ވަގަށް ރާއްޖެއިން އެތެރި ކުރި 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގަތުން: ވަގަށް އެތެރެކުރި ކުންފުންޏަށް ފިޔަވަޅެއް ނާޅާ - (ފޮޓޯ/ ކަސްޓަމްސް

ސިނގިރޭޓު ވަގަށް އެތެރެކުރި ބިންލާދިން ގްރޫޕާ ގުޅުން އޮންނަ ކުންފުންޏަށް ފިޔަވަޅެއް ނާޅާ

'ދައުރު'އަށް އެނގިފައިވާ ގޮތުގައި، މި ސިނގިރޭޓުތައް ވަގަށް އެތެރެކުރަނީ ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ކުރިއަށްގެންދާ ބިންލާދިން ގްރޫޕާ ގުޅުން އޮތް ކުންފުންޏަކުން
15 އޮކްޓޯބަރު 2025

ވަގަށް އެތެރެކުރަނިކޮށް، ކަސްޓަމްސްއިން ހިފެހެއްޓި އަދި މިހާރު ވަގަށް ނަގާފައިވާ 13.6 މިލިއަން ސިނގިރޭޓުގެ މައްސަލާގައި އެ ސިނގިރޭޓް އެތެރެކުރި ކުންފުންޏަށް އަދިވެސް ފިޔަވަޅު ނާޅާކަން އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީގެ ނަމުގައި އެތެރެކުރި އެތަކެތި މިދިޔަ އޭޕްރީލް މަހު ހިފެހެއްޓުމަށް ފަހު ކަސްޓަމްސްއިން ބަހައްޓާފައި ހުރީ ހުޅުމާލެ އެމްޕީއެލް ބަނދަރުގަ އެވެ. އެ ސިނގިރޭޓްތައް ވަގަށް ގެންދިޔަކަން އެނގުނީ މިދިއަ ހަފުތާގަ އެވެ. 

އެ ސިނގިރޭޓްތައް ވަގަށް ނެގިކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށް، 12 މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ. ނަމަވެސް ސިނގިރޭޓު ވަގަށް އެތެރެކުރި މައްސަލާގައި އެއްވެސް ބަޔަކަށް ފިޔަވަޅު އަޅާފައިވާކަން ސަރުކާރުގެ އިދާރާތަކުން ބުނެފައެއް ނުވެ އެވެ.

ތަފްސީލް - 'ދައުރު'އަށް އެކި މަސްދަރުތަކުން މިހާރު ކަށަވަރުވެފައިވާ ގޮތުގައި، މި ތަކެތި އެތެރެކުރަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ކުރިއަށް ގެންދިޔަ ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގަ އެވެ.  އެ ކުންފުނީގެ ނަމުގައި އެތަކެތި ރާއްޖެ އެތެރެކުރަނީ ޓާމިނަލް ތަރައްގީ ކުރަން ބިންލާދިން ގުރޫޕުން ހަވާލުކޮށްފައިިވާ ޗައިނާ ހާބާ އިންޖިނިއަރިން ކުންފުނިންނެވެ. 

ސިނގިރޭޓުތައް ވަގަށް އެތެރެކުރާކަން ކަސްޓަމްސްއަށް އެނގިގެން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުން ކުރިހާ ވެސް ކަމަކީ އެ ތަކެތި ހިފަހައްޓާފައި ބަނދަރުގައި ބެހެއްޓުމެވެ.

އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވެފައިވާތީ، އިތުރު ފިޔަވަޅުތަކެއް ނާޅައި ހަމައެކަނި މުދާ ހިފެހެއްޓުމަށް ސަރުކާރުން ވިސްނާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

މިކަމާ ގުޅިގެން ކަސްޓަމްސްގެ ރަސްމީ ބަހެއް ނުލިބެ އެވެ. ނަމަވެސް އެ ތަނުގެ އޮފިޝަލަކު ވިދާޅުވީ ކަސްޓަމްސް އިން އެކަން ތަހުގީގުކުރަމުންދާ ކަމަށާއި ތަހުގީގު އަދި މުޅިން ނުނިމޭ ކަމަށެވެ.

"ބިިންލާދިންގެ ސައިޑުން އެތެރެކުރި ފަރާތް ރަސްމީކޮށް އެސްޓަބްލިޝްކުރަން މަސައްކަތްކުރަމުން ދަނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އެނގުން މުހިންމު - މިހާ ގިނަ އަދަދެއްގެ ސިނގިރޭޓު، ޑިއުޓީ ނުދައްކާ ރާއްޖެއަށް އެތެރެކުރަން މަސައްކަތްކޮށްފައިވާއިރު، މި ތަކެތީގެ ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސް އިން ކުރިން ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް