ޕެންޝަން އޮފީހުގެ ޗެއާޕާސަން އިނާޒު (ފޮޓޯ/ ރައީސް އޮފީސް)

ޕެންޝަން އޮފީސް

އުސޫލާ ހިލާފެއް ނުވޭ؛ ޕެންޝަން ފަންޑުގެ ރައްކާތެރިކަން ދަމަހައްޓާނަން: އިނާޒް

ޕެންޝަން އޮފީހުން އުސޫލާ ހިލާފު ކަމެއް ނުކުރާ ކަމަށް އެ ތަނުގެ ޗެއާޕާސަން ޑރ. އިނާޒް މި ވިދާޅުވީ އެމްއެމްއޭން 2.5 ބިލިއަން ރުފިޔާ ހޯދައިގެން ސަރުކާރުގެ ޓީ-ބޮންޑަކަށް އިންވެސްޓްކުރަން އެ ތަނުގެ ބޯޑުން ނިންމުމާ ގުޅިގެން ފާޑުކިއުންތަކެއް އަމާޒުވެފައި ވަނިކޮށް
17 ނޮވެމްބަރު 2025
2

ޕެންޝަން އޮފީހުގެ ބޯޑުން އުސޫލާ ހިލާފު ނިންމުމެއް ނިންމާފައި ނެތް ކަމުގެ ޔަގީންކަން ދެއްވަމުން، ޕެންޝަން ފަންޑުގެ ރައްކާތެރިކަން ދަމަހައްޓަވާނެ ކަމަށް އެ އޮފީހުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - މަރުކަޒީ ބޭންކު، އެމްއެމްއޭން 2.4 ބިލިއަން ރުފިޔާ ހޯދައިގެން ސަރުކާރުގެ ބޮންޑެއްގައި އިންވެސްޓްކުރުމަށް ޕެންޝަން ފަންޑް ބޭނުންކުރަން އެ އޮފީހުގެ ބޯޑުން ވަނީ ނިންމައިފަ އެވެ.

އެ މުއާމަލާތް ހިންގީ މާލިއްޔަތު ގާނޫނާއި ޕެންޝަން އޮފީހުގެ އެތެރޭގެ އުސޫލުތަކާ ވެސް ހިލާފަށް ކަމަށް ވިދާޅުވެ، އެ ތަނުގެ ބޯޑުން އަހުމަދު ސަރުވަޝް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ވަކި ސަބަބެއް ވިދާޅުނުވެ ނަމަވެސް، މި މުއާމަލާތް ހިންގަން ނިންމި ފަހުން އެ ތަނުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ކަމުން ހައްވާ ފަޖުވާ ވެސް އިސްތިއުފާ ދެއްވި އެވެ.

ބުނީ ކީކޭ؟ - އިނާޒް މިއަދު އެކްސްގައި ލިއުއްވީ ޕެންޝަން އޮފީހާ ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތަކާއި ޕޮލިސީތައް އަދި އެތެރޭގެ އުސޫލުތަކާ ވެސް ހިލާފަށް ޕެންޝަން ބޯޑާއި މެނޭޖްމަންޓުން އަމަލުކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"މި ފަންޑުގެ ސަސްޓެއިނަބިލިޓީ އާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ޕެންޝަން ބޯޑުގެ ޗެއާޕާސަންގެ ހައިސިއްޔަތުން އަޅުގަނޑުގެ އެންމެ އިސް ވާޖިބު ކަމުގައި ދެކެން،" ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި އިނާޒް ވިދާޅުވި އެވެ.

އެނގުން މުހިންމު - 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، ފިނޭންސް މިނިސްޓްރީން ވަނީ 2.5 ބިލިއަނެއްހާ ރުފިޔާގެ އާ-ޓީބިލަކަށް އިންވެސްޓްކޮށްދޭން ޕެންޝަން ފަންޑަށް ހުށަހަޅާފަ އެވެ. އޭގެ މާނައަކީ ކުރީގެ ޓީބިލްތައް އެމްއެމްއޭއަށް ވިއްކައިގެން ޕެންޝަން ފަންޑަށް ލިބޭ ފައިސާއިން، ސަރުކާރުން ހުށަހަޅާފައިވާ އާ ޓީ-ބިލަށް ޕެންޝަން ފަންޑުން އިންވެސްޓްކުރާނެ އެވެ.

ތިލަކޮށް ބުނާ ނަމަ، ނުސީދާކޮށް މި ކުރާ ކަމަކީ ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އެމްއެމްއޭން ސަރުކާރަށް ދަރަންޏަށް ފައިސާ ދޫކުރުމެވެ. އިގުތިސޯދީ ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި މީގެ ނަތީޖާއަކީ ފައިސާ ޗާޕުކުރުން ނުވަތަ އިގުތިސޯދުގައި މި ވަގުތު ދައުރުވަމުން ނުދާ ފައިސާ އެމްއެމްއޭން އިގުތިސޯދުގެ ތެރެއަށް ނެރުމެވެ.

ކޮމެންޓް (2)

ޖަންނަތު

17 ނޮވެމްބަރު 2025
ކަންކަން ރަނގަޅަށަ ނުބަލާ، ނޭގި، ތޯތޯ ވާހަކައަށް އަދި ސިޔާސީ އޮއިވަރަށް ނޫސްވެރިން ލިޔުންތަށް ގެނެސްދިނުން ކަމަކު ނުދޭ. ރާއްޖޭގެ ސްޓޮކް އެކްސްޗޭންގަ ވިއްކަން ކަނޑައެޅިފައިވާ މި ބޮންޑު އަދި ވަނީ ނުވިއްކާ! ދޮގު ވާހަކަ، ތެދު ދެފަޅިކޮށް ފޮނިތޮށި އެޅީމަ ފަހުން ލިބޭ ގެއްލުން ބޮޑުވާނެ!
0 2

ތެފައާސާ.

17 ނޮވެމްބަރު 2025
ބޯޑު މެމްބަރ ސަރުވަޝް އިސްތިއުފާދެމުން ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައި އެބަހުރި، ތި ހިންގަން އުޅޭ މުއާމަލާތުން ޕެންޝަން ފަންޑަށް ދިމާވާނެ ހިރާސްތަކާއި ގޮންޖެހުންތައް. ބޯޑު ޗެއަރގެ ހައިސިއްޔަތުން އެކަންބޮޑުވުންތަކަށް ތަފްސީލީ ޖަވާބެއް ދޭންވީމާ، 3 ފޮޅުވަތުގެ ޓުވީޓެއް ކޮށްލާފައި އުސޫލު ހިފަހައްޓާނަމޭ ރައްކާތެރިކަން ދަމަހައްޓާނަމޭ އެކަނި ބުނެގެން ނުފުދޭނެ. އެތައް ލައްކަ ބައެއްގެ ފައިސާ. ބައިވަރު މީހުންގެ ހައްގު. ސުވާލު ކުރެވޭނެ.
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް