މީގެ ކުރިން ހައި ކޯޓުގައި ކުރިއަށްދިޔަ އާރަށް އިސްތިއުނާފް އަޑުއެހުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ދައުލަތުގެ ވަކީލުން ވާހަކަދައްކަނީ
އާ ހެކީގެ މައްސަލަ: 'ދައުލަތުން އުޅެނީ ހީލަތްތެރިކަމާ އެކު ގާނޫނުގައި ނެތްކަމެއް ކުރަން'
ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް އާ ހެކި ބަލައިނުގަންނަން ހައި ކޯޓުން އަންގާފައިވާ އެންގުން ބަދަލުކުރަން ދައުލަތުން އުޅެނީ ގާނޫނުގައި ހުޅުވައިދީފައި ނުވާ ދޮރެއް ހީލަތްތެރިކަމާ އެކު ފަނޑިޔާރުގެ ބޭނުންކޮށްގެން ހުޅުވުމަށް ކަމަށް ޔާމީންގެ ފަރާތުން މިއަދު ކޯޓުގައި ބުނެފި އެވެ.
ވީ ކިހިނެއް؟ - އާރަށު މައްސަލާގައި ޔާމީނަށް އިއްވި 11 އަހަރުގެ ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ހައި ކޯޓުން އެންގީ މިދިޔަ 18 އެޕްރީލްގަ އެވެ.
ދަށު ކޯޓުން މި މައްސަލަ އަލުން ބަލާއިރު ރިއާޔަތްކުރަން ޖެހޭ ކަންތައްތަކެއް ހައި ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވެ އެެވެ. އޭގެތެރެއިން އެއް ކަމަކީ:
-
ޝަރީއަތް ކުރިއަށް ދަނިކޮށް ދައުލަތުން ހުށަހެޅި އާ ހެކިތަކެއް ބަލައިގެންފައި ވަނީ އިޖުރާއަތާ ހިލާފަށް ކަމުން އެ ހެކި އެއްފަރާތްކޮށް މައްސަލާގައި ގޮތެއް ނިންމުމަށް
ދައުލަތުން ހުށަހަޅާ އާ ހެކިތައް އެއްފަރާތްކުރުމަށް ހައި ކޯޓުން އަންގާފައިވާ އެންގުމުގެ ބައި ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. މި މައްސަލާގައި ދައުލަތުގެ ދިފާއަކީ އެ ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުން ނިންމި އިޖުރާއަތަކީ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު އިސްލާހު ކުރެވިދާނެ އިޖުރާއަތެއް ކަމަށެވެ.
ވީ ކިހިނެއް؟ - ދައުލަތުގެ އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި މިއަދުގެ އަޑުއެހުމުގައި ޔާމީންގެ ވަކީލު މުހައްމަދު ޖަމީލު އަހުމަަދު ވިދާޅުވީ ދައުލަތުން ސުޕްރީމް ކޯޓަށް އައިސްގެން ކުރަން އުޅޭ ކަމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވަކި މަރުހަލާއެއްގައި ކުރަން އޮތް ކަމެއް އޭރު ނުކުރައްވާ މާ ފަހުގެ މަރުހަލާއެއްގައި އެކަން ކުރަން "ގާނޫނުގައި ހުޅުވައިދީފައި ނުވާ ދޮރެއް ހުޅުވުން" ކަމަށެވެ.
"އެ މަރުހަލާ ނިމިގެން ދިޔައީމާ ހެކި ނަގާ މަރުހަލާގައި ކްރޮސް އެގްޒަމިންތެރޭގައި ކުރަން ޖެހޭ ކަންކަން ނުކުރައްވާ ފަހުން ގެއަަށް ވަޑައިގެން އެކަމާ ގުޅޭ ގޮތުން ފަހުން ހެކިތަކެއް ހިފައިގެން ވަޑައިގަތީއޭ. ވަޑައިގެން [ގާނޫނުގައި ނެތް] ދޮރެއް ހުޅުވަންށޭ އެ މަސައްކަތް ކުރެއްވީ،" ޖަމީލު ވިދާޅުވި އެވެ.
