ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރަކް ވާހަކަ ދައްކަވަނީ - (ފޮޓޯ/ މަޖިލިސް)

ޖޭއެސްސީއަށް މެންބަރު ހުސްނީ އައްޔަންކުރަން މަޖިލީހުން ނިންމައިފި

ޖޭއެސްސީއަށް މަނަދޫ ދާއިރާގެ މަޖިލިސް މެންބަރު ހުސްނީ މުބާރަކް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ، ކުރިން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ކޮމިޝަނުގައި އިންނެވި މާފުށި ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ރިޒާ އާދަމް ކޮމިޝަނުން އިސްތިއުފާ ދެއްވުމުން
27 އޮކްޓޯބަރު 2025

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ގޮތުގައި މަޖިލީހުގެ މަނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހުސްނީ މުބާރަކް އިންނަވަން މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ޖޭއެސްސީއަށް ހުސްނީ މުބާރަކް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ، ކުރިން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ކޮމިޝަނުގައި އިންނެވި މާފުށި ދާއިރާގެ ޕީއެންސީގެ މެންބަރު ހުސައިން ރިޒާ އާދަމް ކޮމިޝަނުން އިސްތިއުފާ ދެއްވުމުންނެވެ.

ތަފްސީލް - ޖޭއެސްސީއަށް މަޖިލީހުން ކަނޑައަޅާ މަޖިލީހުގެ މެންބަރުގެ ގޮތުގައި ހުސްނީ އައްޔަންކުރުމަށް ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. ހުސްނީ ޖޭއެސްސީއަށް އައްޔަންކުރަން ނުފެންނަ ކަމަށް، ޖަލްސާގައި ތިއްބެވި އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

އެނގުން މުހިންމު - ހުސްނީއަކީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު ވެސްމެ އެވެ.

މީގެ ކުރިން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ޖޭއެސްސީގެ މެންބަރަކު އިންނަވާ ނަމަ، ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީން ނިންމާ ނިންމުންތަކުގައި ކޮމިޓީގައި ބައިވެރިއެއްނުވެ އެވެ. އެއީ މަސްލަހަތު ފުށުއަރާ ކަމަކަށް ވާތީވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ރިޒާ އިސްތިއުފާ ދެއްވުމުގެ ކުރިން ހުންނެވީ ޖޭއެސްސީގެ ރައީސްގެ މަގާމުގަ އެވެ. އެހެންކަމުން ކޮމިޝަނުގެ ރައީސްގެ މަގާމު ވެސް މިހާރު އޮތީ ހުސްކޮށެވެ.

ޖޭއެސްސީގެ ނައިބު ރައީސް ކަމުގައި ހުންނެވި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް މިދިޔަ ހަފުތާ އަންގާރަ ދުވަހު ވަނީ ކޮމިޝަނުގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާއެއް ނުދެއްވަ އެވެ.

ޖޭއެސްސީގެ ނައިބު ރައީސް ކަން މިހާރު ވަނީ އެ ކޮމިޝަނުގައި އިންނަވާ ރައީސް މުހައްމަދު މުއިއްޒުގެ މެންބަރު ޔަޒްމީދު މުހައްމަދު މިދިޔަ ހަފުތާ ބުދަ ދުވަހު އިންތިހާބުކޮށްފަ އެވެ.

ގުޅުން ހުރި - ޖޭއެސްސީގެ އެކުލެވުން އޮންނަ ގޮތުން، ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ހިންގާ ޕާޓީގެ މެޖޯރިޓީ ލިބިއްޖެނަމަ ޖޭއެސްސީއާއި ޖުޑީޝަރީގެ ކޮންޓްރޯލް ހޯދެ އެވެ. މިހާރު ކޮމިޝަނުގައި އޮތީ ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އެވެ.

ޖޭއެސްސީގައި ތިއްބެވި މެންބަރުންނަކީ:

  • ރައީސް މުހައްމަދު މުއިއްޒުގެ މެންބަރު ޔަޒްމީދު

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

  • ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ

  • ވަޒީރުންގެ މަޖިލީހުގައި އިންނަވާ ބަންޑާރަ ނައިބު އަހުމަދު އުޝާމް

  • ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު މުޖުތާޒު

  • މަޖިލީހުން ކޮމިޝަނަށް ކަނޑައަޅާ އާންމުންގެ މެންބަރު އިދުރީސް ފައުޒީ

  • ގާނޫނީ ވަކީލުން އިންތިހާބުކުރާ މެންބަރު އަލީ އަބްދުއްލަތީފް

  • ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު

  • ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު

  • ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު

އިތުރު އާޓިކަލް

އިތުރު އާޓިކަލް