މިނިވަން ދުވަހުގެ ހަފްލާގައި ރައީސް މުއިއްޒު، ގާސިމްއަށް ޝަރަފު އަރުވަނީ: (ފޮޓޯ/ރައީސް އޮފީސް)

މިރޭގެ މުޒާހަރާއަކީ ގައުމު އިނދަޖައްސާލަން ކުރާ ބޮޑު ނުބައި ކަމެއް: ގާސިމް

މިހާރުގެ ސަރުކާރަށް ކުރަން ޖެހިފައިވާ ކަމަކީ މީގެ ކުރިން ވެރިކަން ކުރި ތިން ހަތަރު ސަރުކާރުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދެއްކުން ކަމަށް ވިދާޅުވެ ގާސިމް ވިދާޅުވީ ސަރުކާރަށް ލިބޭ ފައިސާގެ ބޮޑު ބައެއް ހޭދަވަނީ ދަރަނި ދައްކަން ކަމަށް

އެމްޑީޕީން މިރޭ މާލޭގައި ކުރިއަށް ގެންދާ މުޒާހަރާ އަކީ 'ވެރިކަން ހޯދަން ކުރާ ބޮޑު ނުބައި ކަމެއް' ކަމަށާއި އެއީ ގައުމު އިނދަޖައްސާލަން ކުރާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިރޭގެ އެއްވުމާ ގުޅުވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވަނީ، އެ މުޒާހަރާގައި ޖޭޕީގެ އެއްވެސް މެންބަރަކު ބައިވެރިނުވުމަށް ގޮވާލައްވައިފަ އެވެ.

ތަފްސީލް - މިރޭގެ މުޒާހަރާއަކީ ފަނާކުރަނިވި މުޒާހަރާއެއް ކަމަށް ވިދާޅުވެ ގާސިމް ލިޔުއްވި ގޮތުގައި ދަރަނި ބޮޑު މި ހާލަތުގައި ކޮށްދެވޭނެ އެއްވެސް ކަމެއް ނެތެވެ.

"އެއްވެސް ކަމެއް މި އޮތް ބޮޑު ދަރަނިވެރި ހާލަތުގައި ކޮށްދެވޭނެތީ ކުރާ ކަމެއް ނޫން. އެއީ ގައުމަށް މި ވެރިކަމުގައި ރަނގަޅު ކަމެއް ކުރިޔަނުދީ ވެރިކަން ހޯދަން، ފިތުނަ ކުރަން ވެގެން ކުރާ ނުބައި ކަމެއް،" ގާސިމް ވިދާޅުވި އެވެ.

މިހާރުގެ ސަރުކާރަށް ކުރަން ޖެހިފައިވާ ކަމަކީ މީގެ ކުރިން ވެރިކަން ކުރި ތިން ހަތަރު ސަރުކާރުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދެއްކުން ކަމަށް ވިދާޅުވެ ގާސިމް ވަނީ ސަރުކާރަށް ލިބޭ ފައިސާގެ ބޮޑު ބައެއް ހޭދަވަނީ ދަރަނި ދައްކަންކަން ފާހަގަކުރައްވާފަ އެވެ.

ގާސިމް ލިޔުއްވި ގޮތުގައި:

  • ދަރަނި ނުދެއްކިއްޖެ ނަމަ ގައުމު ބަނގުރޫޓްވާނެ

  • ސަރުކާރުން ގެންދަނީ އިތުރު ޓެކްސް ނަގައިގެން ވެސް ދަރަނި އަދާކުރަމުން

  • ބާކީ މުސާރަ ވެސް ދެނީ "އެ ގޮތް މި ގޮތް" ހަދައިގެން

ސަރުކާރުގެ ކުންފުނިތަކުން މީގެ ކުރިން ވެސް ހިޔާނާތްތައް ހިންގި ކަމަށާއި ކުރީގެ ސަރުކާރުތަކުން އެ ކަންތަކަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ. މި ސަރުކާރުން ގެންދަނީ އެފަދަ ހިޔާނާތްތައް ބަލައި ތަހުގީގު ކުރަމުން ކަމަށާއި އެހެންކަމުން މިރޭގެ މުޒާހަރާގެ ނަތީޖާއަކަށް ވާނީ ގައުމު އިތުރު ވަޅުގަނޑަކަށް ވައްޓާލައި ރައްޔިތުން އިތުރަށް ދަރަނިވެރި ކުރުވައި އިނދަޖައްސާލުން ކަމަށް ވެދާނެ ކަމުގެ ސުވާލު ގާސިމް އުފެއްދެވި އެވެ.

"ވީމާ އަޅުގަނޑުގެ ނަސޭހަތަކީ އެއްވެސް މީހަކު މި މުޒާހަރާގައި ބައިވެރިނުވުން. މި ގައުމުގެ އަމަން އަމާންކަން ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރެއްވުން،" މިއީ ގައުމު އިނދަޖައްސާލުމުގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވަމުން ގާސިމް ވިދާޅުވި އެވެ.

އެނގުން މުހިއްމު - ސަރުކާރު ދިފާއު ކުރައްވާ ސޯޝަލް މީޑިއާގައި ގާސިމް ދިގު ޕޯސްޓެއް ކުރެއްވި އިރު، ގާސިމްގެ ވިލާ ކުންފުނިން ހިންގަމުން އައި ގދ. ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ނަގައި ބަދަލެއްގެ ގޮތުގައި 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ދޭން ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.

ފާހަގަ ކުރެވޭ - މިރޭގެ އެއްވުމުގައި މާލޭގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރާ ކަމަށް ބުނެ ފުލުހުން މިދިޔަ ބުދަ ދުވަހު ވަނީ ނޫސްބަޔާނެއް ނެރެފަ އެވެ. އެ ބަޔާން ކުށްވެރިކޮށް އެމްޑީޕީން ބުނީ ފުލުހުންގެ ބަޔާނުގައި ވަނީ ދޮގު ތުހުމަތުތަކެއް ކަމަށެވެ.

ކޮމެންޓް (4)

މާކޮސް

3 އޮކްޓޯބަރު 2025
ލޫޓު ވަން މިޖެހެނީ ހަމައެއް ބަޔަކު އެހެން ބަޔަކު ލޫޓުވުން ގޯސް ވިސްނުމުގެ ބޭނުން ހެޔޮގޮތުގައި ހިފާ ނަމަ ނުކުމެ ނުއުޅުނީސް
4 1

ބުރުގާ

3 އޮކްޓޯބަރު 2025
ގާސިމަކީ ރާއްޖޭގެ މުއްސަނދި ސައުދާގަރަކަސް، އޮއްޓަރުހުރި ވާހަކައެއް ނުދެއްކޭ. ގޮވަނީ ކޮސް..
8 3

އަދީން ޖަމީލް

3 އޮކްޓޯބަރު 2025
ޝަމްސުއްދީން ރަދުންނާއި އަމީން ދީދީ ހިސާބުންވެސް ގޯސް. މިއުޅެނޭ ދެން އިތުރަށް ލޫޓުވަން އެއްވެސް ބަޔަކަށް ފުރުސަތެއް ނުދޭނެކަން ވ ފާޅުކޮށް ދިގު މުއްދަތަކަށް ހަނދާން ހުންނަހެން ބުނެދޭން. އެކަމެއް އެއްވެސް މީހަކަށް ނުހުއްޓުވޭނެ. ރައްޔިތުން ގަދަބަދިވި ކަމުން ކޮންޓްރޯލް ކުރެވުނު ގައުމެއް ނެތް.
6 0

ކަނީން

3 އޮކްޓޯބަރު 2025
މިވެސް ދައުލަތް ލޫޓުވާ މީހެއް. ކޮންމެ ވެރިކަމެއްގައި 200 މިލިއަނުން ބަދަލު ލިބޭ. ކާޑެއްދޫ އެއަޕޯޓްގަ ކުރިކަމެއް ނެތް މިސަރުކާރުން ބަދަލުގައި 270 މިލިއަން ދިނީ
8 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް