206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

މޫސާ ޒަމީރު

މިއީ ކުދި ވިޔަފާރިތައް ކޮޅަށް ޖަހަން ކުރާ މަސައްކަތުގެ ބައެއް: ޒަމީރު

އުމްރާނީ ތަރައްގީގެ 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށް މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް މިއަދު ބާސެލޯ ނަސަންދުރާގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައި

އުމްރާނީ ތަރައްގީއާ ގުޅުންހުރި 9 ދާއިރާއަކުން 206 މަޝްރޫއު އަމިއްލަ ކުންފުނިތަކާ ހަވާލުކުރަނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކޮޅަށް ޖެހުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އުމްރާނީ ތަރައްގީގެ 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށް މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް މިއަދު ބާސެލޯ ނަސަންދުރާގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

ބުނީ ކީކޭ؟ - މި ރަސްމިއްޔާތުގައި ވާހަކަަ ދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިއީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކޮޅަށް ޖެހުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރޭ ހިމެނޭ މަސައްކަތެއް ކަމަށެވެ.

"މީގެ ސަބަބުން ދިވެހި ގިނަ ވިޔަފާރިތަކަށް މާލީ މަންފާ ލިބި، ޒުވާން އަދި ތަޖުރިބާކާރު ޓެކްނިކަލް މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ވަރުގަދަ ބިންގަލެއް އެޅިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ދިވެހި އިގްތިސޯދު މިހާރު ބިނާވެފައި އޮތީ، ބޭރުގެ ކުންފުނިތަކުން ދިވެހި މާލީ އަދި ބޭންކިން ނިޒާމު މެދުވެރިކޮށް ބޮޑެތި މަޝްރޫއުތައް ރާއްޖޭގައި ހިންގާ ގޮތަށް ކަމަށެވެ.

"ރާއްޖޭގެ ރިއަލް އެސްޓޭޓު މާކެޓުގެ ބޮޑު ހިއްސާއެއް މިއޮތީ ބޭރުގެ ކުންފުނިތަކުގެ މައްޗަށް ފުރޮޅިފައި. އެބައިމީހުން އެ ދަނީ ރާއްޖޭގެ ބޭންކިން ނިޒާމުގައި ހުރި ފައިނޭންސް މެދުވެރިކޮށް ދިވެހިންނަށް ރިއަލް އެސްޓޭޓު އެސެޓުތައް ވިއްކައިގެން ލިބޭ ދިވެހި ރުފިޔާ އެމެރިކާ ޑޮލަރަށް ބަދަލުކޮށްގެން ރާއްޖޭގެ މާލީ ނިޒާމުން ބާރުމިނުގައި ބޭރު ކުރަމުން،" ޒަމީރު ވިދާޅުވި އެވެ.

މިކަން ބަދަލުކުރުމަށް ފިނޭންސް މިނިސްޓްރީން ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު ވާނީ ރިއަލް އެސްޓޭޓު ސިނާއަތާ ގުޅޭ ކަންކަމުގައި ދިވެހި ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނާއި ވިޔަފާރިތަކަށް އިސްކަންދިނުމަށް ދައުލަތުގެ ހިއްސާއޮތް ކަމާ ބެހޭ ކުންފުނިތަކަށް އަންގާފައި،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޓެންޑާ ބޯޑާއި ދައުލަތުގެ އިދާރާތަކުގެ ބިޑު ކޮމެޓީތަކުން ވެސް ދިވެހި ވިޔަފާރިތަކާ އެކު ގިނަ ކޮންޓްރެކްޓުތަކެއްގައި ސޮއިކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ސޮއިކުރި އެއްބަސްވުންތަކާ އެކު ސަރުކާރުގެ އަމާޒަކީ ދިވެހި ވިޔަފާރިތައް ބާރުވެރިކުރުވައި ބޮޑެތި އަދަދުތަކުން ޓެކްސް ދައްކާ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކޮޅަށް ޖެހުން ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

"ދިވެހި ވިޔަފާރިތަކަށް ރާއްޖޭގެ ބޭންކިން ފައިނޭންސް މެދުވެރިިކޮށް މަޝްރޫއުތައް ހިންގުމުގެ މައިގަނޑު މުގާބިލަކީ ދިވެހި ބޭންކިން ސެކްޓަރަށް ވެސް ދިވެހި ވިޔަފާރިތަކާ މިހާރަށް ވުރެ ރައްޓެހި، ފަހި ދާއިރާއަކަށް ހެދުން،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ސޮއިކުރާ މަޝްރޫއުތައް ނިންމިކަން ކަމާ ގުޅޭ މިނިސްޓްރީތަކުން ކަށަވަރު ކުރާނެ އެވެ. މަޝްއޫރުތައް ކުރިއަށް ގެންދާ ދިވެހި ވިޔަފާރިތަކަށް ގަވައިދުން ފައިސާ ލިބޭނެކަމުގެ ޔަގީންކަން މިނިސްޓަރު ޒަމީރު މިއަދު ވަނީ ދެއްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް