މަޖިލީހުގެ މެންބަރަކު ބަޖެޓު ފޮތް ބައްލަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ބަޖެޓް26

އަންނަ އަހަރަށް ލަފާކޮށް ހުށައެޅި 64 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމެޓީ އިން ފާސްކޮށްފި

މިއަދު ބޭއްވި ބަޖެޓު ކޮމެޓީގައި އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގެ ޖުމްލަ އަދަދަށް ބަދަލެއް ނައި ނަމަވެސް ޕީއެންސީގެ މެންބަރުން ހުށަހެޅުއްވި ބައެއް ކުދި އިސްލާހުތައް ވަނީ ފާސްކޮށްފައި

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 64 ބިލިއަން ރުފިޔާގެ ބަޖެޓުގެ ޖުމްލަ އަދަދަށް ބަދަލު ގެނައުމެއް ނެތި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމެޓީ އިން ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ބޭއްވި ބަޖެޓު ކޮމެޓީގައި އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގެ ޖުމްލަ އަދަދަށް ބަދަލެއް ނައި ނަމަވެސް ޕީއެންސީގެ މެންބަރުން ހުށަހެޅުއްވި ބައެއް ކުދި ކުދި އިސްލާހުތައް ވަނީ ފާސްކޮށްފަ އެވެ.

ތަފްސީލް - ބަޖެޓުގެ މަސައްކަތް ކޮމެޓީ އިން ކުރިއަށް ގެންދިޔައިރު ބައެއް މުވައްސަސާތަކުން ބަޖެޓަށް ބަދަލުތައް ގެންނަން ހުށަހެޅި ނަމަވެސް އެ ބަދަލު ގެނެވެން ނެތްކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފައިވާ ކަމަށް ކޮމެޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވި އެވެ.

"އަންނަ އަހަރު ވަރަށް ބޮޑެތި ހަރަދުތަކެއް ހިނގާނެތީ، [ބައެއް ތަންތަނުން އެދޭ] އިތުރު ބަޖެޓް ދެވެން ނެތްކަމަށް،" ސަލީމް ވިދާޅުވި އެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅި ބަޖެޓްގެ އިތުރަށް 3.5 މިލިއަން ރުފިޔާ ބަޖެޓުގެ ތެރެއިން ދޫކުރުމަށް މިނިސްޓްރީ އިން ނިންމާފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

"ފިނޭންސް މިނިސްޓްރީ އިން، އަންނަ އަހަރު ބަޖެޓަށް ދަތިވާ ދަތިވުންތަކަށް ބޭނުންވާ ފައިސާ ހާއްސަ ބަޖެޓުގެ ތެރެއިން ދޫކުރާނެ ކަމަށް އެބޭފުޅުން ވަނީ ޖަވާބު ދެއްވާފައި." ސަލީމް ވިދާޅުވި އެވެ.

އެގޮތުން މިނިވަން މުވައްސަސާތަކުގެ ބަޖެޓަށް ދަތިވާ ފައިސާ ވެސް އެ އުސޫލުން ދޫކުރާނެކަން ފިނޭންސް މިނިސްޓްރީ އިން އަންގާފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ބަޖެޓު ރެކޮމެންޑޭޝަންގެ ގޮތުގައި މަސްވެރިންނަށާއި ދަނޑުވެރިންނަށް ހާއްސަކޮށްގެން، ހާއްސަ ބަޖެޓުންް ފައިސާ އިތުރުކޮށްދިނުމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެ ހުށަހެޅުން ފާހެއް ނުވެ އެވެ.

  • 2026 ވަނަ އަހަރަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 40 ބިލިއަން ރުފިޔާ ހޯދުމަށް ފިނޭންސް މިނިސްޓްރީ އިން ހުށަހަޅާފައިވާ ކަންތައްތައް ތަންފީޒު ކުރުމަށް ފާސްކޮށްފައިވޭ

އެނގުން މުހިއްމު - އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 64 ބިލިއަން ރުފިޔާގެ ބަޖެޓުގައި:

  • ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ - ޓެކުހުގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ އަދި އެ ނޫން ގޮތްގޮތަށް 8.7 ބިލިއަން ރުފިޔާ

  • ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ 373.6 މިލިއަން ރުފިޔާ

  • ޖުމްލަ އާމްދަނީ (ހިލޭ އެހީއާ އެކު) - 40.4 ބިލިއަން ރުފިޔާ

  • ހަރަދުވާނެ ކަމަށް ލަފާކުރަނީ - 49.2 ބިލިއަން ރުފިޔާ

  • ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރަން 8.8 ބިލިއަން ރުފިޔާ ބޭނުންވާނެ

  • ބަޖެޓުގެ %62 ކަނޑައަޅާފައިވަނީ ރިކަރަންޓު ހަރަދަށް؛ އެއީ 39.9 ބިލިއަން ރުފިޔާ


އިތުރު އާޓިކަލް

އިތުރު އާޓިކަލް