ސިނގިރޭޓު ވައްކަމާ ގުޅިގެން ހައްޔަރު ކުރި ނުވަ މީހުން: އޭގެ ތެރެއިން ދެ މީހަކު ވަނީ ކުށަށް އިއުތިރާފްވެފައި (ފޮޓޯ/ ޕޮލިސް)
ސިނގިރޭޓު ވައްކަން: 2 މީހަކު އިއުތިރާފްވެއްޖެ، ވަހީދު އެއްބާރުލުމެއް ނުދޭ
ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކޮށްގެން ކަސްޓަމްސްއިން ހިފަހެއްޓި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުން ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި ދެ މީހަކު ކުށަށް އިއުތިރާފްވެފައިވާކަން 'ދައުރު'އަށް އެނގިއްޖެ އެވެ. އޭގެ އިތުރުން، ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެޕޯލޯ ހޯލްޑިންސްގެ ހިއްސާދާރެއް ކަމަށްވާ މުހައްމަދު ވަހީދު (ދިގަލި) ތަހުގީގަށް އެއްބާރުލުން ނުދޭކަން ވެސް ވަނީ އެނގިފަ އެވެ.
ވީ ކިިހިނެއް؟ - މިދިޔަ އެޕްރީލް މަހު ފަހުކޮޅު ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ މި ސިނގިރޭޓުތައް ގެއްލުނުކަން ފެންމަތީވީ މިދިޔަ މަހު ކުރީކޮޅު އެވެ. މި މައްސަލައިގައި މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށްފައިވެ އެވެ.
ތަފްސީލު - ހައްޔަރުކުރި މީހުންގެ ތެރެއިން ކުށަށް އިއުތިރާފްވެފައި ވަނީ، 'ދައުރު'އަށް އެނގިިފައިވާ ގޮތުގައި، އެމްޕީއެލްގެ ދެ މުވައްޒަފުންނެވެ. އެއީ:
-
އަހްމަދު ޝަމީމް، 42، ނޫރަލީގެ/ހދ. ވައިކަރަދޫ
-
ހުސައިން ސާމިހް، 35، ޗާންދަނީގެ/ސ. ހިތަދޫ
މި މައްސަލައިގައި ހައްޔަރުކުރި އެންމެން ވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ހައްޔަރުގައި ތިބި ދެ ވިޔަފާރިވެރިންގެ ތެރެއިން އެކަކަކީ މުހައްމަދު ވަހީދެވެ. ދެން ހިމެނޭ ވިޔަފާރިވެރިޔަކީ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް އެވެ.
އިތުބާރުހުރި މަސްދަރުތަކުން 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ހައްޔަރުކުރި މީހުންގެ ތެރެއިން މުހައްމަދު ވަހީދު ފިޔަވައި ދެން ތިބި އެންމެން ތަހުގީގަށް އެއްބާރުލުން ދީ، އެ މީހުންގެ ބަޔާން ވަނީ ނަގައިފަ އެވެ. ނަމަވެސް އަދި މިހާތަނަށް މުހައްމަދު ވަހީދު ތަހުގީގަށް ބަޔާނެއް ދީފައެއް ނުވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ވަގަށް ނެގި މި ޝިޕްމެންޓްގައި ހިމެނޭ ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީ ދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކުރެވެ އެވެ. އަދި މިހާތަނަށް މި ސިނގިރޭޓުތައް ވެސް ފެނިފައެއް ނުވެ އެވެ.
ކޮމެންޓް (1)
ހުސެން ސައިދު