ހައްޔަރުކުރި ހަތަރު މީހުން (ކ-ވ): ޒިވާރު އިސްމާއިލް، މުއާޒް އަލީ، މުހައްމަދު ވަހީދު އަދި އަހުމަދު އާރިފް.

2 ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގުން: އެޕޯލޯގެ މުހައްމަދު ވަހީދާއި ލޮޓަސްގެ އާރިފް ހައްޔަރުކޮށްފި

އޭގެ އިތުރުން ވެސް ދެ މީހުން ހައްޔަރުކޮށް، 12 މީހަކު ފުރުން މަނާކޮށްފައިވޭ

އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ތެރޭގައި ހުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ވަގަށް ނެގި މައްސަލާގައި ހަތަރު މީހަކު ރޭ ހައްޔަރުކުރިއިރު، އޭގެ ތެރޭގައި މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނޭކަން އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލާގައި މިހާތަނަށް 12 މީހަކު ފުރުން މަނާކޮށްފައިވާ ކަމަށެވެ. އަދި ބައެއް އުޅަނދުތަކާއި ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ:

  • އެކަން ރާވާ ހިންގުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ރޭ ހައްޔަރުކުރި

  • އޭގެ ތެރޭގަައި ދެ ވިޔަފާރިވެރިއަޔާއި ކަސްޓަމްސްގެ އިސް މުވައްޒަފަކު ހިމެނޭ

  • އެއްވެސް މީހެއްގެ ވަނަވަރު ހާމައެއް ނުކުރޭ

ތަފްސީލް - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ފުލުހުން ހައްޔަރުކުރީ:

  • އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)

  • ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް

  • ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ޖެނެރަލް މެނޭޖަރު (އިންޖިނިއަރިން ޕްރޮޖެކްޓްސް)ގެ މަގާމުގައި މިހާރު ވެސް ހުންނެވި އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ، ހ. ނިއުހެޕިނަސް؛ 430 ސިނގިރޭޓް ކޭސް ރާއްޖެއަށް އެތެރެކުރުމާ ގުޅޭ މައްސަލައެއްގައި ރިޝްވަތު ހޯދަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ މި މަހުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅާފައި

  • ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް؛ އޭނާ މަސައްކަތް ކުރަނީ އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި

ފުލުހުން ރޭ ބުނި ގޮތުގައި، އެ މައްސަލައިގެ އިތުރު އޮޕަރޭޝަނެއް ރޭ ވެސް ކުރިއަށް ގެންދިޔަ އެވެ.

އެނގުން މުހިންމު - އެނގިފައިވާ ގޮތުގައި ވަގަށް ނެގީ މިދިޔަ އޭޕްރީލް ފަހުކޮޅު ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސްއިން ހިފެހެއްޓި ސިނގިރޭޓު ދެ ކޮންޓެއިނާގައި ހިމެނޭ ސިނގިރޭޓެވެ.

އޭރު ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި:

  • 40 ފޫޓުގެ ދެ ކޮންޓެއިނަރުގެ ތެރެއިން 1،360 ކޭސް ސިނގިރޭޓް (13.6 މިލިއަން ސިނގިރޭޓް ސްޓިކް) ވަނީ ފެނިފައި

  • މި ޝިޕްމެންޓްގައި ހިމެނޭ ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީ ދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެކަމަށް ލަފާކުރެވޭ

ކޮމެންޓް (6)

މަގްޝޮޓް

15 އޮކްޓޯބަރު 2025
ކޮބައިތަ މަގްޝޮޓް؟ ފައިސާ އޮތް ބާރުގަދަ މީހުން މަގްޝޮޓަށް އެލާޖިކް ވާނެ
1 0

ސިކުނޑި

15 އޮކްޓޯބަރު 2025
މިކަން ދާނީ ބޮނޑު ނިގުލަށް! ވިޔާފާރިވެރިންގެ މައްޗަށް ތިކަމެއް ސާބިތެއް ނުވާނެ! ހެޔޮ ނިޔަތުގައި ކަމެއް ކުރިނަމަ، ތި އެތެރެކުރިކަން ފަޅާއެރި ހިސާބުން މީހުން ފުރުން މަނާކޮށް މައްސަލަ ބަލަންފަށާނެ! ރާއްޖެއަށް ގާނޫނާ ޚިލާފަށް އެތެރެކުރާ އެއްޗެއް މިހާދުވަސްވާއިރު އެމްޕީއެލްގެ ތެރޭގައި ހުރުމަކީވެސް މައްސަލައެއް! ހަމަގައިމުވެސް މަސްތުވާއެއްޗެއް ކަސްޓަމްސްއިން އަތުލިޔަސް ފުލުހުން ގެންދޭ! މި ދެ ކޮންޓެއިނަރު ފުލުހުންގެ ބެލުމުގެ ދަށުގައި ނޫން ގޮތަކަށް ބެހެއްޓިފައި ހުރީ ކީއްވެގެކަން ކަސްޓަމްސް އިން ބުނެވެންޖެހޭނެ! ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ނޫސްކޮންފަރެންސެއް ބާއްވަންޖެހޭނެ!!
1 1

ރިޓަޔާޑް އިންވެސްޓިގޭޓަރ

15 އޮކްޓޯބަރު 2025
އެކި ނޫސްތަކުގެ ހަބަރުތަކުން ސިިނގިރޭޓް ގެއްލުވާލުން/ވައްކަންމުގައި އަމަލީގޮތުން ފެށިފައިވަނީ އެމް.ޕީ.އެލްގެ ވެހިކަލްތަކާއި މީހުންބޭނުންކޮށްގެން އަދި ކެމެރާތައްވެސް ކޮންޓްރޯޯލް ކުރާނީ އެމް.ޕީ.އެލްއިންއިން، އެހެންކަމުން އަމަލީގޮތުން ބައިވެރިން ކޮބާތޯ އެއީ އުފައްދަންވީ ސުވާލެެއް، ފޮޓޯއިން ފެންނަމީހުންނަކީ ޕްލޭނިން އަދި ޑިސްޓްރިބިޔުޓާސްއަށް ވެދާނެ،
1 0

ސދސދދ

15 އޮކްޓޯބަރު 2025
ރާއްޖޭގެ ބޮޑެތި ކުންފުނި ހަދައިގެން މި އުޅެނީ ހުސް ވަގުން ދޯ...
3 0

ތެފައާސާ.

15 އޮކްޓޯބަރު 2025
ޕްރެޝަރު ބޮޑުވެގެން ސުރުޚީއެއް ހަދާލަނީތޯ ނޫނީ ހަމަ އަސްލަށްވެސް ތަހުގީގެއް ހިންގަނީތޯ ހިނގާ ބަލަން ތިބެމާ ދޯ؟ ހައްޔަރުކޮށްގެން އެކަނި ނުވާނެ، ތަހުގީގުކޮށް ޝަރީއަތްކޮށް ހުކުމްވެސް ކުރެވިގެން ވާނީ. ދުވަސްކޮޅަކު ސުރުޚީތަކުގައި އޮވެފައި މައްސަލަ އޮއްބާލީމާ ކަމަކު ނުދާނެ. ފަޒުލް އާ އޭނާގެ ބޭބެއާ ދެމީހުން ހުޅުމާލޭގެ ބިންތައް ވިއްކައި އެތައް ފައިސާއެއް ނަގައި އަދި އަމިއްލަ ނަމަށް ބިން ބަދަލުކުރިކަމުގެ ބޮޑު ސީރިއަސް ތުހުމަތަށް ވީހެން ވެގެން ނުވާނެ.
4 0

އިހުސާން

15 އޮކްޓޯބަރު 2025
@ތެފައާސާ. ހަމަ ހެޔުކޮށް، މިވެސްދާނީ އެހެން ސިނގިރެޓް ތައް ފޮރުވަން ވަގުތު ދިނުމުގެ ގޮތުން ޕޮލިސް ދާވޫދުގެ 5 އަހަރު ކުރީގެ މައްސަލ މީޑިއާއަށް ތިލަކޮށް ފޯކަސް ބަދަލުކޮށްލީ ޖަގިޔާ ނާޒިމް، މިހާރު ފޮރުވަންހުރި އެއްޗެސް ފޮރުވައިފި ދެން ޑްރާމާ ޖައްސަނީ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް