ކުރީގެ ރައީސް އަބްދުﷲ ޔާމީން(ފައިލް ފޮޓޯ/އަވަސް)

ބިޑާ ނުލާ ދޭ މަޝްރޫއުތަކުގައި ކޮރަޕްޝަން އޮންނާނެ؛ ދައުވާ ކުރެވޭނެ: ޔާމީން

ކޮރަޕްޝަންގެ އަމަލެއް ސަރުކާރުން އިސްވެ ހިންގާނަމަ، އެއިން ލިބޭ ފައިސާ ސަރުކާރު ބޮޑުންނަށް ބަހާނެ ކަމަށް ވެސް ޔާމީން ވިދާޅުވި

ބިޑަށް އާންމުކޮށް ހުޅުވާނުލައި އަމިއްލަ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރި މައްސަަލާގައި ދައުވާކުރެވޭނެ ކަަމަށާއި އެފަދައިން ހަވާލުކުރާ މަޝްރޫއުތަކެއްގައި ކޮރަޕްޝަން އޮންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ. 

ވީ ކިހިނެއް؟ - އުމްރާނީ ތަރައްގީއާ ގުޅުންހުރި ނުވަ ދާއިރާއަކުން މަޝްރޫއުތައް ހިންގުމަށް 206 އެއްބަސްވުމެއްގައި އަމިއްލަ ކުންފުނިތަކާ އެކު ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސޮއިކޮށްފަ އެވެ. އާންމުކޮށް އިއުލާން ނުކޮށް، ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުން، 53 އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މި މަޝްރޫއުތަކުގެ އަގަކީ 2.7 ބިލިއަން ރުފިޔާ އެވެ.

ބުނީ ކީކޭ؟ - ރޭ އޮތް ޕީއެންއެފް ޖަލްސާގައި އެކަމަށް ފާޑުވިދާޅުވެ ޔާމީން ވިދާޅުވީީ ބިޑަކާނުލައި ކަންކަން ކުރަންޏާ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓާ ޖެނަރަލް އޮފީސް އަދި ރައްޔިތުންގެ މަޖިލިސް ވެސް އޮންނާކަށް ނުޖެހޭނެ ކަމަށެވެ. އެހެންކަމުން މިހާރު އެތަންތަން އުވާލަންވީ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ބިޑަށް ހުޅުވާނުލައި މިކަންކަން ދޭކަމަށް ވަންޏާ އަދި ސެޓެލްމަންޓް އެއްބަސްވުމުގެ ދަށުން މީހުންނަށް އެއްޗެހި ދޭ ކަމަށް ވަންޏާ ހަމަ ބަލާނެ ކަމެއް ވެސް ނެތް އެ އޮތީ ހަމަ ބޮޑުތަނުން ކޮރަޕްޝަން. ކޮރަޕްޝަންގެ އަމަލެއް ސަރުކާރުން އިސްވެ ހިންގާ ކަމުގަ ވަންޏާ، އޭގެ ފައިދާ ނުވަތަ އެއިން ލިބޭ ފައިސާ ސަރުކާރު ބޮޑުންނަށް ބަހާނެކަން ކުޑަކުއްޖަކު ވެސް ގަބޫލުކުރާނެ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން އިތުރަށް ވިދާޅުވީ:

  • އެެހެން ނޫނީ މިފަަދަ ކަމެއް އުސޫލުން ބޭރުން ކުރާކަށް ޖާގައެއް ނޯންނާނެ

  • ބިޑަކާނުލައި މަޝްރޫއުތައް ދޭ ހިސާބުން މާލިއްޔަތު ކޮމިޓީ އާއި އޮޑިޓު އޮފީހުގެ ބޭނުން ވެސް ދިޔައީ؛ އޮޑިޓުކުރާނެ އެއްޗެއްނެތި އެ އޮފީހުން ކުރާނެ އިތުރު މަސައްކަތެއް ނޯންނާނެ

  • އެމްއެމްއޭގެ އެފްއައިޔޫ ވެސް އުވާލަންޖެހޭ؛ ބިޑަކާނުލައި ދިނީމާ، މީހެއްގެ އެކައުންޓަށް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާވިޔަސް އެކަމެއް ނުބެލޭނެ

  • ރައްޔިތުންގެ މަޖިލީސް ވެސް އުވާލަންޖެހޭ؛ ސަރުކާރު ޖަވާބުދާރީ ކުރުވަން އެތަނުން ކުރާ އެއްވެސް ކަމެއް ނެތް

"އެެހެންވީމާ މިހާ ތާކުންތާކު ނުޖެހޭ. ބަޔަކު މުއްސަދިވުމަކީ މައްސަލައެއް ނޫން. ނަމަވެސް މިހާތަނަށް ކުރީގަ އޮތް ނިޒާމު ކަމު ނުގޮސްގެން ގާނޫނު އަސާސީ [ބަދަލުކޮށް] ފަހަތަށް މި ދިޔައީ. ދެން ވެރިކަން ބަދަލުވިޔަސް އަލުން ބަލުން ފަށަން ނޫންތޯ ޖެހޭނީ،" ޔާމީން ވިދާޅުވި އެވެ.

އެނގުން މުހިންމު - ސަރުކާރުގެ ބައެއް މަޝްރޫއުތައް ބިޑަށް ހުޅުވާނުލައި ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް މާލިއްޔަތު ގަވައިދު އިސްލާހުކުރީ މިދިޔަ މަހު އެވެ. ފިނޭންސް މިނިސްޓްރީން ބުނާ ގޮތުގައި މި މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް އިންވެސްޓާ ފައިނޭންސް މޮޑެލްގެ ދަށުން، ދިވެހި ކޮންޓްރެކްޓަރުންނަށް ސަރުކާރުން ފާސްކޮށްފައިވާ ޕީއެސްއައިޕީ އެއްބަސްވުންތަކުގެ މައްޗަށް ބިނާކޮށް މަޝްރޫއަށް ފައިނޭންސް ލިބޭނެ އެވެ. 
ސަރުކާރުން ބޭނުން ބަޔަކަށް މަޝްރޫއުތައް ހަވާލުކުރުމުގެ ނިޔަތުގައި މާލިއްޔަތު ގަވައިދު ބަދަލު ނުކުރެވޭނެ ކަމަށާއި އެކަމަކީ ސީދާ ކޮރަޕްޝަނަށް މަގުފަހިކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވަނީ ވިދާޅުވެފަ އެވެ. އަމީރު ވިދާޅުވިގޮތުގައި އެއީ ޓެންޑާ އަދި ޕްރޮކިއުމަންޓް ހަމަތަކުގެ ބޭރުން ކުރަމުންދާ ކަމެކެވެ. އަދި އެމްޑީޕީގެ ވެރިކަމެއްގައި އެކަން ބަލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ މައްސަލަ އެމްޑީޕީން މިހާރު ވަނީ އޭސީސީއަށް ވެސް ހުށަހަޅާފަ އެވެ. އޭސީސީއަށް ހުށަހެޅީ، ކުންފުނިތަކުން އެ މަޝްރޫއު ކުރިއަށް ނުގެންދިޔަ ނުދީ، ކޯޓު މެދުވެރިކޮށް ހިފަހައްޓައިދިނުމަށް އެދި އެވެ.

ކޮމެންޓް (1)

ތެފައާސާ.

10 ނޮވެމްބަރު 2025
ކޮރަޕްޝަނާއި ގުޅޭ ކަމެއްގައި، ރައީސް ޔާމީން ބަސްފުޅެއް ވިދާޅުވީމާ އެކަމެއް ޖެހޭނެ ގަބޫލް ކުރަން. އެމަނިކުފާނަކީ ތަޖުރިބާކާރެއް.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް