ސިނގިރޭޓު ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުން (ކ-ވ): ޒިވާރު އިސްމާއިލް، މުއާޒް އަލީ، މުހައްމަދު ވަހީދު އަދި އަހުމަދު އާރިފް.

ސިނގިރޭޓް ކޮންޓެއިނަރުތައް ވަގަށް ގެންދިޔައީ ދޯނީގެ ނަމާއި ރަޖޖިސްޓްރީ ނަމްބަރު ބަދަލުކޮށްގެން

ތަހުގީގަށް 5 އުޅަނދަކާއި މާލެ، ހުޅުމާލެ އަދި ތިލަފުށީގެ 21 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނި

އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓައި ވަގަށް ނެގި ދެ ސިނގިރޭޓު ކޮންޓެއިނަރު ބަދަލުކޮށް ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރު ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ވަގަށް ރާއްޖެ އެތެރެކުރުމުން މިދިޔަ އޭޕްރީލް މަހު ހިފަހައްޓައި އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި އެ ދެ ކޮންޓެއިނަރުގައި:

  • 13 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސިނގިރޭޓް ހުރި 

  • އޭގެ ޑިއުޓީގެ އަގު 122 މިލިއަން ރުފިޔާއަށް އަރާ 

މި ކޮންޓެއިނަރުތައް ބަނދަރުން ވަގަށް ބޭރުކުރި މައްސަލައިގައި މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށް، 19 މީހަކު ރާއްޖެއިން ފުރުން ވަނީ މަނާކޮށްފަ އެވެ.

ތަފްސީލް - މި މައްސަލައިގެ ތަހުގީގުން މިހާތަނަށް ހޯދިފައިވާ މައުލޫމާތުތައް ހާމަކޮށް ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ތަހުގީގަށް ފަސް އުޅަނދަކާއި މާލެ، ހުޅުމާލެ އަދި ތިލަފުށީގެ 21 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ:

  • ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގައިފައިވަނީ، އެ ދެ ކޮންޓެއިނަރާ އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކުރުމަށް ފަހު 

  • އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެރެގެން ގެންގޮސް، އޭގެ ބަދަލުގައި އެއާ އެއްގޮތަށް ތައްޔާރުކުރި ދެ ކޮންޓެއިނަރު ދޯންޏެއްގައި ޓާމިނަލަށް ގެންގޮސް ބަހައްޓާފައިވޭ 

  • ކޮންޓެއިނަރުތައް ބަދަލުކޮށް ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރު ވަނީ ބަދަލުކޮށްފައި

  • ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސް، އެ ދެ ކޮންޓެއިނަރު ތިލަފުށީގައި ބަހައްޓައިގެން ވަނީ ހަލާކު ކޮށްލާފައި 

  • ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ފުލުހުން ވަނީ ހޯދާފައި

އެނގުން މުހިންމު - މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި، ވައްކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާއި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ އިތުރުން، ކޮންޓެއިނަރު ވަގަށް ގެންދިއުމުގައި ބޭނުންކުރި ދޯނި އެވަގުތު ދުއްވަން އިން ކެޕްޓަން ހިމެނެ އެވެ. އަދި މި ވައްކަން ކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާކަމަށް ތަހުގީގުން ހޯދުނު މީހުން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. 

ހައްޔަރު ކުރި މީހުންގެ ތެރެއިން ހަތް މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. އެއީ:

  • މުހައްމަދު ވަހީދު (ދިގަލި)، އެޕޯލޯ ކުންފުނީގެ އެއް ހިއްސާދާރު - ތުހުމަތުކުރަނީ ވައްކަން ރާވާ، ފަންޑުކުރި ކަމަށް

  • އަހުމަދު އާރިފް، ލޮޓަސްގެ ވެރިޔާ - ތުހުމަތުކުރަނީ ވައްކަން ރާވާ، ފަންޑުކުރި ކަމަށް

  • މުއާޒު އަލީ، ކަސްޓަމްސްގައި ކުރިން އުޅުނު، މިފްކޯގެ ޖެނެރަލް މެނޭޖަރެއް - ތުހުމަތުކުރަނީ އަމަލީ ގޮތުން އެކަން ރާވައި ހިންގުމުގައި ބައިވެރިވި ކަމަށް

  • ޒިވާރު އިސްމާއިލް، ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް - ތުހުމަތުކުރަނީ އަމަލީ ގޮތުން އެކަން ރާވައި ހިންގުމުގައި ބައިވެރިވި ކަމަށް

  • ހަސަން އަބްދުއްރަހްމާން، އެޕޯލޯގެ މުވައްޒަފެއް

  • އާދަމް ވަހީދު، ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށް ބޭރުކުރި ދޯނީގެ ކައްޕި، އެޕޯލޯގެ މުވައްޒަފެއް

  • އަހުމަދު ފިރުސާން، އެމްޕީއެލްގެ މުވައްޒަފެއް

ދެން މި މައްސަލާގައި ހިމެނޭ އެމްޕީއެލްގެ ދެ މުވައްޒަފުންގެ ބަންދަށް 16 ދުވަސް މިދިޔަ އާދިއްތަ ދުވަހު ވަނީ ޖަހާފަ އެވެ. އެ ދެ މީހުންނަކީ:

  • ހުސައިން ސާމިހު

  • އަހުމަދު ޝަހީމް

މި ވައްކަމާ ގުޅޭ އެއްވެސް މައުލޫމާތެއް، ނުވަތަ ވަގަށް ނަގައިފައިވާ ސިނގިރޭޓާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ސިނގިރޭޓް އެތެރެކުރުމުގެ ހުއްދަ ނެތި ފުޅާ ދާއިރާއެއްގައި ސިނގިރޭޓްގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތެއް، އެއްވެސް މީހަކަށް އެނގޭ ނަމަ، މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ދިނުމަށް ފުލުހުން އެދެ އެވެ.

ކޮމެންޓް (2)

ޢެޕޯލޯ ހަޤީގަތް އެނގޭ ކުރީގެ ސުޓާފެއް

5 ނޮވެމްބަރު 2025
ތިނެސްކަން ކޮށްފައި މިނސްޓަރަށް ގޮންޖަހާލައި، ހަޑިހުތުރުބަހުން މެސެޖު ނުކުރި ނަމަ ތިކަމެއް ބަޔަކަށް ނޭގުނީހެއްނު.. ދިގަލިމެންނަށް ލައްކަ ދުވަހު ޖަރީމާ ހިންގައިގެން ދިރިއުޅެވިއްޖެއެއްނު ދޯ. ކޮންމެ ކަމެއްގައި ޖަރިމާ ހިންގާފައި މިސްކިތަށް އަރާ މީހެއް ދިގަލި އަކީ.. އިންޝުއަރެންސް ޖަރީމާ ، ޑިއުޓީ ނުދައްކައި މުދާ އެތެރެ ކުރުމުގެ ޖަރީމާ، ދައުލަތުން ފުލެޓު އަޅަން ބިން ހޯދުމުގެ ޖަރީމާ ، މިހެންގޮސް އެންމެ ބޮޑެތި ޖަރީމާ އެޕޯލޯ ކުޑައިގައި ސީދާ ދިގަލިއަށް އެނގިގެން ހިންގައިފައި އެބަހުރި. މުސްކުޅި އުމުރަށް ޖަލުގައި އޮންނަން ޖެހިދާނެ ކަމަށް ހީވެސް ނުކުރާނެ..
3 0

ވަނޫދު

5 ނޮވެމްބަރު 2025
@ޢެޕޯލޯ ހަޤީގަތް އެނގޭ ކުރީގެ ސުޓާފެއް ދިގަލިމެން ދިނީމަ ކައިގެން ބޮއެގެ އުޅޭ މީހުންނަށް އަދިވެސް ދިގަލިމެން ވަރެއް ނެތް
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް