ސިނގިރޭޓް ކޮންޓެއިނާ މައްސަލާގައި ހައްޔަރުކުރި ވިޔަފާރިވެރިން ކަމަށްވާ މުހައްމަދު ވަހީދު (ކ) އާއި އަހުމަދު އާރިފް (ވ)

ސިނގިރޭޓު ވައްކަން: އާރިފް އާއި އިތުރު 4 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި 1،360 ކޭސް ސިނގިރޭޓު ހިމެނޭ ދެ ކޮންޓެއިނަރު އެ ބަނދަރުން ވަގަށް ބޭރުކުރި މައްސަލައިގައި ނުވަ މީހަކު މިހާތަނަށް ހައްޔަރުކުރި

ވަގަށް ރާއްޖެ އެތެރެކުރުމުން މިދިޔަ އޭޕްރީލް މަހު ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި 1،360 ކޭސް ސިނގިރޭޓު ހިމެނޭ ދެ ކޮންޓެއިނަރު އެ ބަނދަރުން ވަގަށް ބޭރުކުރި މައްސަލައިގައި ފުލުހުންގެ ބަންދުގައި ތިބި ވިޔަފާރިވެރިޔާ އަހުމަދު އާރިފް ހިމެނޭހެން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ވީ ކިހިނެއް؟ - ހިފެހެއްޓި ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓް ކޭސްތަކުގައި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ހިމެނެ އެވެ. އޭގެ ޑިއުޓީގެ އަގު 122 މިލިއަން ރުފިޔާއަށް އަރަ އެވެ. ދެ ކޮންޓެއިނަރު އެ ބަނދަރުން ވަގަށް ބޭރުކުރި މައްސަލައިގައި މިހާތަނަށް ނުވަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ތަފްސީލް - އެ މައްސަލާގައި ހައްޔަރުކުރި އާރިފްގެ އިތުރުން ދެން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މިއަދު ކްރިމިނަލް ކޯޓުން އަމުރުކުރީ

  • މުއާޒު އަލީ

  • ޒިވާރު އިސްމާއިލް

  • އަހުމަދު ފިރުޝާން

  • އާދަމް ވަހީދު

މި މައްސަލާގައި ހައްޔަރުކޮށްފައިވާ އެޕޯލޯގެ ހިއްސާދާރު މުހައްމަދު ވަހީދު (ދިގަލި) ވެސް މީގެ ކުރިން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މިހާތަނަށް ވިޔަފާރި ބަނދަރުގައި ހިންގި އެންމެ ބޮޑު ވައްކަމާ ގުޅިގެން ހައްޔަރުކޮށްފައި ތިބީ:

  • މުހައްމަދު ވަހީދު (ދިގަލި)، އެޕޯލޯ ކުންފުނީގެ އެއް ހިއްސާދާރު

  • އަހުމަދު އާރިފް، ލޮޓަސްގެ ވެރިޔާ

  • މުއާޒު އަލީ، ކަސްޓަމްސްގައި ކުރިން އުޅުނު. މިހާރު މިފްކޯގެ ޖެނެރަލް މެނޭޖަރެއް

  • ޒިވާރު އިސްމާއިލް، ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް

  • ހަސަން އަބްދުއްރަހްމާން، އެޕޯލޯގެ މުވައްޒަފެއް

  • އާދަމް ވަހީދު، ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށް ބޭރުކުރި ދޯނީގެ ކައްޕި، އެޕޯލޯގެ މުވައްޒަފެއް

  • އަހްމަދު ޝަހީމް، އެމްޕީއެލްގެ މުވައްޒަފެއް

  • ހުސެން ސާމިހު، އެމްޕީއެލްގެ މުވައްޒަފެއް

  • އަހުމަދު ފިރުސާން، އެމްޕީއެލްގެ މުވައްޒަފެއް

އެނގުން މުހިންމު - ކަސްޓަމްސްއިން ކުރިން ބުނެފައިވާ ގޮތުގައި:

  • 40 ފޫޓުގެ ދެ ކޮންޓެއިނަރުގެ ތެރެއިން 1،360 ކޭސް ސިނގިރޭޓް (13.6 މިލިއަން ސިނގިރޭޓް ސްޓިކް) ވަނީ ފެނިފައި

  • މި ޝިޕްމެންޓްގައި ހިމެނޭ ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީ ދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެކަމަށް ލަފާކުރެވޭ

މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ސިނގިރޭޓުގެ އަގު ސަރުކާރުން ބޮޑުކުރުމާ އެކު އެކި ކަހަލަ ވަގު ބްރޭންޑްތަކުގެ ސިނގިރޭޓާއި އެނޫން ވެސް ވަގަށް އެތެރެކޮށްފައިވާ ސިނގިރޭޓު ވިއްކުން ވަރަށް ބޮޑަށް ވަނީ އާންމުުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް