ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު. (ދައުރު ފޮޓޯ/ހުސެން ސުނޭން)

ފެނަކަ ސައީދު

ފެނަކަ ކޮރަޕްޝަން މައްސަލައެއްގައި ސައީދު 4 އަހަރަށް ޖަލަށް

ކޯޓުން މިއަދު ހުކުމްކުރީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާއެކު 2019ގައި ހެދި އެއްބަސްވުމެއްގެ ދަށުން ބްލޭޒަން އިން ކުރަން ޖެހޭ މަސައްކަތް ނިންމިކަން ޔަގީންނުކޮށް މަސައްކަތަށްވާ ފައިސާ ދޫކުރި މައްސަލައެއްގައި ކުރި ދައުވާއަކަށް
28 ސެޕްޓެމްބަރު 2025
5

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު ހުންނެވި ދުވަސްވަރު ހިންގެވި ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައެއްގައި އޭނާ 4 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ވީކިހިނެއް؟ - މިއަދު ކޯޓުން ހުކުމްކުރީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ އެކު 2019ގައި ހެދި އެއްބަސްވުމެއްގެ ދަށުން ބްލޭޒަން އިން ކުރަން ޖެހޭ މަސައްކަތް ނިންމިކަން ޔަގީންނުކޮށް މަސައްކަތަށްވާ ފައިސާ ދޫކުރި މައްސަލައެއްގައި ކުރި ދައުވާއަކަށެވެ.

މި މައްސަލާގައި ސައީދުގެ އިތުރުން އޭރު އެ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށް ވެސް ދައުވާކޮށްފައިވެ އެވެ.

ތަފްސީލް - ފެނަކައަށް 9 ލައްކައަށް ވުރެ ގިނަ ރުފިޔާއިން ގެއްލުންވި ކަމަށް ދައުލަތުން ތުހުމަތުކުރާ މި މައްސާލަގައި ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި ސައީދުގެ މައްޗަށް ހުކުމްކުރީ 4 އަހަރަށް ޖަލަށް ލުމަށެވެ.

ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަސް ނަމަވެސް ކުށުގެ ދަރަޖަތައް އިތުރުކޮށް ކޯޓުން ވަނީ އަދަބު 4 އަހަރަށް މަތިކޮށްފަ އެވެ.

ދީނާގެ ބައި ކްރިމިނަލް ކޯޓުގެ އެހެން ގަޒިއްޔާއަކުން ބެލުމަށް ވެސް ކުރިމިނަލް ކޯޓުން މިއަދު ނިންމި އެވެ.

އެނގުން މުހިންމު - ސައީދުގެ މައްޗަށް އިތުރު މައްސަލައެއްގައި ވެސް ދައުވާކޮށް ޝަރީއަތް ފަށާފައިވެ އެވެ. އަދި އިތުރު މައްސަލަތަކެއް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ދަނީ ތަހުގީގުކުރަމުންނެވެ.

ފާހަގަކޮށްލެވޭ - އޮޑިޓް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ރިޕޯޓުން ވެސް ފެނަކަ ތެރޭގައި އޭރު ހިނގި ކޮރަޕްޝަންގެ ބޮޑެތި މުއާމަލާތްތަކެއް ފާހަގަކޮށްފައިވެ އެވެ. އެ ގޮތުން:

  • ފެނަކައިން 2021 އިން ފެށިގެން 2023ގެ ނިޔަލަށް 8.8 ބިލިއަން ރުފިޔާ މުދަލާއި ހިދުމަތް ހޯދުމަށް ހަރަދުކޮށްފައިވޭ؛ އޭގެ ތެރެއިން އެވަގުތަށް މުހިންމު ނޫން ކަންކަމަށާއި ބީލަމުގެ އުސޫލުން ބޭރުން އަދި އަގު ބޮޑުކޮށް ބައެއް ހަރަދުތައް ކޮށްފައިވޭ

  • ކުންފުންޏަށް ބޭނުންވާ ތަކެތި ގަތުމަށާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ މަސައްކަތްތަކަށް 674 އެއްބަސްވުމުގެއް ދަށުން 2.22 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވޭ؛ އޭގެ ތެރެއިން 439 (%65) އެއްބަސްވުމުގެ ދަށުން 1.37 ބިިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިއުލާންނުކޮށް، ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން

  • ރަށްރަށުގެ އިންޖީނުގެ އާއި އޮފީސް އިމާރާތް އެޅުމަށް 2023ގެ ނިޔަލަށް 57 މަޝްރޫއުގެ މަސައްކަތަށް 1 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ހޭދައެއްކޮށްފައިވާ އިރު އޭގެ ތެރެއިން ނުނިމި ހުރި 41 މަޝްރޫއު ނިންމަން އަދިވެސް ގާތްގަނޑަކަށް 241 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭ

  • އިންޖީނުގެތައް އެޅުމަށް ހަވާލުކޮށްފައިވަނީ މާކެޓް އަގަށް ވުރެ އިތުރަށް ގާތްގަނޑަކަށް 767 މިލިއަން ރުފިޔާ ހަރަދުވާނެ ގޮތަށް

ކޮމެންޓް (5)

ސިކުނޑި

29 ސެޕްޓެމްބަރު 2025
ދިވެހިރާއްޖޭ ޝަރުޢީ ނިޒާމު ގަޑުބަޑު ވެފައި އޮތްވަރު މިކަމުން ވަރަށް ރަނގަޅަށް ދޭހަވޭ! ޖިނާއީ މައްސައަކަށް އުންސުރު ހަމަވާނެ ކަމަކަށް ނުބެލެވޭ! ފައިސާ ދޫކުރަނީ ފިނޭންސް މިނިސްޓްރީކަމަށް މައުލޫމާތު ލިބިފައިވަނީ! ތިޔަ މައްސަލައިގެ ބާވަތުން ދެ މީހަކަށް ތި ދައުވާއެއްނުވެސް ނުކުރެވޭނެ! އަދި ހަމައެހެންމެ ތިގޮތަށް ކުރާކަަމަށްވަންޏާ ދައުރު ނިމޭއިރު ދައުލަތް ދަރާފައި އޮންނަ މައްސަލައިގައި މަޖިލިސް ރައީސާއި ރައީސުލްޖުމްހޫރިއްޔާވެސް ޖަލަށް ލާންޖެހޭ! ސަބަބަކީ، ދޮގު ރިޔާސީ ބަޔާނަކަށް ބިނާކޮށް ފާސްކުރަނީ ދޮގު ބަޖެޓެއް، ވަނީ ދޮގު ވައުދު! އަހަރުމެން ގަބޫލުކޮށްގެން މިތިބީ "މިސަރުކާރު ހަވާލުވިދުވަހުން ފެށިގެން ޝަރުއީ ނިޒާމަށް ނުފޫޒުފޯރުވުން ނިމުނީކަމަށް" އެކަމަކު އެކަންވެސް މިވީ ހަމަ ބުހުތާނު ދޮގަކަށް!
0 0

ސްޓޫޑެންޓް

29 ސެޕްޓެމްބަރު 2025
3 އޮކްޓޫބަރުގަ ނިކުންނަންވީ ހުރިހާ ސިޔާސީ ވަގުންނާ ދެކޮޅަށް. ވަކިޕާޓީއެއް ބަލާނެ ކަމެއް ނެތް. ނޭޕާލްގަ ހެދިހެން އެއެންމެންގެ ނުހައްގު މުއްސަނދިކަން ނައްތާލާ ގައުމު އުމަރުމެން ކަހަލަ މީހަކާ ހަވަލު ކުރަންވީ ވަގުތުމީ.
1 0

ހެހެ ހަހަހަ

28 ސެޕްޓެމްބަރު 2025
ހަޖަމު ނުވީބާ
1 0

ކަމަންނަން

28 ސެޕްޓެމްބަރު 2025
ކޮބާ މިވެރިކަމުގެ މީހުން؟
2 0

ޙަސީނާ ނެޕާލީ

28 ސެޕްޓެމްބަރު 2025
އޮކްޓޫބަރު ތިނެއް އަންނާތީ ބަޔަކު ބިރުން އުޅޭހެން ހާދަ ހީވެއްޖޭ! އެހެން ބަޔަކު ގޯސް ހަދާފަ އޮތުމަކީ ތިމާމެން އެކަން ކުރުން ރަނގަޅު ވުމެއް ނޫން. އެމްއެމް ޓީވީ އޮފީސް ހަދަން އެންސްޕާ. ފަޒުލް އެޗްޑީސީ ކޮރަޕްޝަން، އެސްޓީއޯ ތެޔޮ ލަންކާގަ ވިއްކުން. އެފްއެސްއެމް ވައްކަން. ކޮމެންޓް ގޮޅިގަ ނުލިޔެވޭނެ. މިހުކުމުގެ ސްޕީޑުގަ ސްޖާމެން ކުންފުނިން ސިފްކޯ ލައްވާ ދިޔަ ކޮރަޕްޝަނާ މިހުރިހާ ކަމެއް ބަލާ ފިޔަވަޅުއަޅަ. 3 އެކްޓޫބަރު އަންނާނެ އަންނަ އަހަރުވެސް. ސާފުކޮށްފަ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް