އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

ބަޖެޓް26

ބަޖެޓުން ފެންނަނީ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ތަން: ސަލީމް

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ތަރައްގީގެ މަޝްރޫއުތައް ކާމިޔާބުކަމާ އެކު ހިންގުމަށް ހުށަހަޅާފައިވާ ވަރަށް ފުރިހަމަ ބަޖެޓެއް ކަމަށް

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުން ފެންނަނީ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ތަން ކަމަށް އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސްކުރައްވަމުން، ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ސަލީމް ވިދާޅުވީ، މުޅި ބަޖެޓަށް ބަލާއިރު ފެންނަނީ މުހިއްމު ދާއިރާތަކަށް ބަޖެޓުން ބޮޑު އިސްކަމެއް ދީފައި އޮތް ތަން ކަމަށެވެ.

ބުނީ ކީކޭ؟ - "އެހެންވީމާ އޭގެ މާނައަކީ ސަރުކާރުން ކަންކަން ރަނގަޅު ކުރަން އުޅޭކަމުގެ ހެއްކޭ މި ބަޖެޓުން ފެނިގެންދަނީ،" އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ބަޖެޓު ފޮތުގައި ހުރި ތަފްސީލުތަކަށް ބަލައިގެން މަސައްކަތްކޮށްފި ނަމަ އޭގެ ރަނގަޅު ނަތީޖާ ފެންނާނެ ކަމަށެވެ.

"އެއްވެސް ކަމެއް ހުރިހާ މީހުންނަކަށް ރަނގަޅެއް ނުވާނެ. އަޅުގަނޑުމެން ހުރިހާ މީހުން ރުއްސަން އުޅޭނެ ކަމެއް ވެސް ނެތް. ނުވެސް ރުހޭނެ. މިއީ ކުރެވޭނެ ކަމެއް ނޫން،" އިދިކޮޅުން ބަޖެޓަށް ފާޑުކިޔާ ކިޔުމަށް ރައްދުދެއްވާައި ސަލީމް ވިދާޅުވި އެވެ.

"ކިތަންމެ ރަނގަޅު އެއްޗެއް ހުށަހެޅިޔަސް، ކިތަންމެ ގޯސް އެއްޗެއް ހުށަހެޅިޔަސް މިއީ އެންމެން މިއަށް އެއްބަސްވާނެ ކަންކަމެއް ނޫން."

އަންނަ އަހަރުގެ ބަޖެޓް ފޮތް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ހިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫން ކަމަށާއި ގައުމު ކުރިއަރުވަން ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް ސަލީމް ވަނީ ގޮވާލައްވައިފަ އެވެ.

ދައުލަތުގެ ހަރަދު ކުޑަކުރެވޭނެ ގޮތްތައް ވިސްނަން ޖެހޭކަން ފާހަގަ ކުރައްވާ ސަލީމް ވިދާޅުވީ މި އަހަރު ވެސް ދައުލަތުގެ ހަރަދު ކުޑަކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ހަރަދު ކުޑަކުރަން މަސައްކަތްކުރާއިރު މިއިން ކޮންމެ ކަމެއް ގުޅިފައި ހުންނަނީ ރައްޔިތުންނާ. ބޭސްފަރުވާއަށް [ބެލިޔަސް] އާސަންދަ [ބަޖެޓު] ކުޑަކުރެވޭކަށް ނެތް. ކުޑަކޮށްފިއްޔާ ގޯސްވީ. މިއީ ބަދަލު ގެންނަން ޖެހޭ ކަންކަން. ވަޒީފާއަށް ބެލިޔަސް، ވަޒީފާ ނުދީފިއްޔާ ގޯސްވީ. ވަޒީފާ އެބަ ލިބެންޖެހޭ އެންމެންނަށް ވެސް،" ސަލީމް ވިދާޅުވި އެވެ.

ރައްޔިތުންނަށް ހިލޭ ކޮށްދެމުން އަންނަ ކަންތައް ހުއްޓާލުމަކީ ހަރަދު ކުޑަކުރަން ވިޔަސް ކުރެވެން އޮތް ކަމެއް ނޫން ކަމަށް ސަލީމް ވިދާޅުވި އެވެ. ނަމަވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ކަންތައް ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ކަމަށާއި އެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން ކަންކުރަންވީ ގޮތަށް ކަންކުރާ ނަމަ މިއަދު އަޅުގަނޑުމެން ތިބޭނީ ވަރަށް ތަނަވަސްކަމުގައި. މި ދައުލަތަށް ލިބޭ އާމްދަނީއަކީ ކުޑަ އެއްޗެއް ނޫން. 40އަކަށް ބިލިއަން ރުފިޔާ އަކީ ހަގީގަތުގައި މި ގައުމު ހިންގޭނެ ވަރުގެ ފައިސާގެ އަދަދެއް،" އޭނާ ވިދާޅުވި އެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސަލީމް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ކަންކުރަމުން އައި ގޮތުން އަންނަ އަހަރު ވެސް ދަރަންޏަށް 10 ބިލިއައަނެއްހާ ރުފިޔާ ދައްކަން ޖެހޭ ކަމަށާއި މިއީ "އެއް އަހަރުން ދައްކާ ގޮތަށް އިންސާނުން ދަރަނި ނަގާ ވަރެއް ނޫން" ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން އެބަ ޖެހޭ ދަރަނި ނެގޭނެ މިންވަރު ވެސް ތަންކޮޅެއް ވަރުގަދަކޮށް ކަނޑައަޅަން،" އެހެން ނޫން ނަމަ ގައުމު ސަލާމަތް ކުރަން އުނދަގޫވާނެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވި އެވެ.

ސަލީމް ވަނީ އާސަންދަ ފަދަ ހިދުމަތްތައް ތަނަވަސް މީހުންނަށް ދިނުމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. މިއީ ނިކަމެތިންނަށް ދޭންޖެހޭ ހިދުމަތެއްކަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ އާސަންދަ އާއި އެންސްޕާގެ އެހީ ވެސް ތަނަވަސް މީހުންނަށް ލިބޭ ކަމަށެވެ.

"އަދި 65 އަހަރު ވީމާ އެ ލިބޭ 5،000ރ. ވެސް އެއީ މަހުޖަނަކަށް ވިޔަސް، ކިތަންމެ ބޮޑު ވިޔަފާރިވެރިއަކަށް ވިޔަސް އެ 5،000ރ. ވެސް އެބަ ނަގާ،" އެކަންތައް ހުއްޓުވަން ޖެހޭކަން ފާހަގަ ކުރައްވައި ވިޔަފާރިވެރިޔާ ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ތަނަވަސް މީހުންގެ އަތުން ނަގަންވީ ޒަކާތް ކަމަށާއި ޒަކާތުގެ ހައްގު ބެހެނިވެރިންނަށް އެ ދޭން ޖެހޭ ކަމަށެވެ.

"މުއްސަނދިން އަތުން ނަގާ ޓެކްސް، ޒަކާތް ވީހާ ވެސް ބޮޑަކަށް އެ ނެގުމަށް މަސައްކަތް ކުރަން އެބަޖެހޭ،" އޭނާ ވިދާޅުވި އެވެ.

މިއީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވާނެ ބަޖެޓެއް

ބަޖެޓަށް ބަހުސް ކުރައްވަމުން، ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް ތަރައްގީގެ މަޝްރޫއުތައް ކާމިޔާބުކަމާ އެކު ހިންގުމަށް ހުށަހަޅާފައިވާ ވަރަށް ފުރިހަމަ ބަޖެޓެއް ކަމަށެވެ.

މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓާ އަހަރާ އަޅާބަލާއިރު އަންނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓު އިތުރުވުމަކީ، ޝުޖާއު ވިދާޅުވި ގޮތުގައި، ބަޖެޓުން އަމާޒު ހިފާފައިވާ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އާ އުއްމީދުތައް ލިބޭ ކަމެކެވެ.

"މީގެ ތެރޭގައި ވަކިން ހާއްސަކޮށް އަޅުގަނޑުމެންނަށް ފެންނަން އޮތީ ވައްކަމާއި ކޮރަޕްޝަނާ ފަސާދަ ނައްތާލުމަށްޓަކާ، ދިވެހިރާއްޖެ ޑިޖިޓަލް ރާއްޖެއަކަށް ބަދަލު ކުރުމަށްޓަކާ 2026 ވަނަ އަހަރުގެ ބަޖެޓުގެ ބޮޑު ދާއިރާއެއް ކަނޑައަޅާފައި އޮތީ،" އޭނާ ވިދާޅުވި އެވެ

"އިންސާނުން ބޭނުން ނުކޮށް ޑިޖިޓަލީ ހުރިހާ ކަމެއް ކުރެވޭ ގޮތަށް މުއައްސަސާތައް ބަދަލުވެގެން ދިޔައީމާ ވައްކަމާ ކޮރަޕްޝަނުން ރާއްޖެ ސަލާމަތް ކުރެވޭނެ."

ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

ޝުޖާއު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓާއެކު ރާއްޖެއަށް އާމްދަނީ ވަންނަ ގޭޓުތަކުގެ ސަލާމަތީ ކަންކަން ރައްކާތެރިކޮށް، އާމްދަނީ ވަންނަ ދޮރާށިތަކުން ވައްކަން ކުރަން ހުރި ދޮރާށިތައް ބަންދުކޮށް، ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް ފަހި ފުރުސަތުތައް ފަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ދައުލަތުގެ ހަރަދު ކުޑަކުރަން ޖެހޭކަން ފާހަގަ ކުރައްވައި ޝުޖާއު ވެސް ވިދާޅުވީ އެއީ އެންމެންގެ، ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ވެސް ޒިންމާއެއް ކަމަށެވެ. އެންމެ އިސްކަމެއް ދީގެން ކުރަންޖެހިފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކުރުން ކަމަށާއި އެކަމަށް ހާއްސަ ގާނޫނުތައް އެކުލަވާލައި ކަންތައްތައް ތަރުތީބު ކުރުމުން ދައުލަތުގެ ހަރަދު ކުޑަކުރެވޭނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"މިހާރު ވެސް އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، އެ މަނިކުފާނުގެ ތަސައްވަރާ އެއްގޮތަށް އެ މަނިކުފާނު އަޅުއްވާ ފިޔަވަޅުތަކުން ދައުލަތުގެ ހަރަދުތައް ބޮޑުތަނުން ކުޑަކުރެވިފައިވާ ތަން އަޅުގަނޑުމެންނަށް މާލީ ހިސާބުތަކުން ފެންނަން އެބައޮތް،" އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތް ކޮށްފި ނަމަ އަންނަ އަހަރުގެ ބަޖެޓަކީ ތަންފީޒު ކުރެވޭނެ ބަޖެޓެއް ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް