ހައިކޯޓުން ޖަލު ހުކުމްތައް ބާތިލްކުރި ދުވަހު ޔާމީން ހައިކޯޓުގެ ސަރަހައްދުގައި: ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކި މައްސަލަ ކުރިއަށް - (ދައުރު ފޮޓޯ/އަޒްމީ)

ޔާމީނާ ދެކޮޅަށް ހުރި ހެކިތަކެއް އެއްފަރާތް ކުރުމަކީ ބޮޑު ނާއިންސާފެއް: ޕީޖީ

މިއަދު ދެ ފަރާތަށް ފަހު ބަސް ބުނަން ފުރުސަތު ދިނުމަށް ފަހު ދެން އޮންނާނީ މައްސަލައިގައި ގޮތެއް ކަނޑައެޅުން
20 ޖެނުއަރީ 2025

ވ. އާރަށް ކުއްޔަށް ދެމުން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން އަލުން ބަލަން އެންގި އިރު ދައުލަތުން ހުށަހެޅި އާ ހެކިތައް އެއްފަރާތްކުރަން ހައި ކޯޓުން ދިން އިރުޝާދަކީ ބޮޑު ނާއިންސާފެއް ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ހުށަހެޅި މި އާ ހެކިތަކަކީ ދަށު ކޯޓުގައި ޝަރީއަތް ހިންގި އިރު ދިފާއީ ހެކިން ދިން ހެކިބަހުގައި ދޮގުތަކެއް ހިމެނޭކަން ސާބިތުކުރަން ހުށަހެޅި ހެކިތަކެވެ.

އެ ހެކިތައް އެއްފަރާތްކޮށްގެން ޝަރީއަތް ފަށަން ހައި ކޯޓުން ނިންމި ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. އިސްތިއުނާފުގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ ދެ ފަރާތުން ފަހުބަސް ބުނުމެވެ.

ތަފުސީލު - ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު، ދައުލަތުގެ ފަރާތުން ފަހު ބަސް އިއްވުމުގައި މުޅި ވާހަކަ ބިނާކުރެއްވީ އެ ހެކިތައް އެއްފަރާތްކުރުން ވާނީ ބޮޑު ނާއިންސާފަކަށް ކަން ޝަރީއަތަށް ވިސްނައިދެއްވުމަށެވެ.

"އާ ހެކިތަކެއް ފާޅުވެ ހެކިތައް ލިބިގެން، އެ ހެކިތައް އެއްފަރާތުގައި ބަހައްޓާފައި ހުރެގެން އެއަށް އެއްވެސް ވަރަކަށް ރިއާޔަތްނުކޮށް ހުރުމުން އެއިން އިންސާފުވެރިކަން ކަށަވަރުވާނީ ވަކި ކިހިނެއްތޯ؟،" ހައި ކޯޓުގެ ނިންމުން އިންސާފުވެރިވާނެތޯ ސުވާލު އުފައްދަވަމުން އޭނާ ވިދާޅުވި އެވެ.

ޕީޖީގެ ބަހުސަކީ މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމި ގަޒިއްޔާއެއްގައި އެ ކޯޓުން ކަނޑައަޅާފައިވާ އުސޫލަކާ ހައި ކޯޓުގެ ނިންމުން ފުށުއަރާ ކަމެވެ. އެއީ އިޖުރާއީ އައިބުތައް ފިލުވުމަށް ފުރުސަތުތަކެއް ދެ ފަރާތަށް ވެސް ދެވޭ ގޮތަށް ހަމަޖެއްސި އުސޫލެކެވެ.

އެ ގަޒިއްޔާއާ ހަވާލާ ދެއްވައި ޝަފީއު ވިދާޅުވީ ދެ ފަރާތުގެ ވެސް ހައްގު ހަމަހަމަކުރެވޭނެ ގޮތެއް އެބަ އޮތް ކަމަށެވެ. އެއީ ދައުލަތުން ހުށަހެޅި އާ ހެކިތަކަށް ވެސް ފުރުސަތު ދީފައި، ދެ ފަރާތަށް ވެސް އެ ހެކިތަކާ ގުޅޭ ގޮތުން ވާހަކަ ދައްކައި ބަހުސް ކުރަން ފުރުސަތު ދިނުމެވެ.

ޝަފީއު ގަބޫލުކުރައްވާ ގޮތުގައި، ހައި ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ވެސް 'ހަގީގީ' ކަންބޮޑުވުމަކީ އާ ހެކިތައް ހުށަހެޅުމުގެ އިޖުރާއަތް ފުރިހަމަކުރި ގޮތެވެ. ހެކިތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަން، ގޮންޖައްސަން ދިފާއަށް އެއްވެސް ފުރުސަތެއް ދަށު ކޯޓުގައި ނުދީ އޮތް އޮތުމެވެ. އެކަން ހައްލުވާނީ އެ ހެކިތައް އެއްފަރާތްކޮށްގެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހައި ކޯޓުން މި ދިން އިރުޝާދާ އެއްގޮތަށް ކުރިއަށްދާ ނަމަ މި އުފެދޭ ނާއިންސާފުގެ މަގަކީ ތަހުގީގަށް ހުށަނާޅާ ދިފާއެއް ޝަރީއަތަށް ހުށަހެޅުމަށް ފަހު އެ ދިފާއު ބިނާކުރަން ޝަރީއަތަށް ހެކިބަސް ދިން ހެއްކެއްގެ ހެކިބަހުގައި ސުވާލު އުފެދޭ، ދޮގެއް ކަމަށް ބެލެވޭ ވާހަކަތަކެއް ހުއްޓަސް އެ ދޮގުކުރެވޭނެ ގޮތެއް ވެސް ނުލިބުން،" އޭނާ ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ ދަށު ކޯޓަށް އާ ހެކިތައް ހުށަހެޅީ އެ ހެކިތައް ޕީޖީ އޮފީހަށް ލިބުނު ދުވަހު ކަމަށެވެ. އެއީ ކުރިން ލިބިފައި އޮތް، ހާމަވެފައިވާ ހެއްކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުން ސުޕްރީމް ކޯޓުގައި އެދެނީ:

  • ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ހުށަހެޅި ހެކިތަކާ ގުޅިގެން، ދިފާއުން ހުށަހެޅުމެއް އޮތް ނަމަ ހުށަހެޅުމުގެ ފުރުސަތު ދިނުން

  • އެ ހެކިތަކާ ގުޅިގެން ދެ ފަރާތުން ޝަރީއަތުގައި ބަހުސްކުރުމުގެ ފުރުސަތު ދިނުން

  • އެ ހެކިތައް ބަލައިގަތުމާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް އަންގައިދިނުން

ދިފާއު - ޔާމީންގެ ވަކީލު ހަމްޒާ ލަތީފު ރައްދުގައި ވިދާޅުވީ އާ ހެކި ފާޅުވުމުން ހެކި ހުށަހަޅާނެ ފުރުސަތެއް ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް އެއީ ދައުލަތުން ފާހަގަކުރާ ފަދަ ހެކިތަކެއް ނޫން ކަމަށެވެ.

އެއީ މައްސަލަ ސާބިތުވާ ވަރުގެ ހެއްކެއް، ހާއްސަކޮށް ފޮރެންސިކް ހެކި ފަދަ ހެއްކެއް ލިބުމުން ހުށަހަޅަން ފުރުސަތު ދޭން އޮންނަ މާއްދާއެއް ކަމަށް ހަމްޒާ ގަބޫލުކުރައްވަ އެވެ. އެއީ ހެއްކެއް ދައްކާ ވާހަކަ ދޮގުކުރަން ނޫނީ ރައްދުގައި ހެކި ހުށަހަޅަން އޮންނަ އިޖުރާއަތެއް ނޫން ކަމަށް ދިފާއުން ތަކުރާރުކޮށް ދައްކާ ވާހަކަ ހަމްޒާ މިއަދު ވެސް ތަކުރާރުކުރެއްވި އެވެ.

"ދައުލަތުން ބުނާ ފައިސާއަކީ ޑޮލަރު މާރުކޮށްގެން ލިބުނު ފައިސާކަން އަބްދުﷲ ޔާމީނުގެ ފަރާތްޕުޅުން ވިދާޅުވީ ޝަރީއަތުގެ އިބްތިދާއީ މަރުހަލާގައި. ސާބިތުކުރަން ދިފާއުގައި ހުށަހަޅާނެ ހެކިން ވެސް ހާމަކުރިން. އޭރު ދައުލަތަށް އޮންނާނެ ފުރުސަތު އެ ހެކިންނަށް ރައްދު ދެވޭނެ ހެކި ހޯދާފައި ހުށަހަޅަން،" ހަމްޒާގެ ނުކުތާ ތަފްސީލްކޮށްދެއްވި އެވެ.

"ސުޕްރީމް ކޯޓުން ކަނޑައެޅި އުސޫލުގެ ބޭނުމަކީ ދައުލަތަށް ގޯހެއް ހެދޭ ކޮންމެ ފަހަރަކު، ކަމެއް ދޫވެގެންދާ ކޮންމެ ފަހަރަކު، ދައުލަތަށް މުތުލަގަށް ފުރުސަތުތަކެއް ދެވޭ ގޮތަށް. ދައުލަތުން ދިފާއީ ހެއްކަކު ދައްކާ ވާހަކައަކާ ހިތްޕުޅާނުވާ ކޮންމެ ފަހަރަކު ހެކި ހުށަހަޅަން ލިބޭ ގޮތަށް އޮތް ފުރުސަތެއް ނޫން."

ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދެނީ:

  • ހައި ކޯޓުގެ ނިންމުމާ މެދު ދައުލަތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއަކީ ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފު ނުކުތާއަކަށް ވުމުން އެ ނުކުތާ ބަލައި ނުގަނެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް

  • ހައި ކޯޓުގެ ނިންމުން ބިނާކޮށްފައިވާ ސަބަބު ދައުލަތުން އިސްތިއުނާފް ކޮށްފައި ނުވާތީ ދައުލަތުން ހުށަހެޅި އެ ކޯޓުގެ ނިންމުމުގެ އިސްތިއުނާފް އޮޅިގަނޑު ގިރާނުކުރާ ކަމަށް ކަނޑައަޅައިދިނުމަށް

  • މައްސަލަ މައުލޫއީ ގޮތުން ބަލަން ނިންމާ ނަމަ ހައި ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށް

މިއަދު ދެ ފަރާތަށް ފަހު ބަސް ބުނަން ފުރުސަތު ދިނުމަށް ފަހު ދެން އޮންނާނީ މައްސަލައިގައި ގޮތެއް ކަނޑައެޅުމެވެ. 

މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަކީ:

  • އައިޝާ ޝުޖޫން މުހައްމަދު (ރިޔާސަތު)

  • ޑރ. މުހައްމަދު އިބްރާހީމް

  • ޑރ. އަޒްމިރަލްދާ ޒާހިރު

ފާހަގަކޮށްލެވޭ - ދައުލަތުން ހުށަހެޅީ ޔާމީންގެ ހެކިންގެ ތެރޭގައި ހިމެނޭ މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކުރިން ވަޒީފާ އަދާކުރެއްވި އެމްއެންޑީއެފްގެ ހާޒިރީ އާއި، އޭރުގެ ވަޒީރުންގެ ކެބިނެޓްގެ ކޮމިޓީއެއް ކަމަށްވާ އިކޮނޮމިކް ޔޫތު ކައުންސިލްގެ ޖަލްސާތަކެއްގެ ޔައުމިއްޔާ އެވެ.

ޑޮލަރު މާރުކޮށްގެން މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ލިބެން ޖެހޭ ކަމަށް ބުނާ ދިވެހި ރުފިޔާގެ ނަގުދު ފައިސާ ޔޫސުފް ނައީމަށް ރައްދުކޮށްދޭން ދިޔަ ކަމަށް ހެކިބަސް ދިނީ ނަރީޝް އެވެ. ނަރީޝްގެ އެވާހަކައަކީ ދޮގު ހެކި ކަމަށް ދަށު ކޯޓުގެ ހުކުމުގައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް