މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ގާނޫނީ ޓީމު؛ ވަކީލު އަހުމަދު މައުރޫފް(މ)
އިއްވީ ސިޔާސީ ހުކުމެއް، ސައީދު އެއްބަސްވުން ހެދީ ގާނޫނީ ލަފާ ހޯއްދަވައިގެން: އެމްޑީޕީ
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި އެ މުއާމަލާތުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ފެނަކައަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވިގެން ގާނޫނީ ލަފާ ވެސް ހޯއްދަވައިގެން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ވީކިހިނެއް؟ - ސައީދުގެ މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުން ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވީ، ދައުލަތުން އެދިފައިވާ މިންވަރަށްވުރެ ވެސް ކުށުގެ ދަރަޖަތައް އިތުރުކޮށް، އަދަބު މަތިކޮށްފަ އެވެ. އެ ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.
އޭނާގެ މައްޗަށް މި މައްސަލާގައި ދައުވާކުރީ، ބްލޭޒަން އިންކް ކިޔާ ކުންފުންޏާ އެކު 2019ގައި ސޮއިކުރި ޕީއާރު އެންޑް މާކެޓިން އެއްބަސްވުމެއްގެ ދަށުން ބްލޭޒަން އިން ކުރަން ޖެހޭ މަސައްކަތް ނިންމިކަން ޔަގީންނުކޮށް މަސައްކަތަށްވާ ފައިސާ ދޫކުރި މައްސަލައެއްގަ އެވެ.
ބުނީ ކީކޭ؟ - އެމްޑީޕީގެ ގާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ ހުކުމަކީ، އަންނަ މަހުގެ ތިންވަނަ ދުވަހު އެ ޕާޓީން ބާއްވަން އުޅޭ ބޮޑު އެއްވުމާ ދިމާކޮށް އިއްވާފައިވާ ސިޔާސީ ހުކުމެއްކަމަށް ސިފަކޮށް، އެ މައްސަލާގައި ތަހުގީގީ އިދާރާތަކުންނާއި ކޯޓުން ކަންކޮށްފައިވާ ގޮތަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
މި ބައްދަލުވުމުގައި ވަކީލު އަހުމަދު މައުރޫފު ވިދާޅުވީ ސައީދުގެ ޝަރީއަތް ކުރިއަށް ގެންދިޔަ ގޮތުންނާއި މައްސަލައިގެ ހުކުމް އައިސްފައިވާ ގޮތުން މިހާރު ކޯޓުތައް މިނިވަން ނޫންކަމާއި ވަކި މީހެއްގެ ނުފޫޒުގެ ދަށުން ހުކުމްތައް ކުރަން ފަށާފައިވާކަން ހާމަވެފައިވާ ކަމަށެވެ.
އެގޮތުން ވިދާޅުވީ:
-
ފެނަކައިން އެ މަސައްކަތް ރިޓޭނާ އުސޫލުން ބަޔަކާ ހަވާލުކުރަން ސޮއިކޮށްފައިވަނީ ސައީދު އެ މަގާމާ ހަވާލުވުމުގެ މާ ކުރިން
-
އޭރު އެމަސައްކަތް ހިނގަމުންދިޔަ ގޮތަކީ އެއްފަހަރު އެމީހުން ލައްވައި މަސައްކަތް ކުރުވާފައި އަދި އަނެއްބައި ފަހަރު އެމީހުން ލައްވައި މަސައްކަތް ނުކޮށް
-
މަސައްކަތް ހަވާލުކޮށްފައި އޮތް ކުންފުނިން ދިޔައީ އެއްބަސްވި އަގު ނުދީގެން ސައީދު މަގާމާ ހަވާލުވިއިރު ވެސް މައްސަލަ ޖައްސަމުން
-
ރިޓޭނާ އުސޫލުން ހަވާލުކުރާ މަސައްކަތަކީ މަސައްކަތެއް ހަވާލުކުރިޔަސް ނުކުރިޔަސް މަހުން މަަހަށް އެ މަސައްކަތެއް އަގު ދޭންޖެހޭ ގޮތަށް އެއްބަސްވެގެން ހަވާލުކުރާ މަސައްކަތެއް؛ އެ މަސައްކަތް ހަވާލުކުރުމުގެ ޒިންމާ އޮންނާނީ ފެނަކައަށް
-
ސައީދު މަގާމާ ހަވާލުވުމަށްފަހު އެގޮތަށް މަސައްކަތް ހަވާލުކޮށްގެން ޖެހިފައިވާ މައްސަލަތައް ހައްލުކުރުމަށް އެ ކުންފުނިތަކާއެކު މަޝްވަރާކޮށް އެއްބަސްވުމަކަށް އައިސްފައިވަނީ ފެނަކައިގެ ލީގަލް ޑިޕާޓުމަންޓާވެސް މަޝްވަރާކޮށްފައި އެތަނުގެ ލަފާގެ މަތިން
-
ބްލޭޒަން އިންކް ކުންފުންޏާއެކު ސެޓުލްމަންޓް އެއްބަސްވުމެއް ހެދީ އެކަން ނުކޮށްފިނަމަ ދޭންޖެހޭ ބަދަލު ބޮޑުވެ، ފެނަކައަށް ބޮޑު ގެއްލުމެއް ވެދާނެ ކަމުގެ ލަފާ އެ ކުންފުނީގެ ވަކީލުން ދިނުމުން
-
ސައީދުގެ މައްޗަށް ހުކުމް ކުރެވިގެންދިޔައިރު މުޅި މައްސަލައަށް ބަލާއިރު މިއީ ސީދާ ސައީދުގެ ނިންމެވުމެއް ނޫންކަން ފާހަގަކުރެވޭ
"އެ ކުންފުނިން ގެއްލުމުގެ ބަދަލު ހޯދުމަށް ނުވަތަ ބޮޑު ބަދަލެއް ހޯދާނެ ކަމަށް [ފެނަކަ] އަށް އަންގާފައި އޮތުމުން އެކަމާމެދު ގޮތެއް ނިންމުމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ ސައީދު އަމަލުކުރައްވާފައި މިއޮތީ ހަމަ ގާނޫނާ އެއްގޮތަށް އަދި ޒިންމާދާރު ކަމާއެކު އެ މަގާމުގައި ހުންނަވާ ބޭފުޅަކު އެވަގުތުގަ އަމަލުކުރަން ޖެހިވަޑައިގަންނަވާ ގޮތަށް ކަމަށް،" މައުރޫފް ވިދާޅުވި އެވެ.
