މީރާގެ އޮފީސް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މީރާ

މިހާރު އޮތް ވަރުގެ ބަޖެޓަކުން ފަންނީ މުވައްޒަފުން ހުސްވެ، ޓެކްސް ނިޒާމު ނުބެލެހެއްޓިދާނެ: މީރާ

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓް ފޮނުވީ، މީރާއިން މިނިސްޓްރީއަށް ފޮނުވި ބަޖެޓުގައި މުސާރައިގެ ހަރަދުގެ ގޮތުގައި އޮތް 3 މިލިއަން ރުފިޔާ އުނިކޮށްފައި
15 ނޮވެމްބަރު 2025
1

ދައުލަތަށް ޓެކްސް އެއްކުރުމަށް އޮންނަ މުއައްސަސާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ފަންނީ މުވައްޒަފުން ހިފެހެއްޓުމަށް ހުރި ގޮންޖެހުންތައް ބޮޑުވެފައިވާއިރު، މިހާރު އޮތް ބަޖެޓާ އެކު ކުރިއަށް ދަންޏާ ފަންނީ މުވައްޒަފުން ހުސްވެދާނެ ކަމަށް އެ ތަނުން މިއަދު ބުނެފި އެވެ.

ވީކިހިނެއް؟ - ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބަޖެޓްގައި މިރާއަށް ހިމަނާފައި ވަނީ، މީރާއިން އެދުނު އަދަދުން 4.1 މިލިއަން ރުފިޔާ އުނިކޮށްފަ އެވެ. އެގޮތުން، އުނިކޮށްފައިވަނީ:

  • މުސާރައަށް އޮތް ހަރަދުން 3 މިލިއަން ރުފިޔާ

  • ބާކީ 1.1 މިލިއަން ރުފިޔާ އެއީ އެހެނިހެން އެކި ދާއިރާތަކުން

ފިނޭންސް މިނިސްޓްރީން ބަޖެޓުން އެ ވަރު އުނިކުރުމުން، މަޖިލީހުގައި ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް މީރާއިން ވަނީ ސިޓީއެއް ފޮނުވައިފަ އެވެ. އެހެންވެ މީރާގެ އިސް ބޭފުޅުން މިއަދު މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރި އެވެ.

ތަފްސީލް - ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ހަސަން ޒަރީރު ވިދާޅުވި ގޮތުގައި، މިހާތަނަށް އައި އިރު ހުރި ގޮންޖެހުންތަކާ އެކު ވެސް މީރާއިން އަންނަނީ ރަނގަޅު ޕާފޮމެންސްއެއް ދައްކަމުންނެވެ.

ނަމަވެސް ފަންނީ މުވައްޒަފުން ހިފެހެއްޓުމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ނުހޯދި ދެމިގެންދާ ނަމަ، މީރާގެ ޕާފޮމެންސް ނުހިފެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީރާއިން މުވައްޒަފުން ކެނޑޭ މިންވަރު ހުރީ ވަރަށް މަތީގައިކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ އޮޑިޓެއް މި ނިމެނީ 5-4 އަހަރުން. ދެވަނަ އަހަރަށް ދާއިރު އޮޑިޓް ޓީމެއްގައި ތިބި ހުރިހާ މުވައްޒަފުން އެބަ ބަދަލުވޭ. ދެން ޖެހެނީ އަނެއްކާ އޮޑިޓް މަސައްކަތް އަލުން ބަލަން ފަށަން،" މުވައްޒަފުން ބަދަލުވާ ނިސްބަތް ތަފްސީލްކޮށްދެއްވަމުން ޒަރީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އުނިވެގެން ދިޔަ 3 މިލިއަން ރުފިޔާއަކީ މީރާގެ މި ވަގުތު ނެތް، ނަމަވެސް ކޮންމެހެން ނަގަން ޖެހޭ އަދި މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ 43 މުވައްޒަފުންނަށް ދޭން އޮތް މުސާރަ އެވެ.

"އަޅުގަނޑަށް ޔަގީންކަމެއް ނެތް އަންނަ އަހަރުގެ ނިޔަލަށް ކިހާ މުވައްޒަފުން ކަމެއް ތިބޭނީއެއް. މި ވަރުން ދަންޏާ އަޅުގަނޑަށް ހީވޭ ޓެކްނިކަލް މުވައްޒަފުން ހުސްވާނެހެން [މީރާއަށް]،" އޭނާ ވިދާޅުވި އެވެ.

ޓެކުހުން ލިބޭ އާމްދަނީ އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދީފައިވާ އެއް ލަފައަކީ ވެސް މިހާރު ހުރި ޓެކްސް އެއްކުރުން ހަރުދަނާކުރުންކަން ވެސް ޒަރީރު ފާހަގަކުރެއްވި އެވެ. ނަމަވެސް އެކަން ވެސް ކުރެވެން އަންނަނީ މުވައްޒަފުން ހިފެހެއްޓިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ވަގުތު ޓެކްސް ކަލެކްޓް ކުރަން މި އޮންނަ އޮންލައިން ސިސްޓަމް މި ބަލަހައްޓަނީ ވެސް މީރާގެ އެތެރޭގެ މުވައްޒަފުން. މި މުވައްޒަފުން ނުހިފެހެއްޓެންޏާ ސިސްޓަމް ބަލަހައްޓަން ވަރަށް ބޮޑަށް ދަތިވާނެ،" ޒަރީރު ވިދާޅުވި އެވެ.

އޭނާގެ ވާހަކައިގައި އިތުރަށް ފާހަގަކުރެއްވި ބައެއް ކަންކަމަކީ:

  • މީރާގެ އެންމެ ތަޖުރިބާހުރި ފަންނީ މުވައްޒަފުންނަށް ގާތްގަނޑަކަށް 35،000ރ. ލިބޭއިރު އެއީ ދައުލަތުގެ އެހެން މުވައްޒަފުންނަށް ވުރެ ވެސް މާ ދަށް އަދަދެއް؛ އަމިއްލަ ވިޔަފާރިތަކުން އެފަދަ މުވައްޒަފުން 70،000 އެއްހާ ރުފިޔާގެ މުސާރައެއް ލިބޭ

  • އެހެން މުއައްސަސާތަކާ އޮތް ތަފާތަކީ އިތުރު ވަގުތު މަސައްކަތްކުރަން ޖެހޭ ވަރު ގިނަވުން، މަސައްކަތް އިތުރަށް ކުރާ ވަރާ ބަލާފައި މުސާރަ ވަރަށް ކުޑަ

  • ކުރިން އޮތް މުސާރައިގެ އޮނިގަނޑަށް ބަލާއިރު ވެސް އެހެން މުއައްސަސާތަކާ އެއްހަމަކުރަން ގާތްގަނޑަކަށް 15-10 މިލިއަން ރުފިޔާ އިތުރަށް ބޭނުންވޭ؛ ފަހުން ގެނައި އޮނިގަނޑަށް ބަލާފައި މީރާގެ އެސެސްމަންޓެއް ހަދާފައެއް ނުވޭ

  • ކޯޓުތަކުގައި ޓެކްސްގެ މައްސަލަ ދިގުލައިގެންދާ މުއްދަތު 10 އަހަރު އުޅޭއިރު، އެ މައްސަލަތަކުގައި ތާށިވެފައިވާ ބިލިއަނެއްހާ ރުފިޔާ ހޯދުމަށް ބޭނުންވާ ގާނޫނީ ފަންނުގެ މުވައްޒަފުން ހިފެހެއްޓުމުގައި ވެސް ގޮންޖެހުންތައް ގިނަ

ކޮމެންޓް (1)

ތެފައާސާ.

15 ނޮވެމްބަރު 2025
["އަޅުގަނޑުމެންގެ އޮޑިޓެއް މި ނިމެނީ 5-4 އަހަރުން."] ސުބުހާނަﷲ. ލިޔެކިއުން ބަލަހައްޓަންވެސް އޮންނަނީ 5 އަަހަރުގެ މުއްދަތަކަށް. އޮޑިޓެއް ނިންމަން 5 އަހަރު ނަގަންޏާ ސަލާމަތެއް ނެތެއްނު؟
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް