ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާޓީ އެމްޓީޑީގެ އޮފީސް ހިންގަމުންދާ އިމާރާތް؛ ތަނުގެ ކުލި ނުދައްކައިގެން ވެރިފަރާތުން ކޯޓަށް ދިޔަ - (ފޮޓޯ/ އެމްޓީީޑީ)
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ އުފައްދަަވައި ހިންގެވި ޕާޓީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ އޮފީސް ހިންގި ތަނަށް ކުލި ނުދައްކައިގެން އެ ތަނުގެ ވެރިފަރާތުން ކޯޓަށް ގޮސްފި އެވެ.
ވީކިހިނެއް؟ - ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ލާޒިމުކުރާ ވަރަށް މެންބަރުން ހަމަނުވެގެން މިހާރު އުވާ ވެސް ލާފައިވާ އެމްޓީޑީން އޮފީސް ހިންގި ތަނަށް ކުލި ނުދައްކާކަން އެނގުނީ، ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބާތިލްކޮށް އިއްޔެ އެ ކޯޓުން ނެރުނު ހުކުމުންނެވެ.
ތަފްސީލް - ތަނުގެ ވެރިފަރާތުން އެމްޓީޑީއަށް ދައުވާކޮށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ:
-
މިދިޔަ އޭޕްރީލްގެ ނިޔަލަށް ތަނުގެ ކުއްޔަށް އަރާފައިވާ 380،000ރ. ހޯދުމަށް
-
އަދިވެސް ތަން ހުސްނުކުރާތީ، އޭޕްރީލްގެ ފަހުން ތަން ހަވާލުކުރަންދެން ހިނގާ ކޮންމެ މަހަކަށް 30،000ރ.ގެ މަގުން އެއްފަހަރާ އެ ފައިސާ ހޯދުމަށް
-
ގާނޫނީ ވަކީލުންނަށް ހަރަދުކުރަން ޖެހުނު 25،920ރ. ވެސް އެމްޓީޑީގެ ފަރާތުން ހޯދައިދިނުމަށް
މައްސަލަ ހުށަހެޅި ފަހުން އެމްޓީޑީން ޖަވާބުދާރީނުވާތީ، ގައިރު ހާޒިރުގައި މައްސަލަ ނިންމައިދިނުމަށް ތަނުގެ ވެރިފަރާތުން އެދުނެވެ.
ނަމަވެސް އެ ގޮތަށް އެދުނީ އެ ކަމަށް އޮންނަ އިޖުރާއަތްތައް ފުރިހަމަކޮށް އެ ކަމަށް ހާއްސަ ފޯމަކުން ނޫން ކަމަށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވެ އެވެ. އެހެންވެ ކޯޓުން ވަނީ މައްސަލަ ބާތިލްކޮށްފަ އެވެ.
މައްސަލަ ބާތިލްކުރި ނަމަވެސް އެ އޮންނަ އިޖުރާއަތްތަކުގެ ތެރެއިން، ހުށަހަޅަން ޖެހޭ ފޯމާ އެކު މައްސަލަ އަލުން ހުށަހެޅުމުގެ ހައްގު އޮންނާނެކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ގުޅުން ހުރި - އެމްޓީޑީގައި 3000 މެންބަރުން ހަމަނުވެގެން، މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގެ ތެރޭގައި އެ ކަން ނުވުމުން އެ ޕާޓީ އުވާލައި ޕާޓީތަކުގެ ދަފްތަރުން އުނިކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ.
ފަސްމަންޒަރު - އަދީބު އެމްޓީޑީ އުފައްދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމި، މަހެއް ފަހުން ޑިސެމްބަރު 2018ގަ އެވެ. ނަމަވެސް އެ ޕާޓީއަކަށް މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ.
ޔާމީނުގެ ސަރުކާރުގައި ޓުއަރިޒަމް މިނިސްޓަރުކަމުގައާއި ނައިބު ރައީސް ކަމުގައި އަދީބު ހުންނެވިިއިރު ހިނގި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލާގައި ޖަލުގައި ހޭދަކުރެއްވުމަށް ފަހު، އޭރު އަދީބު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.
އަދީބުގެ މައްސަލާގައި އަލުން ޝަރީއަތް ހިންގުމަށްފަހު ހުކުމްކުރި ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް އަދީބަށް މައާފު ދެއްވުމުން އޭނާ މިނިވަންވެ މިހާރު ވަނީ ރާއްޖޭން ބޭރަށް ވަޑައިގެންފަ އެވެ.
ކިޔާލަން
މުޅި ނިޒާމް ފުނޑާލެވިދާނެކަމުގެ ބިރުވެރި މެސެޖްތައް އަދީބާ އެކު
25 ސެޕްޓެމްބަރު 2025
'އެމްޕީން ގަތަކަސް ކަމަކު ނުދާނެ، އެމްޕީން ގެންގުޅެން ވާނެ'
23 ސެޕްޓެމްބަރު 2025
އަދީބުގެ ފޯނެއްގެ ޑޭޓާ: 81،000 މެސެޖުން އެތައް ވާހަކައެއް
21 ސެޕްޓެމްބަރު 2025