ރައީސް މުއިއްޒު ގުޅީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)
ރަސްމާލެ މަޝްރޫއު އަވަސްކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ރައީސް
ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވާއިރު، އެ މަސައްކަތުގެ ސްޕީޑް ދެ ގުނަ ނުވަތަ ތިން ގުނަ އަވަސް ކުރަން އިތުރު ކުންފުނިތަކުން ޑްރެޖަރުތައް ހޯދައި އެތައް މަޝްރޫއެއް އެއްފަހަރާ ކުރިއަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވައި އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކާ ބައްދަލުކުރައްވަން ރައީސް ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުގައި ކ. ގުޅިއަށް މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ ރާއްޖެއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ނުވަތަ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަހައްދަކުން އެންމެ ބޮޑު ހައްލު އަންނާނެ މަޝްރޫއު ކަމަށެވެ.
"އެއް ތަނަކުން، އެއް ފަސްގަނޑެއްގައި އެންމެ ގިނަ މީހުން އާބާދުވާނެ، އެންމެ ބޮޑު މަޝްރޫއު އިރާދަކުރެއްވިއްޔާ. މިހާރު އަމަލީ ގޮތުން ބިން ހިއްކުން ކުރިއަށް އެ ހިނގަނީ،" މިދިޔަ އަހަރު އެ މަޝްރޫއުގެ މަސައްކަތް އެންމެ ބޭނުންވި ސްޕީޑުގައި ކުރިއަށް ނުގެންދެވޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
"އިތުރު ބައެއް ފަރާތްތަކުން، އިތުރު ބައެއް ކޮމްޕެނީތަކުން އަޅުގަނޑުމެން ޑްރެޖަރު މޮބިލައިޒް ކުރުވައިގެން އެއްފަހަރާ އެތައް މަޝްރޫއުތަކެއް އެތައް ފަރާތްތަކެއްގެ މަސައްކަތްތަކެއް އެތާ ފެށުމަށް މި މަސައްކަތް ކުރަނީ. އެހެންވީމަ ސްޕީޑް ދެ ގުނަ އަދި ތިން ގުނައަށް ބާރުވާނެ، އިރާދަކުރެއްވިއްޔާ."
ރައީސް ވިދާޅުވީ ރަސްމާލޭގެ މަސައްކަތް ނިމުމުން ބޯހިޔާވަހިކަމުގެ އިތުރުން އިގްތިސޯދީ އެތައް ފަހި ފުރުސަތުތަކެއް ވެސް ލިބިގެންދާނެ ކަމަށެވެ.
"އެކަމަކީ އަޅުގަނޑުމެން ވަރަށް ޔަގީންކަމާ އެކީގައި ދެކޭ ކަމެއް. އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަދި މި ސަރަހައްދަށް އާންމުކޮށް ވަރަށް ބޮޑު ފައިދާއެއް ވާނެ ކަމަކަށް ވާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި އާ އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރަކަށް ހައްދަވާނެ ކަމަށެވެ.
ފަސްމަންޒަރު - 'ރަސްމާލެ'ގެ ނަމުގައި ފުށިދިއްގަރުފަޅު ތަރައްގީކުރަން، ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ގުޅިގެން އެ ތަން ހިއްކަން ފެށީ 18 ޑިސެމްބަރު 2023ގަ އެވެ. ނަމަވެސް އެ މަސައްކަތް މެދު ކަނޑާލުމަށް ފަހު އަލުން ފެށީ މިދިޔަ ނޮވެމްބަރުގަ އެވެ.
އެ މަޝްރޫއު ކުރިން ހަވާލުކޮށްފައި އޮތީ ސީއެމްސީއާ އެވެ. ނަމަވެސް ކޮންޓްރެކްޓަރަށް ބިންތަކެއް ނުދީ އެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާތީ އެ ކުންފުނީގެ އެއްބަސްވުން ސަރުކާރުން ވަނީ އުވާލައިފަ އެވެ.
ގުޅީ ކައިރީގައި އޮންނަ ފުށިދިއްގަރު ފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށާއި މަސައްކަތް ތާވަލާ އެއްގޮތަށް ދާ ނަމަ، އަށް މަސް ތެރޭ ހިއްކައި ނިމޭނެ ކަމަށް ރައީސް މުއިއްޒު އޭރު ވިދާޅުވެފައިވެ އެވެ.
ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދޭން އަމާޒުކޮށް ރަސްމާލޭގައި އެކަނި ވެސް އެކި ކަހަލަ 30،000 ހައުސިން ޔުނިޓް އަޅާނެ ކަމަށް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް (4)
ހިސްޓޯރިއަން
ސިކުނޑި
ކޮސް
ސިކުނޑި