"ހައި ކޯޓުން ވެސް ޖުމްލަ ގޮތެއްގައި މި ބުނަނީ އެއީ ޖިނާއީ އިޖުރާއަތުގެ 135 ވަނަ މާއްދާ ބޭނުންކޮށްގެން ކުރެވޭނެ ކަމެއް ނޫނޭ،" ޖަމީލު ވިދާޅުވި އެވެ.
ޖަމީލު ވިދާޅުވީ:
-
ދައުލަތުން އެދޭގޮތަށް އާ ހެކިތައް ހުށަހަޅަން ފުރުސަތުދީފި ނަމަ ސީދާ ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާ ހިލާފުވެގެން ދިއުން
-
އޭރުން ޖިނާއީ އިޖުރާއަތުގެ 135 ވަނަ މާއްދާ ބޭނުންކޮށްގެން ސީދާ ގާނޫނުގައި ނުކުރެވޭނެ ކަމެއް ކުރުމުގެ ދޮރު ހުޅުވޭނެ
-
އެ މާއްދާ ބޭނުންކޮށްގެން ކްރިމިނަލް ކޯޓުން ގޯސްކޮށް ހުކުމެއް ކޮށްފައިވާކަން ހައިކޯޓުގެ ނިންމުމުގައި ވެސް ފާހަގަކޮށްފައިވޭ
-
މި މައްސަލާގައި ދައުލަތުން ކުރައްވާ ބަހުސްއަކީ ގާނޫނީ ހަމަތަކުގެ މަތިން މި ކޯޓުގައި ކުރިއަށް ގެންދެވޭނެ ބަހުސެއް ނޫން
މިއަދުގެ އަޑުއެހުމުގައި ޔާމީންގެ ވަކީލު ހަމްޒާ ލަތީފް ވެސް ވިދާޅުވީ ދައުލަތުން ކުރަން އުޅޭ ކަމަކީ އިބްތިދާއީ މަރުހަލާގައި ހެދިފައި އޮތް ގޯހެއް އިސްލާހުކުރަން ގާނޫނުގައި ނެތް އިޖުރާއަތެއްގެ ތެރެއިން އެކަން ކުރުން ކަމަށެވެ.
"ވެގެން މިއުޅޭ ގޮތަކީ އިބްތިދާއީ މަރުހަލާގައި ކުރަންޖެހޭ ކަމެއް [ދައުލަތަށް] ނުކުރެވުނީމަ އެކަން ކުރާނެ ގޮތެއް ދައުލަތުން ބޭނުންވާ ގޮތަށް ނެތީމާ ގާނޫނަށް އީޖާދީ މާނައެއް ދީގެން [ކުރަން]،" ހަމްޒާ ވިދާޅުވި އެވެ.
ދަށު ކޯޓުގައި އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލެއް ދެއްވަމުން ހަމްޒާ ވިދާޅުވީ އޭރު އެ ކޯޓުގައި އޮތް މައްސަލައިގެ ޝަރީއަތް ނިމިނިމި އޮއްވާ އާ ހެކިތަކެއް ހުށަހަޅަން ދައުލަތުން މަސައްކަތް ކުރެއްވީ ހަމައެކަނި ހެކިވެރިން ދެއްކި ވާހަކައެއްގެ ތެދުދޮގު ސާބިތުކޮށްދިނުމަށް ނޫން ކަމަށެވެ. އޭރު ހުށަހެޅި ހެކިތަކުގެ ތެރޭގައި ދައުލަތަށް ހެދުނު ގޯހެއް އިސްލާހުކުރަން ހުށަހެޅި ހެއްކެއް ވެސް ހިމެނޭ ކަމަށް ހަމްޒާ ވިދާޅުވި އެވެ.
އެގޮތުން ހަމްޒާ ވިދާޅުވީ:
-
ފުރަތަމަ ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ސޮއިނުކުރާ ލިއުންތަކެއް ހުރުމުން އެކަން ދިފާއުން ފާހަގަކުރުމުން އެ ގޯސް ރަނގަޅުކުރަން ފަހުން ހެކި ހުށަހެޅި
-
ދެން ހުށަހެޅި އާ ހެއްކަކީ ޔާމީންއާ އެއްކޮޅަށް މާލޭ ސިޓީގެ އޭރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކޯޓުގައި ދިން ހެކިބަހެއް ދޮގުކުރަން ހުށަހެޅި ހެއްކެއް؛ ދައުލަތުން ހިތްހަމަ ނުޖެހުނީ ނަރީޝްގެ ހެކިބަހުގައި ވަކި ކަމެއް އޭނާ ކުރި ކަމަށް ބުނާ ގަޑި ކަށަވަރުނުވާތީ
-
ދައުލަތުން ބޭނުންވީ އެގަޑީގައި އޭނާ ހުރީ ޑިއުޓީގައި ކަން ސާބިތުކޮށްދޭން؛ އެހެންވެ، އޭނާގެ ޑިއުޓީ ޝެޑިއުލް ހެއްކެއްގެ ގޮތުގައި ހުށަހެޅި
ހަމްޒާ ވިދާޅުވީ އެ ހެކިތައް ހުށަހަޅަން ކްރިމިނަލް ކޯޓުން ހުއްދަދިނުމުން ޖިނާއީ އިޖުރާއަތުގެ ދަށުން އެކަމަކީ ކުރެވޭނެ ކަމެއް ނޫންކަމުގެ އިއުތިރާޒް އޭރުވެސް ހުށަހަޅާފައިވާނެ ކަމަށެވެ. ޖިނާއީ އިޖުރާއަތުގައި ހެކި ހުށަހެޅުމުގެ ވަކި ތަރުތީބުތަކެއް އޮންނަ ކަމަށާއި އެހެން އެކަން އޮންނަނީ އިންސާފު ކަށަވަރުކޮށްދިނުމަށް ކަމަށް ހަމްޒާ ވިދާޅުވި އެވެ.
ހަމްޒާ ވިދާޅުވީ:
-
ގާނޫނު ބުނާގޮތުން ދެ ފަރާތުން ހެކި ހުށަހަޅާ ނިންމަން ޖެހެނީ އިބްތިދާއީ މަރުހަލާގައި
-
ޝަރީއަތް ހިނގަމުން ދަނިކޮށް ހެއްކަކު ދައްކާ ވާހަކައަކަށް ރައްދު ދިނުމުގެ ގޮތުން އާ ހެއްކެއް ހުށަހެއް ނޭޅޭނެ؛ އެއީ ދުނިޔޭގެ އެއްވެސް ތަނެއްގެ ޝަރީއަތެއްގައި ކުރާ ކަމެއް ނޫން
-
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެގޮތަށް ހެކި ހުށަހަަޅަން ފުރުސަތު އޮންނަ ހަމައެކަނި ހާލަތަކީ ޝަރީއަތް ނިމުމުން
"މި ހާލަތުގެ ވާހަކަވެސް ދަށު ކޯޓުގައި އަޅުގަނޑުމެން ދެއްކީމާ ދައުލަތުން އޭރު ވިދާޅުވީ ތިމަންނަމެން މިއުޅެނީ އާ ހެކި ހުށަހަޅާކަށް ނޫނޭ. ތިމަންނަމެން މިއުޅެނީ ކްރެޑިބިލިޓީ އިންޕީޗުކުރަންވެގެންނޭ. އެހެންވީމާ މިހާރު ކިހިނެއްތޯ މި ކޯޓަށް އައިސް އާ ހެއްކެއް ހުށަހަޅަން ބަހުސްކުރާނީ. ނޯންނާނެ އެ ބަހުސް ކުރެވޭކަށް،" ހަމްޒާ ވިދާޅުވި އެވެ.
ހަމްޒާ އިތުރަށް ވިދާޅުވީ ދަށު ކޯޓުގައި އެ މައްސަލަ ކުރިއަށް ދިޔައިރު ދައުލަތުން ބޭނުންވި ކަންކަން ކުރަން ވަރަށް ފުޅާކޮށް ފުރުސަތު ދިން ކަމަށެވެ. ކްރޮސް އެގްޒާމް ކުރަން ދިން ފުރުސަތުގައި ވެސް އަހުމަދު ނަރީޝްއާ ވަަރަށް ފުޅާކޮށް ކްރޮސް އެގްޒާމް ކުރައްވާފައިވާ ކަމަށް ހަމްޒާ ވިދާޅުވި އެވެ.
