އާރަށު މައްސަލާގައި ހައި ކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު ވަކީލު ހަމްޒާ ލަތީފް ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަވަނީ
ޝަރީއަތް ކުރިއަށް ދަނިކޮށް އާ ހެއްކަށް ފުރުސަތުދީފިނަމަ ދުވަހަކު ވެސް ރާއްޖޭގައި ޝަރީއަތެއް ނުނިމޭނެ: ހަމްޒާ
ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ހިޔާނާތުގެ ޝަރީއަތް އަލުން ކްރިމިނަލް ކޯޓުން ހިނގަމުންދާއިރު، އެ މައްސަލާގައި އާ ހެކި ހުށަނޭޅޭނެ ކަމަށް ހައި ކޯޓުން ނިންމާފައިވާ ނިންމުން ބަދަލުކޮށް، އެ ފުރުސަތު ދައުލަތަށް ދީފި ނަމަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މުޅި ހަމަ ގެއްލޭނެ ކަމަށާއި އޭރުން ދުވަހަކު ވެސް ރާއްޖޭގައި ޝަރީއަތްތައް ނުނިމޭނެ ކަމަށް ޔާމީންގެ ވަކީލު ހަމްޒާ ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅޭ މައްސަލާގައި ޔާމީންއަށް އިއްވި 11 އަހަރުގެ ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ހައި ކޯޓަށް ވަނީ އަންގާފަ އެވެ.
އެ މައްސަލައިގެ ޝަރީއަތްތައް މިހާރު ދަށު ކޯޓުގައި ފަށާފައިވާއިރު، މި މައްސަލަ އަލުން ބަލާއިރު ރިއާޔަތްކުރަން ޖެހޭ ކަންތައްތަކެއް ހައި ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވެ އެެވެ. އޭގެ ތެރެއިން އެއް ކަމަކީ:
-
ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގެންފައި ވަނީ އިޖުރާއަތާ ހިލާފަށް ކަމުން އެ ހެކި އެއްފަރާތްކޮށް މައްސަލާގައި ގޮތެއް ނިންމުމަށް
ހައި ކޯޓުގެ ހުކުމުގެ މި ބައި ބާތިލުކޮށްދިނުމަށް އެދި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް މިދިޔަ ޖެނުއަރީ މަސްތެރޭ ވަނީ ނިންމާލާފަ އެވެ.
އަޑުއެހުންތައް ނިންމާލާފައި އޮތް މި މައްސަލައިގެ އިތުރު އަޑުއެހުމެއް މިއަދު ބޭއްވީ އިޖުރާއަތު ފުރިހަމަ ކުރުމަށެވެ. މިއަދުގެ އަޑުއެހުމުގައި އިސްތިއުނާފީ ނުކުތާތަކާމެދު ދެ ފަރާތުން ހުލާސާގޮތެއްގައި ވާހަކަދައްކާފައިވާއިރު ފަނޑިޔާރުން ސާފުކުރަން ބޭނުންވާ ބައެއް ކަންކަން ވެސް ސާފުކޮށްފައި ވެއެވެ. ދެން މި މައްސަލާގައި އޮންނާނީ ހުކުމް ކުރުމެވެ.
ބުނީ ކީކޭ؟ - މިއަދު ވެސް ދައުލަތުން މައިގަނޑު ގޮތެއްގައި ތަކުރާރުކުރީ އެ ހެކިތައް އެއްފަރާތްކުރުން ނާއިންސާފަކަށް ވާނެ ކަމަށް ފާހަގަކުރާ ކުރުމެވެ. އެގޮތުން ދައުލަތުގެ ވަކީލު ހުސެއިން ސާމީ ވިދާޅުވީ:
-
އެންމެ އިންސާފުވެރި ގޮތަކީ، ދައުލަތުގެ އެ ހެކިތަކަށް ދިފާއު ހުށަހަޅަން ޔާމީންއަށް ފުރުސަތު ދެއްވުން
-
އެޔަށްފަހު އެ ހެކިތަކާ ގުޅޭ ގޮތުން ބަހުސްކުރުމުގެ ފުރުސަތާއެކު، މިހާރު ހިނގަމުންދާ ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އެ ހެކިތަކާމެދު ގޮތެއް ކަނޑައެޅުން
ރައްދުގައި ޔާމީންގެ ވަކީލުން މިއަދު ވެސް ފާހަގަކުރީ ދައުލަތުން ސުޕްރީމް ކޯޓަށް އައިސްގެން ކުރަން އުޅޭ ކަމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވަކި މަރުހަލާއެއްގައި ކުރަން އޮތް ކަމެއް އޭރުނުކޮށް މާ ފަހުގެ މަރުހަލާއެއްގައި އެކަން ކުރަން "ގާނޫނުގައި ހުޅުވައިދީފައި ނުވާ ދޮރެއް ހުޅުވުން" ކަމަށެވެ. އަދި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވި އެވެ.
ޔާމީންގެ ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ:
-
މި މައްސަލައިގެ ޝަރީއަތް މިހާރު ދަށު ކޯޓުގައި ހިނގަމުންދާތީ އެއީ އަމުދުން މިހާރު ކުރެވޭނެ ކަމެއް ނޫން
-
ދައުލަތުން އެ ވިދާޅުވާގޮތަށް އާ ހެކި ހުށަހަޅަން ފުރުސަތު ދީފިނަމަ މުޅި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ހަމަ ގެއްލިގެންދާނެ
"އެގޮތަށް ނިންމަވާ ހާލަތުގައި ދެން ރާއްޖޭގެ ދަށު ކޯޓުގައި ހިނގާ ހުރިހާ މައްސަލައެއްގައި ޝަރީއަތް ހިނގަމުންދަނިކޮށް ކޮންމެ މީހަކު ވެސް އަންނާނީ ހަމަ ދެ ދެ ދުވަހުން އެއް ދުވަހު 135ވަނަ މާއްދާއާ ހަވާލާދީގެން އެމީހުންނަށް ފަހިވާ އާ ހެކި ހިފައިގެން. އެހެންވެއްޖެއްޔާ އިބްތިދާއީ މަރުހަލާގެ މުޅި މާނަ ދިޔައީ، ޑިސްކަވަރީގެ މުޅި މާނަ ދިޔައީ. ޝަރީއަތް ރާއްޖޭގައި ދެން ދުވަހަކު ވެސް ނުނިމޭނެ،" ހަމްޒާ ވިިދާޅުވި އެވެ.
ހަމްޒާ ވިދާޅުވިގޮތުން، ދައުލަތަށް މިހެން ހެދޭ ގޯސްތަކުގެ ސަބަބުން މިހާރު ރާއްޖޭގެ ކޯޓުތަކުގައި އެތައް މައްސަލައެއް ނުނިމި އޮތް ކަމަށެވެ. އަދި، އެ ކަންކަމަށް ސާފުސީދާ ހަރުކަށި އުސޫލުތަކެއް ގެންގުޅެގެން ނޫނީ ރާއްޖޭގައި ދިމާވެފައިވާ އެ ގޮންޖެހުމަށް ހައްލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލުން މައްސަލަ ބަލަން ހައި ކޯޓުން އެންގި އެންގުމުގައި ޝަރީއަތުގެ އިބްތިދާއީ މަރުހަލާގައި މިހާރު ހުރި ހެކިތަކުގެ އިތުރުން އާ ހެކި ހޯދައި ހުށަހެޅުމުގެ ފުރުސަތު ދެވިދާނެ ކަމަށް ކަނޑައަޅާފައިވޭތޯ ފަނޑިޔާރު ޝުޖޫން ސުވާލުކުރެއްވި އެވެ.
ޖަވާބުގައި ދައުލަތުން ވެސް އަދި ޔާމީންގެ ފަރާތުން ވެސް ވިދާޅުވީ އެފަދަ އެއްވެސް އެންގުމެއް ނެތް ކަމަށެވެ. ހަމްޒާ ވިދާޅުވީ ހައި ކޯޓުން އަންގާފައި އޮތީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުން ފެށިގެން މުޅި މަރުހަލާ އަލުން ހިންގަން ނޫން ކަމަށެވެ. މިހާރު ކްރިމިނަލް ކޯޓުގައި ހިނގަމުންދާ އެ މައްސަލާގައި އަލުން އާ ހެކި ބަސްތަކެއް ނަގައި އާ ހެކި ހުށަހަޅަން ދެ ފަރާތަށް ވެސް ފުރުސަތެއް ނުލިބޭނެ ކަމަށް ހަމްޒާ ވިދާޅުވި އެވެ.
މި މައްސަލާގައި ދައުލަތުން އެދިފައިވަނީ:
-
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ހުށަހެޅި ހެކިތަކާ ގުޅިގެން، ދިފާއުން ހުށަހެޅުމެއް އޮތް ނަމަ ހުށަހެޅުމުގެ ފުރުސަތު ދިނުން
-
އެ ހެކިތަކާ ގުޅިގެން ދެ ފަރާތުން ޝަރީއަތުގައި ބަހުސްކުރުމުގެ ފުރުސަތު ދިނުން
-
އެ ހެކިތައް ބަލައިގަތުމާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް އަންގައިދިނުން
މި މައްސަލާގައި ޔާމީންގެ ފަރާތުން އެދިފައިވަނީ:
-
ހައި ކޯޓުގެ ނިންމުމާ މެދު ދައުލަތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއަކީ ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ހުށަހަޅާފައިވާ ނުކުތާއަކަށް ވުމުން އެ ނުކުތާ ބަލައި ނުގަނެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް
-
ހައި ކޯޓުގެ ނިންމުން ބިނާކޮށްފައިވާ ސަބަބު ދައުލަތުން އިސްތިއުނާފް ކޮށްފައި ނުވާތީ ދައުލަތުން ހުށަހެޅި އެ ކޯޓުގެ ނިންމުމުގެ އިސްތިއުނާފް އޮޅިގަނޑު ގިރާނުކުރާ ކަމަށް ކަނޑައަޅައިދިނުމަށް
-
މައްސަލަ މައުލޫއީ ގޮތުން ބަލަން ނިންމާ ނަމަ ހައި ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށް
ފަސް މަންޒަރު - ހައި ކޯޓުން އެއްފަރާތްކުރަން އަންގާފައިވާ އާ ހެކިތަކަކީ ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއްކަން ސާބިތުކުރަން ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތައް ނަފީކުރަން ދައުލަތުން ހުށަހެޅި ހެކިތަކެކެވެ.
މި މައްސަލާގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ސާބިތުވެފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ހުކުމް ހައި ކޯޓުން ބާތިލުކުރީ، ހެކިތައް ޖުމްލަކޮށް ވަޒަންކުރުމުގައި ދަށު ކޯޓުން ގޯސްތަކެއް ހަދާފައިވާ ކަމަށް ގަބޫލުކުރެވޭތީ އެވެ.
އިތުރަށް ކިޔާލަން
ޔާމީނާ ދެކޮޅު ހެކި އެއްފަރާތް ކުރުމަކީ ބޮޑު ނާއިންސާފެއް: ޕީޖީ
20 ޖެނުއަރީ 2025
އާ ހެކީގެ މައްސަލަ:'ދައުލަތުން އުޅެނީ ގާނޫނުގަނެތް ކަމެއް ކުރަން'
20 ނޮވެމްބަރު 2024
ޖަލު ހުކުމްތައް ބާތިލްކޮށް ޔާމީން މިވަގުތަށް މިނިވަންކޮށްފި
18 އޭޕްރީލު 2024