"އެއީ އެ މައްސަލާގައި ކުންފުނީގެ ލީގަލްގެ ގާނޫނީ ލަފައެއް ހޯދާފަ އެބައޮތް. އެ ލަފާގަ އެބޭފުޅުން ފާހަގަކޮށްފަ އޮންނަނީ މި ދަންނަވާ [ބްލޭޒަން އިންކް] ކުންފުނިން ބަދަލެއް ހޯދަން ދައުވާއެއް ކޮށްފިއްޔާ މާބޮޑު އަދަދެއް ދައްކަންޖެހިދާނެ ކަމަށް. އެހެންވީމާ ފެނަކައަށް އެންމެ ފައިދާ ހުރި ގޮތަކީ ސެޓުލްމަންޓު އެއްބަސްވުމެއްގައި ސޮއިކޮށް އެ ފަރާތާއެކު ކުރިއަށް ދިއުން ކަމަށް،"
މިގޮތަށް ކަން ހިނގާފައިވާ ކަމެއްގައި، އަދި ފެނަކައިގެ ވަކީލުން ކޯޓުގައި އެގޮތަށް ހެކިބަސް ވެސް ދީފައި އޮއްވާ ކްރިމިނަލް ކޯޓުން އިއްޔެ އިންސާފުވެރި ހުކުމެއް ކުރިނަމަ އެ މައްސަލަ ސާބިތުނުވީސް ކަމަށް މައުރޫފު ވިދާޅުވި އެވެ.
އެކަމަކު އިއްޔެ ކޯޓުން ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ހުކުމެއް އިއްވީ ޕީޖީ އޮފީހުން އެދުނު އަދަބަށްވުރެ ވެސް ބޮޑު އަދަބެއް ކަމަށާއި އޭގެން ވެސް އެނގެނީ އެއީ "ރައީސް މުހައްމަދު މުއިއްޒު އަންގައިގެން ކުރި ހުކުމެއްކަން" ކަަމަށް މައުރޫފް ވިދާޅުވި އެވެ.
މައުރޫފު އަދި ވިދާޅުވީ:
-
ސައީދުގެ މައްސަލާގައި ކޯޓުންނާއި ޕީޖީ އޮފީހުން އަމަލުކޮށްފައިވަނީ އެ ބާވަތުގެ މައްސަލަތަކުގައި އަމަލުކުރާ އުސޫލަކުން ވެސް ނޫން ކަމަށް
-
އެގޮތުން އެފަދަ އެތައް މައްސަލައެއް ކޯޓަށް ހުށަހެޅިފައި ހުރިއިރު، އެޔަށްވުރެ ފަހުން ހުށަހެޅުނު މައްސަލައެއްގައި އަވަސް އަރުވާލައިގެން އަޑުއެހުންތަކެއް ބާއްވައިގެން އެ މައްސަލައިގެ ޝަރީއަތް ކޮށްފައިވަނީ ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ނިޔަތުގައި ސިޔާސީ މަގުސަދެއްގައި
އޭގެއިތުރުން ދައުލަތުގެ އިދާރާތަކުން ކޮށްފައިވާ ސަރުކާރަށް ނިސްބަތްވާ މީހުންގެ އެފަދަ އެތައް މައްސަލައެއް އޮތީ ނުބަލައި ކަމަށް މައުރޫފު ވިދާޅުވި އެވެ. އެގޮތުން މާލޭ މޭޔަރު ކަމުގައި ހުންނަވާ ރައީސް މުއިއްޒު ހަދާފައިވާ މަސް މާރުކޭޓު އެއްބަސްވުމާ ގުޅޭ މައްސަލަ އެއްވެސް އިދާރާއަކުން ބަލަން ނޫޅޭ ކަމަށް ވިދާޅުވި އެވެ. އަދި އެ މައްސަލަ ހިނގިގޮތް ބަލަން އެޖެންޑާކުރާ ކައުންސިލް ބައްދަލުވުންތައް ވެސް ވެރިކަންކުރާ ޕީއެންސީގެ މެޖޯރަޓީ އޮންނަ އެ ކައުންސިލުގެ މެންބަރުން ބޮއިކޯޓުކޮށް ހުއްޓުވާފައިވާ ކަން ވެސް މައުރޫފް ފާހަގަކުރެއްވި އެވެ.