ބަޖެޓު ކޮމިޓީގެ ބައްދަލުވުމެއްގައި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

2.5 ބިލިއަނުގެ ބޮންޑުން އުފެދޭ ޕްރެޝަރު ހިފަހައްޓަން ފިޔަވަޅުތަކެއް އަޅާނަން: މުނައްވަރު

އެމްއެމްއޭން ޕެންޝަން އޮފީހަށް 2.4 ބިލިއަން ރުފިޔާ ދީގެން ސަރުކާރުގެ ޓީ-ބޮންޑެއް ގަތުމަށް ހިންގާ މުއާމާލަތަކީ އިންވެސްޓްމަންޓްެއެއް ކަމަށާއި ނަމަވެސް އެއިން ބާޒާރުގައި ނެތް ފައިސާއެއް ނުކުމެގެން އުފެދޭ ޕްރެޝަރުތައް ހިފަހައްޓާނެ ކަމަށް މުނައްވަރު ވިދާޅުވި
15 ނޮވެމްބަރު 2025
2

މަރުކަޒީ ބޭންކު، އެމްއެމްއޭން ފައިސާ ދީގެން ސަރުކާރުގެ ބޮންޑެއް ޕެންޝަން ފަންޑުން ގަންނަން ހިންގާ މުއާމަލާތުގެ ސަބަބުން ބާޒާރުގައި ނެތް ފައިސާގެ ޕްރެޝަރެއް އުފެދިދާނެ ކަމަށް ބަލައި އެ ޕްރެޝަރުތައް ހިފެހެއްޓުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްއެމްއޭން 2.4 ބިލިއަން ރުފިޔާ ހޯދައިގެން ސަރުކާރުގެ ޓީ-ބޮންޑެއްގައި އިންވެސްޓްކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުގެ އަގުލަބިއްޔަތުން ނިންމާފައިވެ އެވެ.

އެމްއެމްއޭއަށް މިހާރު ލިބިފައިވާ އެ ޕްރޮޕޯސަލްއާ ގުޅޭ ގޮތުން ގަވަރުނަރު މިއަދު ވާހަކަ ދެއްކެވީ، ސަރުކާރުން ފޮނުވާފައިވާ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރަމުން އަންނަ މަޖިލީހުގެ ކޮމިޓީއަށް މުނައްވަރު ހާޒިރުކޮށް ކޮމިޓީގެ ބައެއް މެންބަރުން އެކަމާ ގުޅޭ ގޮތުން ސުވާލުކުރެއްވުމުންނެވެ.

ތަފްސީލް - މި ސުވާލު މުނައްވަރުއާ ކުރެއްވީ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް އާއި ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާނެވެ. 

ދެ މެންބަރުން ވެސް ފާހަގަކުރެއްވި ގޮތުގައި، އެ މުއާމަލާތުގެ ސަބަބުން ބާޒާރުގައި މި ވަގުތު ނެތް ފައިސާއެއް އެމްއެމްއޭގެ ތެރެއިން ނެރެ ދައުރުވުމުގެ ފުރުސަތު އޮތުމުން ބާޒާރުގެ އަގުތަކަށާއި ޑޮލަރު ރޭޓަށް އަސަރުތަކެއް ކޮށްފާނެ އެވެ.

އެ ސުވާލުތަކަށް މުނައްވަރު ދެއްވި ކުރު ޖަވާބެއްގައި ވިދާޅުވީ އެމްއެމްއޭން އެ ޕްރޮޕޯސަލާ މެދު ދެކެނީ އިންވެސްޓްމަންޓެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ބާޒާރަށް އަތުވެދާނެ ޕްރެޝަރެއް ހިފެހެއްޓުމަށް މަނިޓަރީ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ދިރާސާކޮށް، އެ ބަދަލުތައް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ ބޯޑުގެ ލަފާގެ މަތިން، މިސާލަކަށް އޯޕަން މާކެޓް އޮޕަރޭޝަންތަކެއް ގެންދަން ޖެހުނަސް، މަނިޓަރީ ސިޔާސަތަށް ގެންނަން ޖެހޭ ބަދަލުތަކެއް އަޅުގަނޑުމެން ގެންނާނަން،" އިތުރު މާ ބޮޑު ތަފްސީލަކަށް ވަޑައިނުގެން މުނައްވަރު ވިދާޅުވި އެވެ.

އެނގުން މުހިންމު - 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، ފިނޭންސް މިނިސްޓްރީން ވަނީ 2.5 ބިލިއަނެއްހާ ރުފިޔާގެ އާ ޓީބިލަކަށް އިންވެސްޓްކޮށްދޭން ޕެންޝަން ފަންޑަށް ހުށަހަޅާފަ އެވެ. އޭގެ މާނައަކީ ކުރީގެ ޓީބިލްތައް އެމްއެމްއޭއަށް ވިއްކައިގެން ޕެންޝަން ފަންޑަށް ލިބޭ ފައިސާއިން، ސަރުކާރުން ހުށަހަޅާފައިވާ އާ ޓީބިލަށް ޕެންޝަން ފަންޑުން އިންވެސްޓްކުރާނެ އެވެ.

ތިލަކޮށް ބުނާ ނަމަ، ނުސީދާކޮށް މި ކުރާ ކަމަކީ ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އެމްއެމްއޭން ސަރުކާރަށް ދަރަންޏަށް ފައިސާ ދޫކުރުމެވެ. އިގުތިސޯދީ ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި މީގެ ނަތީޖާއަކީ ފައިސާ ޗާޕުކުރުން ނުވަތަ އިގުތިސޯދުގައި މި ވަގުތު ދައުރުވަމުން ނުދާ ފައިސާ އެމްއެމްއޭން އިގުތިސޯދުގެ ތެރެއަށް ނެރުމެވެ.

ކޮމެންޓް (2)

ސިކުނޑި

16 ނޮވެމްބަރު 2025
ޕްރެޝަރު އަރަނީވެސް ރައްޔިތުންނަށް، ޕްރެޝަރު ހިފަހައްޓާނީވެސް ރައްޔިތުން! ޕްރެޝަރު ވައްޓާލާނީވެސް ރައްޔިތުން!
0 0

ތެފައާސާ.

16 ނޮވެމްބަރު 2025
މިފަދަ މުހިންމު ސުވާލުތަކަށް ކުރު ޖަވާބެއްދީ އުފެދޭ ޕްރެޝަރު ހިފެހެއްޓޭނެއޭބުނެ އެހިސާބުން ނިންމާލުމުގެ ބަދަލުގައި، ޕްރެޝަރު އުފެދެން މި ދިމާވަނީ ކިހިނެތްވެގެންކަން (ކޮންމެ ނަމެއް ކިޔައި، ލޭޔާރ ކޮށްގެން ވިޔަސް ފައިސާ ޗާޕުކުރަނީ ކަމާއި)، އެކަމާއިގުޅިގެން އިގްތިސާދަށް އަންނާނޭ ލޮޅުމަކީ ކޮބައިކަމާއި، އެކަންކަން ހައްލުކުރުމަށް އަޅަން ގަސްދުކުރާ ފިޔަވަޅުތަކަކީ ކޮބައިކަމާއި، އަދި އެ ފިޔަވަޅުތަކުން ނެރެވޭނޭކަމަށް އުންމީދުކުރާ ނަތީޖާތަކަކީ ކޮބައިކަން ތަފްސީލްކޮށް ކިޔައިދިނުން މުހިންމު. މުނައްވަރު ތިއީ ޕީއެންސީގެ އިގްތިސޯދީ ކޮމިޓީގެ މުގައްރިރެއް ނޫން. ތިއީ ދައުލަތުގެ މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު. ޕީއެންސީގެ ޓޯލްކިންގ ޕޮއިންޓުތައް ހިފެހެއްޓުމަށްވުރެ ގައުމުގެ އިގްތިސޯދަށް އައިސްދާނޭ ލޮޅުމެއް ހިފަހައްޓަން އުޅުން މުހިންމު.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް