މާލެ ވިޔަފާރި ބަނދަރު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކަސްޓަމްސް

ކޮންޓެއިނާ ސްކޭނަރަށް 51 މިލިއަން ބޭނުންވޭ: ކަސްޓަމްސް

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ ސްކޭނަރު ގަތުމަށް ބޭނުންވާ ފައިސާ ހަމަޖައްސާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު ވަނީ ދެއްވާފައި
16 ނޮވެމްބަރު 2025
1

މާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓާ ކޮންޓެއިނާ ސްކޭނަރު ގަތުމަށް 51 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ވިޔަފާރި ބަނދަރު މެދުވެރިކޮށް ގަވާއިދާ ހިޅާފަށް އެކި ބާވަތްތަކުގެ މުދާ އެތެރެކުރާ މައްސަލަ ދޭތެރެދޭތެރެއިން ފެންމަތިވަމުން އަންނައިރު، ބަނދަރުގައި ކޮންޓެއިނާ ސްކޭނަރެއް ނެތުމުގެ ކަންބޮޑުވުން މީގެ ކުރިން ވެސް ކަސްޓަމްސްއިން ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން ރާއްޖެއަށް ވަގަށް އެތެރެކޮށް، އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ސިނގިރޭޓު ދެ ކޮންޓެއިނާ ގެއްލުނު މައްސައެއް ވެސް މި ފަހުން ވަނީ ފެންމަތިވެފަ އެވެ.

ވަގަށް ރާއްޖެއިން އެތެރި ކުރި 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގަތުން. (ފޮޓޯ/ ކަސްޓަމްސް

ބުނީ ކީކޭ؟ - ކޮންޓެއިނާ ސްކޭނަރެއް ހޯދުމުގެ ކަންކަން މިހާރު ގޮސްފައިވާ ހިސާބު ދެނެގަތުމަށްޓަކައި ބަޖެޓު ދިރާސާކުރާ ކޮމިޓީއިން މިއަދު ކަސްޓަމްސް އާއި އެމްޕީއެލްއާ އެކު ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ.

އެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ އެ ސްކޭނަރު ގަތުމަށްޓަކައި 15 މިލިއަން ރުފިޔާ ހަމަޖައްސައިދޭން މިއަހަރުގެ ތެރޭގައި ފިނޭންސް މިނިސްޓްރީން ނިންމިކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.

ބަޖެޓު ދިރާސާކުރާ ކޮމިޓީއިން އެމްޕީއެލް އާއި ކަސްޓަމްސްގެ އިސްްވެރިންނާ އެކު މިއަދު ބޭއްވި ބައްދަލުވުން. (ފޮޓޯ/މަޖިލިސް)

ކަސްޓަމްސްގެ ބަޖެޓު ކަންކަން ބެލެހެއްޓުމުގައި އިސްކޮށް އުޅުއްވާ ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ އަލީ ވިދާޅުވީ އެކަމާ ގުޅޭގޮތުން މިއަހަރުގެ މާޗު އަދި މެއި މަހުގެ ތެރޭގައި ކަސްޓަމްސް އާއި ފިނޭންސާ ދެމެދު ސިޓީ ބަދަލުކޮށްފައިވާނެ ކަމަށެވެ. އެ ސިޓީތަކުގައި އެކަމަށް ބޭނުންވާ ފައިސާގެ އަދަދު ވެސް ހިއްސާކޮށްފައިވާއިރު، އޭނާ ވިދާޅުވީ 30 ސެޕްޓެމްބަރުގައި ބޭއްވި ބައްދަލުވުމެއްގައި 15 މިލިއަން ރުފިޔާގެ ވާހަކަ ފިނޭންސުން ބުނި ކަމަށެވެ.

"އެހެން ނަމަވެސް، މުޅި ޕްރޮސެސްގައި ޖުމްލަ ހަރަދަކަށް އެބަ އަރާ ގާތްގަނޑަކަށް [ލަފާކުރެވޭ ގޮތުގައި] 51 މިލިއަން ރުފިޔާ. އެއީ ގާތްގަނޑަކަށް މި އެކްސްރޭ މެޝިންގެ އަގު،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަމަށް ހަރަދުވާ ޖުމްލަ އަދަދު ނުލިބި އެކަން ނުކުރެވޭނެ ވާހަކަ ވެސް ފިނޭންސަށް ވާނީ ދަންނަވާފަ އެވެ.

ބަޖެޓު ދިރާސާކުރާ ކޮމިޓީއިން އެމްޕީއެލް އާއި ކަސްޓަމްސްގެ އިސްްވެރިންނާ އެކު މިއަދު ބޭއްވި ބައްދަލުވުން. (ފޮޓޯ/މަޖިލިސް)

އެހެން ނަމަވެސް މެމްބަރު ސަލީމް ތަކުރާރުކޮށް ވިދާޅުވީ، އެއް ފަހަރާ ފައިސާ ހަމަނުޖެހުނު ނަމަވެސް، އެކަމަށް ހިނގާ ހަރަދު ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން ފިނޭންސުން ދީފައިވާ ކަމަށެވެ.

ތަފްސީލު - އިތުރު މައްސަލައެއްގެ ގޮތުގައި ކޮމިޓީއަށް ފާހަގަވީ އެ މެޝިން ބަހައްޓާނެ އެކަށީގެންވާ ޖާގައެއް އެމްޕީއެލްއިން ހަމަޖައްސައިނުދީ އޮތް ކަމަށް ބުނާ މައްސަލަ އެވެ.

ކަސްޓަމްސްއިން ބުނާ ގޮތުގައި އެ ސްކޭނަރު ބަހައްޓަން:

  • ވަށައިގެން 10 މީޓަރުގެ ޖާގައެއް ބޭނުންވާނެ

  • ރޭޑިޝަންގެ އަސަރު ފޯރަފާނެތީ 50 މީޓަރު ބޭނުންވާނެ

  • ނަމަވެސް ލެޑް އިންސިއުލޭޓު ކޮށްފައިވާ ފާރެއް ބަހައްޓައިފިނަމަ 10 މީޓަރުގެ ރޭޑިއަސްގައި ވެސް ރޭޑިއޭޝަން ކްލިއާ ކުރެވޭނެ

އެ މައްސަލައިގައި އެމްޕީއެލްއިން ބުނީ ޖާގައިގެ ދަތިކަން އެބައޮތް ކަމަށާއި އެންމެ ރަނގަޅު ފެންވަރުގެ މެޝިނެއް މާލޭގެ ބަނދަރެއްގައި ނުބެހެއްޓިދާނެ ކަމަށެވެ. އެހެންވެ، އޭގެ ބަދަލުގައި މިހާރު ބަލަމުން އަންނަނީ މޮބައިލް ނުވަތަ އެއް ތަނުން އަނެއް ތަނަށް ފަސޭހައިން ގެންދެވޭ ކަހަލަ ސްކޭނަރެއް ހޯދުމަށް ކަމަށާއި ހުރިހާ އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުވާއިރު އެ ތަނުގައި ހުންނާނީ އެންމެ ޒަމާނީ ސިސްޓަމް ކަމަށެވެ.

ސްކޭނަރު ގަތުމަށް ބޭނުންވާ ފައިސާ އެމްޕީއެލްގައި ނެތް ނަމަވެސް، ފިނޭންސުން ފައިސާ ހަމަޖައްސައިދީފި ނަމަ އެ މެޝިން ހޯދަން ކުރަން ޖެހޭ މަސައްކަތްތައް ވަގުތުން ފަށާނެ ކަމަށް ވެސް އެމްޕީއެލްއިން ބުނެ އެވެ.

މާލެ ވިޔަފާރި ބަނދަރު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެނގުން މުހިންމު - ސްކޭނަރު ބެހެއްޓުމުން ވަގަށް މުދާ އެެތެރެކުރުން ހުއްޓުވުމުގެ އިތުރުން ކަސްޓަމްސްއިން ބުނީ އޭގެ ސަބަބުން އިތުރު އާމްދަނީއެއް ވެސް ކަސްޓަމްސްއަށް ނެރެވޭނެ ކަމަށެވެ. އަދި އެއީ މެއިންޓަނެންސްގެ ހަރަދުތަކެއް ވެސް ހިނގާނެ އެއްޗެއް ނަމަވެސް، ލިބޭ އާމްދަނީއިން ދެކޮޅުޖެއްސިދާނެ ކަަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން:

  • ކަސްޓަމްސްއިން އަހަރަކު 60،000 - 70،000 ކޮންޓެއިނަރު ކްލިއާ ކުރޭ

  • އެ ސްކޭނަރުން މިނެޓެއްގެ ތެރޭގައި 3 ސްކޭން ކުރެވޭނެ ކަމަށް ލަފާކުރޭ

  • އެއީ ބެލްޓެއްގެ މަތިން ސްކޭނަރު ދުއްވައިގެން ނުވަތަ ސްކޭނަރު ތެރެއިން ވެހިކަލް ދުއްވަައިގެން

  • ސްކޭނަރުގެ މެއިންޓަނެންސަށް އަހަރަކު 1-2 ލައްކަ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ

  • ކޮންމެ ސްކޭނަކަށް 1،000ރ.ގެ މަގުން ޗާޖު ކުރާ ގޮތަށް ހަދައިފި ނަމަ އަހަރަކު ގާތްގަނޑަކަށް 60،000 މިލިއަން ރުފިޔާ ލިބޭނެ

  • އެހެން ކަމަށްވާ ނަމަ، ލިބޭ އާމްދަނީއިން މެއިންޓަނެންސް ހަރަދު ހަމަޖެއްސޭނެ

ކޮމިޓީގެ މުގައްރިރު ސަލީމް ވިދާޅުވީ ސްކޭނަރު ބެހެއްޓުމަކީ ނުކޮށް ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި ފިނޭންސުން އެ ފައިސާ ހަމަޖައްސާނެ ކަމުގެ ޔަގީންކަން ކޮމިޓީއަށް ދީފައިވާއިވާތީ، އެކަމައިގެން ކުރިއަށް ދިއުމަށް ކަސްޓަމްސް އާއި އެމްޕީއެލްއަށް ލަފާދެއްވި އެވެ.

އެކަން ކުރިއަށް ނުގޮސްފި ނަމަ، ސިޓީއަކުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ އެކަން ހިއްސާކުރުމަށް ވެސް އޭނާ ވިދާޅުވި އެވެ.


ކޮމެންޓް (1)

ތެފައާސާ.

16 ނޮވެމްބަރު 2025
ރައީސަށް ޝުކުރުއަދާކޮށް ތާއީދު ދައްކާލުމުގެ ޖަލްސާއަށްވެސް ޚަރަދުވީކަމަށް އަންދާޒާ އަދަދެއްކަމަށް ކިޔައިއުޅެނީ 50 ވަރަކަށް މިލިއަން ރުފިޔާ ދޯ؟؟
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް