206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލުުކުރުމަށް ބޭއްވި ރަސްމިއްޔާތު (ފޮޓޯ/ރައީސް އޮފީސް)

206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކަށް؛ އެންމެ ގިނައީ ކުޅިވަރުގެ ދާއިރާ

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 53 ކުންފުންޏަކާ ވަނީ މަޝްރޫއުތައް ހަވާލުކޮށްފައި

އުމްރާނީ ތަރައްގީއާ ގުޅުންހުރި 9 ދާއިރާތަކުން މަޝްރޫއުތައް ހިންގުމަށް 206 އެއްބަސްވުމެއްގައި އަމިއްލަ ކުންފުނިތަކާ އެކު ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި 53 އަމިއްލަ ކުންފުންޏަކާ އެކު ވަނީ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެއްބަސްވެފަ އެވެ.

ތަފްސީލް - ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގުމަށް މިއަދު ހަވާލުކޮށްފައިވަނީ:

  • ތައުލީމީ ދާއިރާގެ 31 މަޝްރޫއު

  • ސިއްހީ ދާއިރާގެ 30 މަޝްރޫއު

  • ހޯމްލޭންޑް ސެކިއުރިޓީގެ ދާއިރާގެ 39 މަޝްރޫއު

  • ތިމާވެށީގެ ދާއިރާގެ 24 މަޝްރޫއު

  • މަސްވެރިކަމުގެ ދާއިރާގެ 2 މަޝްރޫއު

  • ކުޅިވަރާ ގުޅުންހުރި 52 މަޝްރޫއު

  • ބޯހިޔާވަހިކަމާއި އިންފްރާސްޓްރަކްޗާގެ 13 މަޝްރޫއު

  • ދީނީ ކަންކަމާ ގުޅުންހުރި 14 މަޝްރޫއު

  • ޒުވާނުންނާ ގުޅޭ 1 މަޝްރޫއު

206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލުުކުރުމަށް ބޭއްވި ރަސްމިއްޔާތު (ފޮޓޯ/ރައީސް އޮފީސް)

މި މަޝްރޫއުތައް ކުރިއަށްގެންދަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކަމަށް ވިޔަސް، މި މަޝްރޫއުތަކަށް ހަރަދުވާ ފައިސާގެ ތަފްސީލެއް އަދި ނުލިބެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަކީ މަސައްކަތަށް ގާބިލު ކުންފުނިތައް ކަމަށެވެ. ރަށްރަށުގައި ހިންގާ މި މަޝްރޫއުތައް ޑިޒައިންކޮށްފައި ވާނީ ރައްޔިތުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވާ ގޮތަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަމިއްލަ ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކޮޅަށް ޖެހުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް