އެމްޑީޕީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އަދި ޕާޓީގެ ރައީސް ޝާހިދު (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

އެމްޑީޕީ

ގޭންގްތަކަށް ފައިސާ ދީގެން މުޒާހަރާ ހަލަބޮލިކުރަން އުޅެނީ ސަރުކާރުން: އެމްޑީޕީ

ސަރުކާރުން ކުށްކުރާ ގްރޫޕުތަކަށް ފައިސާ ދީގެން މުޒަހަރާ ހަލަބޮލި ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ޕާޓީގެ ފަރާތުން މީގެ ކުރިން ފުލުހުންނަށް މައުލޫމާތު ދީފައިވާނެ ކަމަށް ވެސް އެމްޑީޕީން ބުނި

އަންނަ ހުކުރު ދުވަހު 'ލޫޓޫވައިފި، ލޫޓުވައިފި' ނަމުގައި އިދިކޮޅު އެމްޑީޕީން ބާއްވާ މުޒާހަރާ ހަލިބޮލި ކުރުމަށް ކުށް ކުރާ ގްރޫޕުތަކަށް ފައިސާ ދީގެން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ޕާޓީން މިއަދު ތުހުމަތުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހެނދުނު ފުލުހުން ވަނީ އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި އެމްޑީޕީއަށް ތުހުމަތު އަމާޒުވާ ގޮތަށް މުޒާހަރާ ހަލަބޮލިކޮށް، މަސްލަހަތު ގެއްލުވައި ތަންތަނަށް ގެއްލުންދޭ މަސައްކަތް ކުރާ ކަމުގައި މައުލޫމާތު ލިބިފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި މިފަދަ ހަމަނުޖެހުމަަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުންގެ އެ ބަޔާނުގައި ހުރި ވާހަކަތައް ކުށްވެރިކޮށް، އެމްޑީޕީން ވަނީ މިއަދު މެންދުރު ބަޔާނެއް ނެރެފަ އެވެ.

ބުނީ ކީކޭ؟ - "އޮކްޓޯބަރު 3 ވާ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުން ފެށުމަށް ހަމަޖެހިފައިވާ 'ލޫޓުވައިފި، ލޫޓުވައިފި' އެއްވުމަށް ހުރަސް އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ނެރެފައިވަނީ ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ބަޔާނެކެވެ. އެ ހަރަކާތަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން އަރުވަމެވެ،" އެމްޑީޕީން ނެރުނު ބަޔާނުގައި ބުންޏެވެ.

ތަފްސީލު - އެމްޑީޕީގެ ބަޔާނުގައި ބުނީ:

  • މުޒަހަރާއާ ގުޅިގެން އެ ޕާޓީން މިދިޔަ އާދިއްތަ ދުވަހު ފުލުހުންނާ ބައްދަލުކުރި ކަމަށް؛ އެ ބައްދަލުވުމުގައި އެއްވުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަގުތަކާއި ރޫޓުގެ ތަފްސީލު ހިމަނައި ލިޔުމުން އަންގާފައިވާނެ ކަމަށް

  • އެ ރޫޓަށް އެއްވެސް ބަދަލެއް އެމްޑީޕީން ގެނެސްފައެއް ނުވޭ އަދި ފުލުހުން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް ހަރަކާތް ކުރިއަށްގެންދާނެ އެ އިދާރާއަށް ޕާޓީން އަންގާފައެއް ނުވޭ

އެމްޑީޕީގެ މުޒާހަރާ ކުރިއަށް ގެންދަން ފުލުހުން ހުއްދަ ދީފައިވާ ރޫޓް (ފޮޓޯ/ޕޮލިސް)

ފުލުހުންގެ ބަޔާނުގައި ތުހުމަތު ކުރި ގޮތުގައި، ހުއްދަ ދީފައިވާ ރޫޓުން ބޭރުން މުޒަހަރާ ކުރިއަށްދާން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެކި ބައި ބަޔަށް ބެހި ކުށްކުރާ ގްރޫޕުތައް މަގުމަށްޗަށް ނެރެ ހަލަބޮލި ކުރަން މަސައްކަތް ކުރާ ކަމުގައި މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

އެ ވާހަކަތަށް ދޮގުކޮށް އެމްޑީޕީން ބުނީ:

  • އެމްޑީޕީގެ "ސުލްހަވެރި ސިޔާސީ ހަރަކާތް ހަލަބޮލިކޮށް"، ހަމަނުޖެހުން ހިންގުމަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން "ކުށްކުރާ ގްރޫޕްތަކަށް ފައިސާ ދީގެން" އެ ގްރޫޕްތައް ނެރުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށް؛ އަދި އެކަން ކުށްވެރި ކުރާ ކަމަށް ބަޔާންކޮށްފައިވޭ

  • ކުށްކުރާ ގްރޫޕުތައް ނެރެގެން އެއްވުމަށް ހުރަސް އެޅުމަށް ރައީސް މުއިއްޒުގެ ޕީއެންސީން މަސައްކަތް ކުރަމުންދާކަން އެޕާޓީން ފުލުހުންނަށް މީގެ ކުރިން އަންގާފައިވާނެ؛ އަދި އެމްޑީޕީގެ ބޮލުގައި އެ ތުހުމަތު އެޅުވުމަށް ފުލުހުން މަސައްކަތް ކުރުމަކީ ހިތާމަވެރި ކަމެއް

"މާލެ ތެރެ ހަލަބޮލިކޮށް މުދަލަށް ގެއްލުން ދިނުމަށް މުއިއްޒުގެ ސަރުކާރުން ފައިސާ ދީފައިވާ ގްރޫޕުތަކުގެ އަމަލުތައް ހުއްޓުވައި އެއްވުމުގެ ބައިވެރިންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް،" ބަޔާނުގައި އެމްޑީޕީން ފުލުހުންނަށް ގޮވާލާފައިވެ އެވެ.

އޭގެ އިތުރުން، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް ރައީސް މުއިއްޒު އަންގަވައިގެން ހުރަސް ނޭޅުމަށް ފުލުހުންނަށް އެމްޑީޕީން ގޮވާލާފައިވެ އެވެ.

"ފުލުހުންގެ މި މުޑުދާރު އަމަލުން ދައުލަތުގެ ހުރިހާ އިދާރާއެއް ވެސް މިވަގުތު އޮތީ މުއިއްޒުގެ މުށުތެރޭގައިކަން ސާފުވެ އެވެ،" ބަޔާނުގައި އިތުރަށް ބުންޏެވެ.

މި މުޒަހާރާ ބާއްވާ ސަބަބުތަކުގެ ގޮތުގައި އެމްޑީޕީން ބުނީ:

  • ޕީއެންސީގެ ސަރުކާރުން ރާއްޖޭގެ އިގުތިސާދު ފުނޑާލާފައިވާތީ 

  • ރައްޔިތުން ބޭސްފަރުވާއިން މަހުރޫމުކޮށްފައިވާތީ

  • ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފުގެ ނިޒާމު ސީދާ ރައީސް މުއިއްޒުގެ އަތް ދަށަށް ގެނެސްފައިވާތީ

  • ދައުލަތުގެ މިނިވަން މުސްތަގިއްލު މުއައްސަސާތައް ސަރުކާތުގެ މުށުތެރެއަށް ނަގާފައި ވާތީ

  • ރައްޔިތުން ތަހައްމަލުކުރަމުންދާ ހާލަތު ސަރުކާރަށް އިއްވައިދިނުމަށް

"މިއަދު ފުލުހުންގެ އަމަލުތަށް ބިނާކޮށްފައިވަނީ ޕީއެންސީ ސަރުކާރުގެ ގައިރު ގާނޫނީ އަމުރުތަކަށް ތަބާވެ، އިދިކޮޅުން ހިންގާ ސިޔާސީ ހަރަކާތަށް ހުރަސް އެޅުންކަން ސާފުވާ ހިނދު، ފުލުހުންގެ ހިދުމަތް ސިޔާސީ ކުރުމަކީ މި ޕާޓީން ކުށްވެރިކުރާ ކަމެކެވެ،" ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް