އާސަންދައިން ހިދުމަތް ދޭކަން އަންގައިދޭ ނިޝާނެއް އެ ސްކީމްގެ ލޯގޯއާ އެކު ޖަހާފައި

މުއްސަނދިންނަށް އާސަންދަ އާއި އިނާޔަތް ދިނުން ހުއްޓާލަން ޖެހޭ: ސަލީމް

ރައްޔިތުންނާ ގުޅުންހުރި ދާއިރާތަކުން ސަރުކާރުން ދެމުން އަންނަ އެހީތައް ކަނޑާލައި ހުއްޓާ ނުލެވޭނެކަން ސަލީމް ފާހަގަ ކުރެއްވި

ތަނަވަސް މީހުންނަށް އާސަންދަ ފަދަ ހިދުމަތްތައް ދިނުން ހުއްޓާލަން ޖެހޭ ކަމަށް ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް - އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ސަލީމް މިއަދު ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި މި އަހަރު ވެސް ދައުލަތުގެ ހަރަދު ކުޑަކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

ތަފްސީލް - ރައްޔިތުންނާ ގުޅުންހުރި ދާއިރާތަކުން ސަރުކާރުން ދެމުން އަންނަ އެހީތައް ކަނޑާލައި ހުއްޓާ ނުލެވޭނެކަން ސަލީމް ފާހަގަ ކުރެއްވި އެވެ.

އެގޮތުން، އާސަންދަ އާއި އެންސްޕާ ފަދަ ހިދުމަތްތައް ހުއްޓާލައިފި ނަމަ އޭގެ ސަބަބުން އާންމު، އާދައިގެ ރައްޔިތު މީހާއަށް ގެއްލުންވާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ހަގީގަތުގައި އާސަންދައާ މި އެއްޗެއްސަކީ ތަނަވަސް އަހުލުވެރިންނަށް ދޭންޖެހޭ އެއްޗެއް ނޫން. މިއީ ނިކަމެތި ރައްޔިތުންނަށް ދޭންޖެހޭ އެއްޗެއް. އަޅުގަނޑުމެން މި ރާއްޖޭގައި އާސަންދަ އާއި އެންސްޕާއާ ލިބޭ ކިތަންމެ ތަނަވަސް މީހަކަށް ވިޔަސް،" ސަލީމް ވިދާޅުވި އެވެ.

"އަދި 65 އަހަރު ވީމާ އެ ލިބޭ 5،000ރ. ވެސް އެއީ މަހުޖަނަކަށް ވިޔަސް، ކިތަންމެ ބޮޑު ވިޔަފާރިވެރިއަކަށް ވިޔަސް އެ 5،000ރ. ވެސް އެބަ ނަގާ." 

ސަލީމް ވިދާޅުވީ އެފަދަ ކަންތައް ހުއްޓުވުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

"އެ ބޭފުޅުންނަކީ، ގުރުއާނާ ސުންނަތުން އަޅުގަނޑުމެންނަށް އެނގެން އޮތް އެއްޗަކީ ނަގަން ޒަކާތް... އެ ޒަކާތް މި ނަގަނީ ތަނަވަސް އަހުލުވެރިންގެ ކިބައިން. އެ އަޅުގަނޑުމެން އަނބުރާ ދޭން ވެސްވީ އެ ތަނަވަސް އަހުލުވެރިންނަށްތޯ؟ އެ ދޭން މި ޖެހެނީ ނިކަމެތިންނަށް، ފަގީރުންނަށް. މި ރާއްޖޭގައި އެ ބަދަލު އެބަޖެހޭ ގެންނަން،" އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ޒަކާތް ބަރާބަރަށް ނަގާ ނަމަ ނިކަމެތި ފަގީރުންގެ ފުއްދުންތައް ފުއްދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ވިސްނާލަން ޖެހޭ މުއްސަނދިން އަތުން ނަގާ ޓެކްސް، ޒަކާތް ވީހާވެސް ބޮޑަކަށް އެ ނެގުމަށް މަސައްކަތް ކުރަން،" އޭނާ ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ - މަތީ އާމްދަނީ ލިބޭ މީހުން ނުވަތަ އިންކަމް ޓެކްސް ދައްކަން ޖެހޭ މީހުންގެ އަތުން އާސަންދައަށް 'ހެލްތު ކޮންޓްރިބިއުޝަން'ގެ ގޮތުގައި ވަކި އަދަދަކަށް ފައިސާ ނަގަން ޖެހޭ ގޮތަށް މި އަހަރަށް ލަފާކުރި ބަޖެޓު ހުށަހެޅި އިރު ހިމަނާފައި އޮތެވެ.

މަހަކު 60،000ރ.އަށް ވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން އެ ފައިސާ ނަގަން ބަޖެޓުގައި ހިމެނި ނަމަވެސް މި ފިޔަވަޅު އަޅާފައެއް ނުވެ އެވެ.

ކޮމެންޓް (1)

ބޮކަރުމާ

12 ނޮވެމްބަރު 2025
ސަލީމް ވިދާޅުވިޔަސް ތެދެއްވާނީ ހަމަ ތެދަކަށް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް