އެމްޑީޕީން އިސްވެރިން އޭސީސީއަށް ހާޒިރުކުރާތީ، އެ ޕާޓީގެ އެކްޓިވިސްޓުންތަކެއް އެތަނުގެ ކުރިމަތީގައި މުޒާހަރާ ކުރަނީ (ފޮޓޯ/ އެމްޑީޕީ)

އެމްޑީޕީ

ސަރުކާރުގެ 206 މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީން އޭސީސީއަށް

އެމްޑީޕީން މި މައްސަލަ ހުށަހެޅީ، ކޯޓު މެދުވެރިކޮށް އެންމެ އަވަސްވީ ގޮތަކަށް މަޝްރޫއުތައް ހުއްޓުވުމަށް އެދި
10 ނޮވެމްބަރު 2025

އުމްރާނީ ތަރައްގީއާ ގުޅުން ހުރި ނުވަ ދާއިރާއަކުން، ބިޑަށް ހުޅުވާލުމެއް ނެތި ސަރުކާރުން އަމިއްލަ ކުންފުނިތަކާ 206 މަޝްރޫއެއް ހަވާލު ކުރި މައްސަލަ އެމްޑީޕީން މިއަދު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ބޮޑު ރަސްމިއްޔާތަކަށް ފަހު ސަރުކާރުން އެ މަޝްރޫއުތައް ހަވާލުކުރީ އަމިއްލަ 53 ކުންފުންޏަކާ އެވެ. މަސައްކަތްތައް ހަވާލުކުރުމުގައި ގާނޫނާ ހިލާފުކަންކަން ހުރި ކަމަށް ބުނެ، އެ މައްސަަލަ ކޯޓަށް ހުށަހެޅުމަށް އެމްޑީޕީން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގައި ވެސް ވަނީ ނިންމާފަ އެވެ.

ތަފްސީލު - އެމްޑީޕީން މިއަދު އެ މައްސަލަ އޭސީސީއަށް ހުށަހެޅީ، ކުންފުނިތަކުން އެ މަޝްރޫއު ކުރިއަށް ނުގެންދިޔަ ނުދީ، ކޯޓު މެދުވެރިކޮށް ހިފަހައްޓައިދިނުމަށް އެދި އެވެ.

މައްސަލަ އެ އިދާރާއަށް ހުށަހެޅުމަށް ފަހު، އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ވިދާޅުވީ:

  • އެ މަޝްރޫއުތައް އަވަސް އަރުވާލައިގެން ފެށުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް

  • އެހެންވެ، މައްސަލަ ހުށަހެޅީ، ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލައިދިނުމަށް އެދި ކަމަށް

"އަޅުގަނޑުމެން އެދުނީ މި މަޝްރޫއުތަކުގެ އެއްވެސް މުއާމަލާތެއް ހިނގިޔަ ނުދީ ހުއްޓުވުމަށް. އަދި އެއްވެސް ކުންފުންޏަކަށް އެޑްވާންސްކޮށް ފައިސާ ދިނުމުގެ ކުރިން ހުއްޓުވުމަށް. ފައިސާ ދީފިނަމަ، ދެން އެ އަނބުރާ ހޯދުން ވާނީ އުނދަގޫކަމަކަށް،" މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފަދަ މައްސަލަތައް ތަހުގީގުކޮށް، ހުއްޓުވުމަށް ކޯޓަށް ހުށަހެޅެނީ ތަހުގީގީ އިދާރާތަކަށް ކަމަށާއި އޭސީސީއަށް މައްސަލަ ހުށަހެޅީ ވެސް އެ މަގުސަދުގައި ކަމަށެވެ.

"އަޅުގަނޑުމެން ހީކުރީ އޭސީސީ ކަހަލަ ތަންފީޒީ އިދާރާތަކުން އަމިއްލައަށް މި މައްސަލަތައް ބަލާނެ ކަމަށް. އެކަމަކު އެއްވެސް އިދާރާއަކުން މައްސަލަ ބަލަން ނޫޅޭތީ އެމްޑީޕީން މި ހުށަހެޅީ،" މައުރޫފް ވިދާޅުވި އެވެ.

އެނގުން މުހިންމު -  ސަރުކާރުން ހަވާލުކުރި މަޝްރޫއުތަކުގެ އަގު 2.7 ބިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓުގެ 13 މަޝްރޫއު: 997.38 މިލިއަން ރުފިޔާ

  • ތައުލީމީ ދާއިރާގެ 31 މަޝްރޫއު: 511 މިލިއަން ރުފިޔާ

  • ސިއްހީ ދާއިރާގެ 30 މަޝްރޫއު: 312 މިލިއަން ރުފިޔާ

  • ތިމާވެށީގެ ދާއިރާގެ 24 މަޝްރޫއު: 204 މިލިއަން ރުފިޔާ

  • ކުޅިވަރާ ގުޅުން ހުރި 52 މަޝްރޫއު: 197 މިލިއަން ރުފިޔާ

  • ދީނީ ކަންކަމާ ގުޅުން ހުރި 14 މަޝްރޫއު: 196 މިލިއަން ރުފިޔާ

  • މަސްވެރިކަމުގެ ދާއިރާގެ 2 މަޝްރޫއު: 131.8 މިލިއަން ރުފިޔާ

  • ހޯމްލޭންޑް ސެކިއުރިޓީގެ 39 މަޝްރޫއު: 114.99 މިލިއަން ރުފިޔާ

  • ޒުވާނުން ބާރުވެރިކުރުމުގެ 1 މަޝްރޫއު: 40 މިލިއަން ރުފިޔާ

ފިނޭންސް މިނިސްޓްރީން ކުރިން ބުނީ މި މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް އިންވެސްޓާ ފައިނޭންސް މޮޑެލްގެ ދަށުން، ދިވެހި ކޮންޓްރެކްޓަރުންނަށް ސަރުކާރުން ފާސްކޮށްފައިވާ ޕީއެސްއައިޕީ ކޮންޓްރެކްޓްތަކުގެ މައްޗަށް ބިނާކޮށް ޕްރޮޖެކްޓް ފައިނޭންސް ލިބޭނެ ކަމަށެވެ.

ސަރުކާރުން ފައިސާ ދައްކާނީ ކުރިއަށްދާ މިންވަރު ޔަގީންކުރުމަށް ފަހު ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް