްދުގައިި ވެސް އަމަލީ ގޮތުން، ރިއަލިސްޓިކަލީ އަމަލީ މަސައްކަތް ފެށޭނެ ގާތްގަނޑަކަށް 7،000އަށް ވުރެ ގިނަ ހައުސިން ޔުނިޓުގެ މަސައްކަތް އެ ވަނީ ތަރުތީބު ކުރެވިފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.
ގޯތި ދޫކުރުމަށް ބިން ހިއްކުމުގެ މަސައްކަތްތައް ވެސް މިހާރު ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން، އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި:
-
ހުޅުމާލެ ފޭސް 3ގެ ބާކީ އޮތް ސަރަހައްދު ހިއްކަން އިއްޔެ ވަނީ ފަށާފައި
-
ގިރާވަރުފަޅުގެ ބާކީ އޮތް ބައި ހިއްކަން އިއްޔެ ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައި؛ މި މަސް ތެރޭ މަސައްކަތް ފަށާނެ
-
އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފަށާނެ
-
ރަސްމާލެ ހިއްކުން ތިން ސަރަހައްދެއްގައި ކުރިއަށް އެބަދޭ
"އެ މަސައްކަތް [ރަސްމާލެ ހިއްކުން] ތިން ގުނައަށް ބާރުވާނެ އަންނަ މަސް ތެރޭ. މާނައަކީ އިތުރު ޑްރެޖަރުތައް އަޅުގަނޑުމެން ވަނީ އެގްރިމެންޓު ހަދައި ފައިސާ ދައްކާފައި،" ރައީސް ވިދާޅުވި އެވެ.
ރަސްމާލޭން ހިއްކާ 1،100 ހެކްޓަރުގެ ބިން ހިއްކުން ބާރު ސްޕީޑުގައި ކުރިއަށް ގެންދާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މާލެ ސަރަހައްދުން ބިން ހިއްކަނީ މި ސަރަހައްދުގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށެވެ.
"މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ނުލިބި އެތައް އަހަރެއް ވެގެން ގޮސްފައި މިވާ މައްސަލައަށް ދާއިމީ ހައްލު ގެނައުމަށްޓަކާ. ބިން ހިއްކުން ބާރަށް ކުރިއަށްދާތީ އަޅުގަނޑުމެން އިސާހިތަކު މި ހުޅުވާލަނީ، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭ އިއުލާނު ކުރާނަން ތަފްސީލުތަކާ އެކު މި ގޯތިތަކަށް ކުރިމަތިލާން، ގޯތި ބޭނުންވާ ފަރާތްތަކަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް، މިހާތަނަށް އެއްވެސް ބޯހިޔާވަހިކަމެއް ނުލިބޭ 18 އަހަރުން މަތީގެ ރައްޔިތުންނަށް އަމާޒުކޮށްގެން ބޯހިޔާވަހިކަން އެންމެ ބޭނުންވާ މީހުންނަށް ފުރަތަމަ އިސްކަންދޭގޮތަށް އާއިލީ ބޯހިޔާވަހިކަމުގެ ކޮންސެޕްޓުގައި ކުރިމަތިލާން ހުޅުވާލާނެ ކަމަށެވެ.
"ރަސްމާލެއިން އަޅުގަނޑުމެން މިހާރު މި ހިއްކާ ބިމުން ފުރަތަމަ ބުރުގައި އަޅުގަނޑުމެން އަންނަ އަހަރު، ކުރިއަށް އޮތް 5 މަސް ތެރޭ ހިއްކޭނެ ބިމުގައި 15،000 ގޯތި ދިނުމަށްޓަކާ މި ހުޅުވާލަނީ. 15،000 ގޯތި ދޭނީ އަޅުގަނޑު ވައުދުވެފައިވާ ގޮތަށް މާލޭ ރަށްވެހިންނަށް. މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ފަރާތްތަކަށް، މާލޭ ދަފްތަރުގައި ތިބި ފަރާތްތަކަށް. މި ފަރާތްތައް ހިމެނޭހެން ޖުމްލަކޮށް މާލޭގައި ދިރިއުޅޭ ފަރާތްތަކަށް،" ރައީސް ވިދާޅުވި އެވެ.
"ކުދިކުދި ގޯޅިތަކުގައި ހުރި ގެތައް ބޭންކުން ލޯނު ނުނެގޭތީ އެ ގޯތިތައް އެއްކޮށް ދޫކޮށްލާފައި ލާޖައްސާ އުސޫލުން ބިން ބޭނުންވާ ފަރާތްތައް ވެސް ހިމެނޭހެން."
ރައީސް ވިދާޅުވީ އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް އެކި މުއައްސަސާތަކާއި އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޯހިޔާވަހިކަން ދިނުމަށް ވަކި އަދަދުތަކުން ގޯއްޗަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ހުޅުވާލަނީ ބިން ހިއްކުން ނިމެންވާއިރަށް މި ގޯތިތައް ލިބޭ ފަރާތްތައް ކަނޑައަޅައި ނިންމަން. އެހެންވީމާ ގޯތި ބޭނުންވާ ހުރިހާ ފަރާތްތަކަށް މާލެ ސަރަހައްދުން ދެވޭނެ ގޯތިތައް ދީ ނިންމަން،" ރައީސް ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި އަޅާ 7،000 ފްލެޓަށް ވެސް އެ އުސޫލުން ހުޅުވާލާނެ ކަމަށާއި އޭގެ ތެރޭގައި:
-
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިޔާ ފްލެޓު ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުުގެ ސަރުކާރުގައި ފްލެޓު ނުދީ އަތުލި މީހުންނަށް ފްލެޓު ދޭނެ ކަމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ފްލެޓު ދޭނެ
"ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން މި ދެންނެވި ގޮތަށް ދާދި އަވަހަށް މި ހުޅުވާލަނީ،" ރައީސް ވިދާޅުވި އެވެ.
ކޮމެންޓް (9)
ދޮވެމި ކަލަމިންޖާ
މުހަންނަދު
ޖަސްޓް
ކޮބާތޭ
ވަމުންދަނީ
ތަމެންދޯ
ކޮސް
ތެފައާސާ.
ގޮވާލުން