ކޮމިޝަނާ އޮފް ކަސްޓަމްސް ފާތުމަތު ދިޔާނާ، ފޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން އަދި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން: އެމްޕީއެލް ބަނދަރުން 1،360 ސިނގިރޭޓް ކޭސް ވަގަށް ގެންދިއުމުގެ ތަހުގީގު ފުރިހަމައަށް ހިންގަން ޖެހޭ
ރައްޔިތުންނަށް ޒިންމާދާރުނުވެ މި ތިން ވެރިންނަށް ފަރެއްނުޖެއްސޭނެ
ކަސްޓަމްސްގެ ތެދުވެރި މުވައްޒަފުން އެކަން ފަޅާއަރުވާލި އެވެ. ފްލައިވުޑް ވެސް އަޅާފައި ހުރި ދެ ކޮންޓޭނަރުގައި ރާއްޖެއަށް ވަގަށް އެތެރެކުރި 1،360 ކޭސް ސިނގިރޭޓް އަތުލައިގަތުމަކީ، ކަސްޓަމްސްގެ އިންޓެލިޖެންސް އާއި ތެދުވެރި މުވައްޒަފުންނަށް ބޮޑު ކާމިޔާބީއެކެވެ. އޭގެ ޑިއުޓީގެ އަގު 122 މިލިއަން ރުފިޔާއަށް އަރާތީ، އެ މުވައްޒަފުންނަށް ޝުކުރިއްޔާއޭ ބުނެވެން އޮތީ ވެސް 'އެތައް ސަތޭކަ މިލިއަނަކުންނެ'ވެ.
ނަމަވެސް އޭގެ ފަހުން ދެން ކަން ހިނގައި އެދިޔައީ ކަސްޓަމްސް އާއި އެމްޕީއެލްގެ ބޮލުގައި ވެސް ބޮޑު ބަދުނާމެއް އެޅޭ ގޮތަށެވެ. ދެ ކޮންޓޭނަރު ހިފަހައްޓާފައި ހުއްޓާ އެ ހުރިހާ ސިނގިރޭޓެއް، 13.6 މިލިއަން ސިނގިރޭޓް، ވަގަށް ގެންދިޔައީ އެވެ.
މިހާ ހިސާބުން ކޮމިޝަނާ އޮފް ކަސްޓަމްސް ފާތުމަތު ދިޔާނާ، އާންމުންގެ ކުރިމަތީގައި ނެގިމަޑުވެފައި ހުންނެވުމުގެ ބޭނުމެއް ނެތެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން އެ ބޮޑު ޒިންމާ އޭނާއާ ހަވާލުކުރުމާ އެކު ވެވަޑައިގަތީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމު ލިބިވަޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅާއަށެވެ. އެކަމަކު މުހިންމީ މަގާމެއް ނޫނެވެ. މުހިންމީ ޒިންމާ ނަންގަވާ ގޮތެވެ. ކަސްޓަމްސް ހިންގަވާ ގޮތެވެ. ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަންނަވާ ގޮތެވެ.
އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ދެ ކޮންޓޭނަރު ހުސްކޮށް، އެ ހުރިހާ ސިނގިރޭޓެއް އެތަނުން ވަގަށް ނެރުމަކީ، ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި، ކަސްޓަމްްސްގެ މުވައްޒަފުންގެ އަތެއް ނެތި ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން އޭގެ ހަގީގަތް ހޯއްދެވުމަކީ ދިޔާނާގެ ޒިންމާއެކެވެ. ވަކި މީހަކަށް ނުވަތަ ސިޔާސީ ނުފޫޒަކަށް ޖެހިލުންވެވަޑައިގަތުމެއް ނެތި އެވެ.
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ރިޝްވާން އައްޔަންކުރީ 5 ފެބްރުއަރީ 2025ގަ އެވެ. މިހާތަނަށް ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓްގެ އެންމެ ބޮޑު ޝިޕްމެންޓް އަތުލައިގަތީ އޭގެ ދެ މަސް ފަހުންނެވެ.
ރިޝްވާންއަކީ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރަކަށް ކުރިން ހުންނެވި އަދި ހަޔާތުގެ ދިގު މުއްދަތެއް ފުލުހުންގެ އިސް މަގާމުތަކުގައި ހޭދަކުރެއްވި ބޭފުޅެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯގެ ޒިންމާ ނެންގެވި އެވެ. ޔާމީންގެ ޕީއެންއެފް ޕާޓީން ބާއްވަމުން އަންނަ ހަރުގެ ޖަލްސާއެއްގައި އޭނާގެ 'ގޮތެއް ހުންނާނެ' ކަމަށް ވިދާޅުވެ ޔާމީން ވަނީ ރިޝްވާނަށް ތައުރީފް ވެސް ކުރައްވައިފަ އެވެ. ސަރުކާރުން ނުވަތަ ރައީސް މުހައްމަދު މުއިއްޒު ވިދާޅުވިހާ ކަމެއް ރިޝްވާން ނުކުރައްވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެކަމަކު ސިޔާސީ މަގާމުތައް ފުރުއްވި އިރު ރިޝްވާންއަކީ މީޑިއާއާ ރައްޓެހި ބޭފުޅެއް ނޫނެވެ. މީޑިއާއާ ދުރުވުމަކީ، ގަބޫލުކުރާށެވެ!، ރައްޔިތުންނަށް ޖަވާބުދާރީވުމާ ވެސް ދުރުވުމެވެ. އެ ސިފަ ހުންނަ ގިނަ މީހުން އާންމުކޮށް ގަބޫލުކުރާނީ ކަންކަން އޮތް ގޮތް ރައްޔިތުންނަށް ސާފުކޮށް ކިޔައިދިނުމަށް ވުރެ ފޮރުވުން ރަނގަޅު ކަމަށެވެ. ނަމަވެސް ސިނގިރޭޓްގެ މި ބޮޑު ވައްކަން، އެމްޕީއެލްގެ ބަނދަރުގައި ހިންގާފައި އޮތުމުން ރައްޔިތުންނަށް އެކަން ސާފުކޮށްދެއްވުމުގެ ޒިންމާ ރިޝްވާނަށް އެބަ އޮތެވެ. އެއަކުން ސަލާމަތެއް ނުވެވޭނެ އެވެ.
އެމްޕީއެލްގެ ބަނދަރުތަކުގެ ސަލާމަތީ ކަންކަން އެނގޭ ބައެއް މީހުން ބުނާ ގޮތުގައި އެ ކުންފުނީގެ މުވައްޒަފުންގެ އެހީތެރިކަން ނެތި އެވަރުގެ ބޮޑު ކަމެއް ނުކުރެވޭނެ އެވެ. ހުޅުމާލޭ ބަނދަރަކީ މާލޭ ވިޔަފާރި ބަނދަރު ނަގާފައި އެމްޕީއެލްގެ އެންމެ ބިޒީ ބަނދަރެވެ. ސީސީޓީވީގެ ލޯތަކުން އަބަދުމެ ކަޅިއަޅަމުން ދާ ތަނެކެވެ. ކޮންޓޭނަރެއް ކަނޑާފައި ދޯންޏަކަށް ބަރުކުރިޔަސް ނުވަތަ ލޮރީތަކަށް އަރުވައިގެން އެއްގަމަށް ނެރުނަސް، އެމްޕީއެލްގެ މުވައްޒަފުންގެ ސަމާލުކަން ނުލިބި ނުދާނެ އެވެ. އެހެންކަމުން އެ ބޮޑު ވައްކަން ހިނގައިދިޔަ ގޮތް، އެކަމުގައި އޮތް އެމްޕީއެލްގެ މުވައްޒަފުންގެ ދައުރު، އަދި އަޅާ ފިޔަވަޅުތައް ރައްޔިތުންނަށް ކިޔައިނުދެއްވައި އެ ގޮނޑީގައި ރިޝްވާން އިންނަވައިގެން ނުވާނެ އެވެ.
މިކަހަލަ ވައްކަމާއި ޖިނާއީ ބޮޑެތި ކުށްތައް ތަހުގީގުކުރުމުގެ މައި ޒިންމާ އޮތީ ފުލުހުންނަށެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އިސްމާއިލް ނަވީން އައްޔަންކުރުމާ އެކު، އެކްސްގައި ލިއުއްވަމުން، ރައްޔިތުންނަށް އޭނާ ފުރަތަމަ ދެއްވި މެސެޖަކީ މި އެވެ:
އަޅުގަނޑު އުއްމީދުކުރަނީ އެމްޕީއެސް [މޯލްޑިވްސް ޕޮލިސް ސާވިސް]ގެ އަގުތައް ހިފަހައްޓައި، ނަޒާހަތްތެރިކަމާއި އިހްލާސްތެރިކަމާ އެކު މޯލްޑިވްސް ޕޮލިސް ސާވިސްގެ މިޝަން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރުމަށެވެ.
ފުލުހުންގެ އަގު ހިފަހައްޓަން ކުރަން ޖެހޭ މަސައްކަތް ވަރަށް ބޮޑެވެ. ފުލުހުންނަށް އާންމުން ކުރާ އިތުބާރު އޮތީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. ސިޔާސީ ނުފޫޒުތަކުގެ ދަށުވެ ތަހުގީގުތައް ހިންގުމާއި ފުލުހުންގެ އެތެރޭގައި ވެސް ރިޝްވަތުގެ އަމަލްތައް ގިނަވުމެވެ. ބާރުގަދަ އެކި ގްރޫޕްތަކާ ގުޅިފައި ތިބި 'ޖާސޫސުން' ފުލުހުންގެ ޔުނީފޯމްގައި ތިބޭކަމުގެ ތުހުމަތުން ވެސް ސަލާމަތެއް ނުވެވެ އެވެ.
ވިޔަފާރި ބަނދަރުން 1،360 ކޭސް ސިނގިރޭޓް ވަގަށް ބޭރުކުރުމަކީ ޖިނާއީ ވަރަށް ބޮޑު ކުށެކެވެ. އެެހެންކަމުން އޭގެ ތަހުގީގު ވެސް ފުޅާވާން ޖެހޭނެ އެވެ. ވަކި ހިސާބަކުން ސިޔާސީ ވެރިންގެ ނުފޫޒު ވަދެ، ވަކި ބަޔަކު ސަލާމަތްކުރަން ފަށާ ކެމްޕޭންތަކާ ސީދާ ކުރިމަތިލާން ތިބޭ ބަޔަކީ ފުލުހުންގެ ވެރިންނެވެ. ތަހުގީގުކުރާ ފުލުހުންގެ މަސައްކަތް ކިލަނބުވާ ގޮތަށް އަމުރުތައް ނުކޮށް، ފުލުހުންގެ ވެރިންގެ ހިތްވަރާއި ފަންވަރު ސާބިތުކޮށްދޭން ޖެހޭ އެއް ވަގުތަކީ މި އެވެ.
އަޑުތައް އަރާފައި އޮތް ގޮތުން ސިނގިރޭޓް ކޭސްތައް ހުރި އެއް ކޮންޓޭނަރުގައި ދައުލަތަށް ގޮންޖަހާފައި އޮތް މެސެޖެއް ތަތްކޮށްފައި ހުއްޓެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުން ޕީޕީއެމްގެ އެތެރެ ކައްކުވާލި ދުވަސްވަރު، ޕީޕީއެމް އޮފީހުގައި ލިއެފައި އޮތް ހުތުރު އިބާރާތެކެވެ. އެ އިބާރާތް އަރާ ގޮތަށް މައުމޫންގެ ފޮޓޯއެއް އެ ދުވަސްވަރު ސޯޝަލް މީޑިއާގައި ފެތުރުނެވެ. ކޮންޓޭނަރުގައި ތަތްކޮށްފައި ހުރީ އެ ފޮޓޯގަނޑު ކަމަށް، މައުލޫމާތު ހުރި ބައެއް މީހުން ބުންޏެވެ. ނަމަވެސް ތަހުގީގު ނިސްބަތްވާ ތިން އިދާރާއިން އެކަމާ ބެހޭ ގޮތުން ރަސްމީކޮށް އަދި ވާހަކައެއް ނުދައްކަ އެވެ.
އެ ފޮޓޯގަނޑު ތަތްކުރުމުގެ މާނައަކީ މުޅި ދައުލަތަށް 'ބޯން' ދިނުމެވެ. އެ އަމަލުން ދައްކައިދެނީ 122 މިލިއަން ރުފިޔާގެ ޑިއުޓީ ނުދައްކާ އެ ސިނގިރޭޓްތައް ބަނދަރުން ވަގަށް ނެރުމާ ހަމައިން އެ ބަޔަކު މައިތިރިނުވާ ކަމެވެ. އެ ޝިޕްމެންޓް އަތުލުމާއި ހިފެހެއްޓުމާއި ތަހުގީގު ހިންގުމަކީ ވެސް 'އަހަރެމެންނާ ކުޅެވޭނެ ކަމެއް ނޫން ކަމަށް' ބުނެ، އެ ދިނީ އިންޒާރެވެ. މިވަރުގެ 'ގޮންޖެހުމެއް' އަންނާނީ ކޮން ކަހަލަ ބައެއްގެ ފަރާތުންކަން، ޔަގީނުން ވެސް، ފުލުހުންނަށް އެނގޭނެ އެވެ.
ނަވީން އާއި ދިިޔާނާ އަދި ރިޝްވާންގެ ކުރިމަތީގައި މި ވަގުތު އެ އޮތީ އަޑިން ހިންދާލެވިގެން ނުވާނެ ބޮޑު ވައްކަމެއްކަން ހަނދާންކުރުން ހުއްޓެވެ. އެކަން ހަނދާން ވެސް ކޮށްދޭ ނަމެވެ. ޒިންމާދާރު މަގާމުތަކާ ހަވާލުވާން ޖެހޭނީ ތަޖުރިބާއެއް ހޯދާކަށެއް ނޫނެވެ. ނުވަތަ ބޮޑު މުސާރައެއް ލިބޭތީއެއް ވެސް ނޫންމެ އެވެ. އެއީ ރައްޔިތުންނަށް ތެދުވެރިކަމާ އެކު ހިދުމަތްކުރުމާއި ހަވާލުވާ އިދާރާއެއްގެ ހިންގުން މިހާރަށް ވުރެ ކުރިއަށް ގެންދިއުމެވެ. ނަޒާހާތްތެރިކަން ބޮޑުކުރުމެވެ. ވައްކަމާއި ފަސާދަ އާއި ހިޔާނާތުން އެ އިދާރާތައް ސަލާމަތްކުރުމެވެ.
ތަހުގީގު ކުރިއަށްދާ ގޮތް އެނގެން ބޭނުން ދިވެހިންގެ ތެރޭގައި އަޅުގަނޑު އެބަ ހުރީމެވެ. ނޫސްވެރިއެކެވެ. ޖިނާއީ ބޮޑެތި ކުށްތައް ކުރާ މީހުންނާއި އެ ކުށްތަކުގައި ބައިވެރިވާ ދައުލަތުގެ މުވައްޒަފުންގެ މައްސަލަ އަޅުގަނޑަށް ވަރަށް ބޮޑެވެ. ދިވެހި ގައުމު ރަނގަޅުކުރުމުގެ އެދުން އަޅުގަނޑުގެ ހިތުގައި އަބަދުމެ އޮންނަނީ ދިރިދިރި އެވެ. އެހެންކަމުން ވައްކަމާއި ހިޔާނާތާއި ފަސާދައިގައި މި ގައުމު ހަލާކުވެދާތަން ބަލަން މަޑުން ހުންނަ ދިވެހިންގެ ތެރޭގައި އަޅުގަނޑު ނުހިމެނޭނެ އެވެ. އަޅުގަނޑެއް ނުބުނާނަމެވެ؛ ކުރީގައި ވެސް ކަންކަން އޮތީ އެހެންނެވެ. އަޅުގަނޑު ބުނާނީ ޖެހޭނީ ރަނގަޅުކުރާށެވެ. އިސްލާހުކުރާށެވެ.
ދައުލަތުގެ އިދާރާތައް މެދުވެރިކޮށް ޖިނާއީ ބޮޑެތި ކުށްތައް ކުރަމުން ދާއިރު އެކަމުގައި ސީދާކޮށާއި ނުސީދާކޮށް ބައިވެރިވާ ވެރިން ޒިންމާދާރުކުރުވަން ޖެހޭނެ އެވެ. ކުރުވާނެ ބަޔަކު ވެސް ތިބެން ޖެހޭނެ އެވެ. އެއީ އެކަނި ކުރަން ޖެހޭ މަސައްކަތަކަށް ވިޔަސް މެ އެވެ.
ކޮމެންޓް (17)
ރަޓޭ
ގަރޭ
ޅަބޭ
އަޙައްމަދު
ރީނދޫ ފާޓާ އަލި މަނިކު
އިދުރީސް
ހުސް ވަގުން
އަފީފާ އިބުރާހިމް
އަލިމަނިކުފާން
ބޮލުން ފެށިގެން ފަޔަށް ރީނދޫ
ޖެނިޖް
ލަފާޖް
ހުދުހުދު
ހުސައިން ހަސަން
އާދަމް
ތެފައާސާ.
ފފފފފ