"އެހެންވީމާ މިހާރު މިކުރަން އުޅޭ ކަމެއް އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ. އަދި މިފަދަ އިއްޒަތްތެރި ކޯޓަކުން. ދުސްތޫރީ މައްސަލަތައް ބަލައި ކޯޓަކުން ދައުލަތުން މި ވިދާޅުވާ ހީލަތަށް، ހައި ޕޮލިޓިކަލް ބަހުސެއްގެ މައްޗަށް ބިނާކޮށް ދައުލަތުން މި ހައްދަވަން އުޅުއްވާ ހީލަތަށް އަޅުގަނޑު އުންމީދުކުރަން އެ ފުރުސަތު ނުދެއްވާނެ ކަމަށް،" ހަމްޒާ ވިދާޅުވި އެވެ.
އެނގުން މުހިންމު - ހައި ކޯޓުން އެއްފަރާތްކުރަން އަންގާފައިވާ އާ ހެކިތަކަކީ ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއްކަން ސާބިތުކުރުމަށް ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތައް ނަފީކުރަން ދައުލަތުން ހުށަހެޅި ހެކިތަކެކެވެ.
މިހާރު މައްސަލަަ ޖެހިގެން އުޅޭ އާ ހެކިތަކުގެ ތެރޭގައި އެއީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއްކަން ސާބިތުކުރަން ޔާމީންގެ ފަރާތުން ހުށަހެޅި ނަރީޝްގެ ހެކިބަސް ދޮގުކުރަން ދައުލަތުން ހުށަހެޅި ހެކިތަކެއްވެ އެވެ. ޔާމިންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގައި ކްރިމިނަލް ކޯޓުން ވަނީ ނަރީޝްގެ އެ ހެކި ބަހަކީ، ދޮގު ހެކި ބަހެއް ކަމަށް ކަނޑައަޅާފަ އެވެ.
ފަސް މަންޒަރު - ދައުލަތުން ބުނަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމަށް ޔޫސުފް ނައީމްގެ އަތުން 1 މިިލިއަން ޑޮލަރުގެ ރިޝްވަތު ޔާމީން ނަންގަވައި އެ ފައިސާ، ރައީސް ކަމުގައި ހުންނަވައިގެން، އެ މަނިކުފާނު ލޯންޑާ ކުރެއްވި ކަމަށެވެ.
އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްކަން ސާބިތުކޮށްދޭން ނަރީޝް 2022ވަނަ އަހަރުގެ ސެޕްޓެމްބަރު މަސްތެރޭ ދިން ހެކިބަހުގައި ވިދާޅުވީ ޔޫސުފް ނައީމްގެ އަތުން ޔާމީން ބައްލަވައިގަތީ 1 މިލިއަން ޑޮލަރު ކަމަށާއި، އެއަށްވާ 15 މިލިއަން ދިވެހި ރުފިޔާ ނައީމްއާ ހަވާލުކޮށްދެއްވަން އެ ދުވަހު އެދިވަޑައިގެން ކަމަށެވެ.
ނަރީޝްގެ ހެކިބަހުގައި ވިދާޅުވީ:
-
އެ ފައިސާ ހުރީ ދެ ދަބަހުގައި
-
ފައިސާތައް ހުރީ 500ރ.ގެ ނޫޓުން
-
ޔާމީންގެ ކުރިފުޅުމަތީގައި ދޫވެހީގައި އެ ފައިސާ ގުނީ އޭނާ އާއި އަދި އިތުރު މީހެއްގެ އަތުން؛ ފައިސާތައް ގުނަން ހޭދަވީ ކިހާ ވަގުތެއް ކަމެއް އޭނާއަށް ބުނެެއެއް ނުދެވޭ
-
އެ ފައިސާތައް ގުނުމަށް ފަހު ދެ ދަބަހަކަށް އަޅައިގެން ކާރެއްގައި ގެންގޮސް ޔޫސުފް ނައީމްގެ ގޭގައި އޭނާއާ ފައިސާ ހަވާލުކުރި
-
ޔޫސުފް ނައީމް ވެސް ފައިސާ ގުނުމަށް ފަހު، އެ މުއާމަލާތުގެ ލިޔުމުގައި ސޮއިކުރެއްވި
ކޮމެންޓް