ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު ސައްތާރު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ - ފޮޓޯ: މަޖިލީސް

ޖުޑީޝަރީ ކޮމިޓީ

ހުސްނީ ޖޭއެސްސީއަށް އައްޔަންކުރާތީ، ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުކަން ސައްތާރަށް

ޖޭއެސްސީގެ ނިންމުންތައް ދިރާސާކުރަން މަޖިލީހުގައި އޮންނަ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުކަމުން ހުސްނީ ދުރަށް ޖެހިވަޑައިގަތީ، ޖޭއެސްސީގެ މެންބަރު ކަމަށް ހުސްނީ އައްޔަންކުރަން މަޖިލީހުން ނިންމާފައިވާތީ
29 އޮކްޓޯބަރު 2025
1

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރަކަށް ހުންނެވި މަނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހުސްނީ މުބާރަކް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަންކުރަން ނިންމުމުން، އެ ކޮމިޓީގެ މުގައްރިރަކަށް ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މިއަދު އިންތިހާބުކޮށްފި އެވެ.

ވީ ކިހިނެއް؟ - ޖޭއެސްސީއަށް ހުސްނީ މުބާރަކް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ، ކުރިން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ކޮމިޝަނުގައި އިންނެވި މާފުށި ދާއިރާގެ ޕީއެންސީގެ މެންބަރު ހުސައިން ރިޒާ އާދަމް ކޮމިޝަނުން އިސްތިއުފާ ދެއްވުމުންނެވެ.  

މި ނިންމުމާ އެކު ހުސްނީ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުކަމުން ވަކިވެވަޑައިގެންފައިވާތީ، ކޮމިޓީއަށް މުގައްރިރަކާއި ނައިބު މުގައްރިރަކު ކަނޑައެޅުމަށް ކޮމިޓީން ބައްދަލުވުމެއް ބޭއްވި އެވެ.

ތަފްސީލް - ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމެވީ، މުގައްރިރަށް ސައްތާރު އަދި ނައިބު މުގައްރިރަށް ފުނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު މަމްދޫހު އިންތިހާބުކުރުމަށެވެ. އެ ގޮތުން:

  • މުގައްރިރަށް ސައްތާރުގެ ނަން ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހަސަން މުފީދު އަބްދުއްގާދިރު؛ ތާއީދު ކުރެއްވީ މަމްދޫހު

  • ނައިބު މުގައްރިރަށް މަމްދޫހުގެ ނަން ހުށަހެޅުއްވީ ވެސް މުފީދު؛ ތާއީދު ކުރެއްވީ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު

އެނގުން މުހިންމު - މީގެ ކުރިން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ޖޭއެސްސީގެ މެންބަރަކު އިންނަވާ ނަމަ، ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީން ނިންމާ ނިންމުންތަކުގައި ކޮމިޓީގައި ބައިވެރިއެއްނުވެ އެވެ. އަދި ކޮމިޓީގެ މުގައްރިރު ކަމުގައި ހުންނަވާ ނަމަ، އެ ކަމުން ދުރަށް ޖެހިވަޑައިގަންނަވަ އެވެ. އެއީ މަސްލަހަތު ފުށުއަރާ ކަމަކަށް ވާތީވެ އެވެ.

ހުސްނީ އަދި ސައްތާރަކީ ވެސް ގާނޫނީ ވަކީލުންނެވެ.

ކޮމެންޓް (1)

ޙުސައިން

30 އޮކްޓޯބަރު 2025
ތިޔައީ ޕްރޮމޯޝަން ދިނުން. ސައްތާރު ލައްވައި، ބިލެއް ލައިގެން ފަނޑިޔާރުން ވަކިކުރީ. ދެން ޖުޑިޝަރީ ކޮމެޓީގެ ތެރެއިން އެކަން ކޮށްލަދިނީ ހުސްނީ. އެހެންވީމާ ތިޔަހުރީ ޕްރޮމޯޝަން ދީފައި.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް