ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ދިފާއީ ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވާހަކަދައްކަވަނީ. (ފޮޓޯ/ކްރިމިނަލް ކޯޓޓް)
ޔާމީނާއި ނައީމްގެ ދިފާއު ނަފީކުރަން އާ ހެކިތަކެއް؛ ބަލައިގަތުމާ މެދު ގޮތެއް ނިންމަނީ
މުހިންމު ނުކުތާތައް
ޕީޖީ އޮފީހުން ހުށަހެޅީ އީވައިސީގެ ޔައުމިއްޔާތަކާއި ހާޒިރީ ޝީޓުތަކެއް
މިއީ ބަލައިގަނެވޭނެ ހެކިތަކެއް ނޫން ކަމަށް ބުނެ ދިފާއީ ވަކީލުން އެދުނީ ހެކި ބަލައިނުގަތުމަށް
ދައުލަތުން ބުނަނީ މިއީ ކުރިން ނުލިބޭނެ ހެކިތަކެއް ކަމަށާއި، ބޭނުމަކީ ދިފާއީ ހެކިންގެ ވާހަކަތަކުގެ ތެދު ދޮގު ހާމަކުރުން
އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމުގައި ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ދިފާއުގައި ހުށަހެޅި ހެކިތައް ނަފީކުރުމުގެ ގޮތުން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އާ ހެކިތަކެއް މިއަދު ކޯޓަށް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - އާރަށުގެ މައްސަލައިގައި ހެއްކާ ގުޅޭ ގޮތުން ވާހަކަދައްކަން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލިހުގައި، ދައުލަތުން އާ ހެކިތަކެއް ހުށަހެޅުމާ ގުޅިގެން އެ މަރުހަލާ ކުރިއަކަށް ނުގެންދެވުނެވެ. އޭގެ ބަދަލުގައި މިއަދު އޮތީ އެއީ ހުށަހެޅިދާނެ ހެކިތަކެއްތޯ ބަހުސްކުރުމެވެ.
ދައުލަތުން ބުނީ މި ހެކިތަކަކީ ޔާމީނާއި ޔޫސުފް ނައީމްގެ ދިފާއުގައި ހެކިބަސް ދިން މީހުންގެ ވާހަކަތަކާ ގުޅިގެން އިތުރަށް ސާފުކުރަން ޖެހޭ ކަންކަން ސާފުކުރުމަށް ފަހު ހުށަހެޅި ހެކިތަކެއް ކަމަށެވެ. ނަމަވެސް، ޔާމީންގެ ވަކީލުންނާއި ނައީމްގެ ވަކީލު ވެސް ވަނީ ޝަރީއަތުގެ މި މަރުހަލާގައި އާ ހެކި ހުށަހެޅިދާނެތޯ ސުވާލު އުފައްދަވައިފަ އެވެ.
ތަފްސީލް - ޔާމީންގެ ދިފާއުގައި ވަކާލާތުކުރައްވަމުން އެ މަނިކުފާނުގެ ވަކީލު އާދަމް ޝަމީމް ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި، ދައުވާ ސާބިތުކުރަން ހުށަހަޅާ ހެކިތައް ހުށަހެޅޭނީ ކޮން މަރުހަލާތަކެއްގައިކަން ވަރަށް ސާފުކޮށް ބަޔާންކުރާ އިރު، މި ހެކިތައް ހުށަހެޅީ އެ ހުރިހާ މަރުހަލާއެއް ނިމުނު ފަހުންނެވެ.
ޔޫސުފް ނައީމްގެ ވަކީލު ހަމްޒާ ލަތީފު ވެސް ވިދާޅުވީ މި ހެކިތައް ހުށަހެޅި ސަބަބު އޭނާއަށް ސާފު ނުވާއިރު، ހެކި ހުށަހަޅަން ދައުލަތުން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަނުކުރާ ކަމަށެވެ. އަދި ލިބިފައި ހުރި ބައެއް ހެކިތަކަށް ނަޒަރު ހިންގާއިރު، އޭގެ ތެރޭގައި ތަހުގީގުގެ ތެރެއިން ދައުލަތަށް ލިބިފައި ހުންނަން ޖެހޭ ހެކިތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މިއީ އާ ހެކީގެ ގޮތުގައި އޭނާއަށް ގަބޫލުނުކުރެއްވޭ ކަމަށް ވެސް ވިދާޅުވި އެވެ.
ދައުލަތުން ހުށަހެޅި ބައެއް އާ ހެކިތައް:
-
އިިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ޔައުމިއްޔާ
-
މާލޭގެ މިހާރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ހާޒިރީ ރެކޯޑުތައް؛ އޭރު އޭނާ ވަޒީފާ އަދާކުރަމުން ދިޔައީ ސިފައިންގޭގައި
ރައްދުގައި ދައުލަތުން ބުނީ އެއީ މައްސަލަ ހުށަހެޅިއިރު ހޯދަން ވެސް ނޭނގޭ ހެކިތަކެއް ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ދައުލަތުން ދެއްކީ ހެކިބަސް ނެގުމާ ހަމައަށް ދިފާއީ ހެކިންގެ މައުލޫމާތު ލިބިފައިނުވުމެވެ. އަދި މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ހެކި ހާމަކުރުމުގެ ޒިންމާގެ ތެރެއިން ހާމަކުރި ހެކިތަކެއް ކަމަށް ބުނެ ދައުލަތުން އެދުނީ ކޯޓުން މި ހެކިތައް ބަލައިގަތުމަށެވެ.
"މިއީ ދައުލަތުގެ ފަރާތުން ހެކިންގެ ހެކި ބަހާ ގުޅިގެން، މިއީ ތެދު ދޮގު ސާބިތުކުރުމަށްޓަކައި އަދި ހެކިންގެ ކްރެޑިބިލިޓީ އަދި ނަފީވާ ހެކިތައް ވެސް އެބަހުރި،" ޕީޖީ އޮފީހުގެ ވަކީލު އައިމިނަތު ޝައުމާ ނަސީރު ވިދާޅުވި އެވެ.
ދައުލަތުން މިހެން ބުނި ނަމަވެސް، ޔާމީނާއި ޔޫސުފް ނައީމްގެ ވަކީލުން ވިދާޅުވީ އެއީ ބަލައިގަނެވޭނެ ހެކިތަކެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންވެ، ދެ ބޭފުޅުންގެ ފަރާތުން ވެސް އެދުނީ ހެކިތައް ބަލައިނުގަތުމަށެވެ.
އެނގުން މުހިންމު - މި މައްސަލަ ބައްލަވަމުން ގެންދަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ އަންނަ ނޮވެމްބަރު 17ގައި މި ލިޔެކިޔުންތައް ޝަރީއަތަށް ބަލައިގަތުމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވަމުންނެވެ.
-
އިތުރަށް ކިޔާލަން - 'އާރަށް ނުއަގުގައި ދިނީ ޔާމީން އެދިގެން؛ ބަދަލުގައި 1 މިލިއަން'