އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު (ފޮޓޯ/އެމްޑީޕީ)

އެމްޑީޕީ

ބިޑަކާ ނުލާ މަޝްރޫއުތައް ދިނުމަކީ ރާއްޖޭގައި ދުވަހަކު ވެސް ނުހިނގާވަރުގެ ކޮރަޕްޝަން؛ އެކަން ބަލާނަން: އަމީރު

އަމީރު ވިދާޅުވީ މާލިއްޔަތު ގަވާއިދު ބަދަލުކޮށްގެން ބޭނުންވާހާ ބަޔަކަށް މަޝްރޫއުތައް ދީގެން އެގޮތަށް އެކަން ކުރުމަކީ ޓެންޑާ އަދި ޕްރޮކިއުމަންޓް ހަމަތަކުގެ ބޭރުން ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށް

ބިޑަށް އާންމުކޮށް ހުޅުވާނުލައި އަމިއްލަ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރުމަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ކޮރަޕްޝަން ކަމަށާއި އެމްޑީޕީ ވެރިކަމެއްގައި އެކަން ބަލާނެ ކަމަށް ކުރީގެ ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އުމްރާނީ ތަރައްގީއާ ގުޅުންހުރި ނުވަ ދާއިރާއަކުން މަޝްރޫއުތައް ހިންގުމަށް 206 އެއްބަސްވުމެއްގައި އަމިއްލަ ކުންފުނިތަކާ އެކު ސަރުކާރުން މިއަދު ވަނީ ސޮއިކޮށްފަ އެވެ. އާންމުކޮށް އިއުލާން ނުކޮށް، ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުން މި މަޝްރޫއުތައް ހަވާލުކުރީ 53 އަމިއްލަ ކުންފުންޏަކާ އެެވެ.

ސަރުކާރުގެ ބައެއް މަޝްރޫއުތައް ބިޑަށް ހުޅުވާނުލައި ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް މާލިއްޔަތު ގަވައިދު އިސްލާހުކުރީ މިދިޔަ މަހު އެވެ.

ބުނީ ކީކޭ؟ - އެމްޑީޕީގެ އިގްތިސާދީ ކޮމިޓީން އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަމީރު ވިދާޅުވީ، ސަރުކާރުން ބޭނުން ބަޔަކަށް މަޝްރޫއުތައް ހަވާލުކުރުމުގެ ނިޔަތުގައި މާލިއްޔަތު ގަވައިދު ބަދަލު ނުކުރެވޭނެ ކަމަށާއި އެ ގަވާއިދު ބަދަލުކުރެވޭނީ ހުދޫދެއްގެ ތެރެއިން ކަމަށެވެ.

އެކަމަކީ ސީދާ ކޮރަޕްޝަނަށް މަގުފަހިކުރުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި އަމީރު ސިފަކުރެއްވި އެވެ.

"ސަރުކާރުން ބީއެމްއެލްގެ ފައިސާ ބޭނުންކޮށްގެން ރައީސް މުއިއްޒުގެ ވައުދުތައް ފުއްދުމަށް މާލިއްޔަތު ގަވާއިދާއި ގާނޫނަށް ބެލުމެއްނެތި، ބޭނުންގޮތަކަށް ގަވާއިދުތައް ބަދަލުކޮށްގެން، ސަރުކާރުގެ އިސްވެރިން ބޭނުންވާހާ ބަޔަކަށް މަޝްރޫއުތައް ދީގެން، އެގޮތަށް އެކަން ކުރުމަކީ ޓެންޑާ އަދި ޕްރޮކިއުމަންޓް ހަމަތަކުގެ ބޭރުން ކުރަމުންދާ ކަމެއްކަން ފާހަގަކޮށްލަން. އެކަން އަޅުގަނޑުމެން ބަލައެއް ނުގަންނާނަން،" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ:

  • ބޭނުންހާ ބަޔަކަށް މަޝްރޫއުތައް ދޭން މާލިއްޔަތު ގަވާއިދު ބަދަލެއް ނުކުރެވޭނެ؛ މާލިއްޔަތު ގަވާއިދު ބަދަލުކުރެވޭނީ ވަކި ހުދޫދެއްގެ ތެރެއިން

  • މިއީ ބޭނުންވާ ބަޔަކަށް ބޭނުންވާ އަދަދެއް ޖަހާފަ ދެވޭ މަޝްރޫއުތަކެއް 

  • ބޭނުންވާ ބަޔަކަށް މަޝްރޫއުތައް އެދެނީ ސަރުކާރުން ސީދާ ކޮރަޕްޝަން ހިންގަން؛ އަދި މީގަ ބީއެމްއެލް އިން ފަންޑުކުރާތީ

  • އެކަން އެކުރަނީ ބީއެމްއެލް ވެސް ރިސްކަށް ހުށަހެޅޭ ގޮތަށް

  • ބޮޑު ރަސްމިޔާތެއް ބާއްވާފައި ކުންފުނިތަކަކާއި ހަވާލުކުރިޔަސް ކުރިއަށް އޮތް ދެ އަހަރު ތެރޭ އެކަން ކުރިއަށް ނުގެންދެވޭނެކަން ޔަގީން؛ އެ ކުންފުނިތަކަށް ދޭން ބޭނުންވާނެ ފައިސާއެއް ވެސް ނެތް

"އަޅުގަނޑުމެން [މިއަދު ސޮއިކުރި] ވަކިވަކި ކޮންމެ މަޝްރޫއެއް ވެސް ބަލާފައި، މިކަންކަން އަޅުގަނޑުމެން ތަހުގީގުކުރާނެކަން ބުނެލަން. ސަރުކާރު ވެސް އަދި ކޮންމެވެސް ދުވަހަކުން ބަދަލުވެގެންދާނެ. މިއަދު އެކުރެވޭ ކަމަކީ މިދިޔަ ހުރިހާ ސަރުކާރުތަކުގައި ވެސް މީގެ ކުރިން ރާއްޖޭގައި ދުވަހަކު ވެސް ނުކުރާވަރުގެ ބޮޑެތި ކޮރަޕްޝަން، މިއަދު އެ ހިންގަނީ ސީދާ ލައިވް ޓީވީގައި. މިކަންކަން ހުއްޓުވަން އޭސީސީ އަދި އޮޑިޓާ ޖެނަރަލް ނިދާފައި ނޯންނަން އަދި އެ މަސައްކަތް މިހާރުން މިހާރަށް ހުއްޓުވާލަން އަޅުގަނޑު ގޮވާލަން،" އަމީރު ވިދާޅުވި އެވެ.

ކޮމެންޓް (3)

ދުރުމި

8 ނޮވެމްބަރު 2025
ފުރަތަމަ ވެރިކަން ލިބިގެން ދޯ ބެލޭނި ވެސް . ކޮބާތަ ކަލޭގެ މިނިސްޓަރު ކަމުގައި އާަސަންދަ އޮފީސް ހަދަން ޕާޓީ މެމްބަރަށް ހމ އިން ދިން ބިމާއި 43 މިލިޔަން ރުފިޔާ . ލަދު ކުޑަ ބައެއް މީ
2 0

ބަލާށޭ

7 ނޮވެމްބަރު 2025
ސަރުކާރުން ޚަރަދު ކުޑަކުރަން އެއްވެސް މަސައްކަތެއް ނުކުރާތީއޭ ރާއްޖޭން ބޭރުގެ އެމްބަސީ ތަކަށް އެހާ ބޮޑު އަދަދުން ކުލި ދައްކަން ޖެހެނީ ހަގީގަތުގައި މިހާރު އެއްވެސް ގައުމެއްގައި އެމްބަސީ އަދި އދ.ގެ ހެޑް ކްއާރޓަރުގައި ވެސް މީހުން ތިބެން ނުޖެހޭނެއޭ އެކަން ކުރެވޭނެއޭ ވާރޗުއަލް ރިއަލިޓީ މެދުވެރިކޮށް އެމްބަސީ ތަކުން ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ކުރަނީ އޮންލައިން މެދުވެރިކޮށް ކަމަށްވާއިރު ބޭރުގައުމު ތަކުގައި ހުރި އެމްބަަސީ ތަކުން ކުރާ ކަމެއް ނެތޭ
1 0

ރޮށިއައު

6 ނޮވެމްބަރު 2025
ރާއްޖޭގެ ރަށެއް ތަރައްގީ ވެދާނެތީ ތެޅިފޮޅޭ ބައި ގަނޑެއް ތި އެމްޑީޕީ އަކީ.
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް