55 ކައުންސިލް އިމާރާތް ކުރުމުގެ މަސައްކަތް، ސަރުކާރުން އާރުސީސީއާ ހަވާލުކުރަން މިދިޔަ އޮގަސްޓުގައި ބޭއްވި ރަސްމިޔާތުގެ ތެރެއިން

ކައުންސިލް އިމާރާތްތަކެއް އަޅަން އާރުސީސީއަށް ދިން މައްސަލަ އޭސީސީން ބަލަނީ

ބިޑަކަށް ހުޅުވައި ނުލައި، ދެގުނަ ބޮޑު އަގެއްގައި އާރްސީސީއާ އެ މަޝްރޫއު ހަވާލުކޮށްފައިވާކަމުގެ ތުހުމަތު ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮށްފައިވޭ؛ އަދި އެ މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރުން އާރްސީސީއަށް ދިން ގެރެންޓީއެއްގައި ބީއެމްއެލް އިން ލޯނެއް ނަގައިގެން ކަމުގެ ތުހުމަތު ވެސް ކުރެއްވި

ކައުންސިލް އިމާރާތްތަކެއް އެޅުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލު ކުރީ ދެ ގުނަ ބޮޑު އަގެއްގަައި ކަމުގެ ތުހުމަތުތައް ކޮށްފައިވަނިކޮށް، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ކޮންޓްރެކްޓާ ފައިންނޭސް އުސޫލުން 55 ރަށެއްގައި ކައުންސިލް އިދާރާގެ އިމާރާތް އަޅަން، އާރުސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ މަހު އެވެ.

 އާންމުކޮށް އިއުލާން ނުކޮށް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ މަޝްރޫއު ހިންގަން އާރުސީސީއަށް ދީފައިވަނީ 631 މިލިއަން ރުފިޔާާ އަށެވެ. އާރުސީސީއަށް އެ މަޝްރޫއު ދިނީ، އަގު ހުށަހެޅި ހަތަރު ފަރާތުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހެޅީ އެ ކުންފުނިން ކަމަށްވާތީ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު، އެ މަޝްރޫއު އާރްސީސީއަށް ދިނުމުން ފާޑުކިޔާފައިވަނީ: 

  • އާރްސީސީއަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ނާޒިމްގެ ކުންފުންޏަކަށްވާތީ

  • އެ މަޝްރޫއު ބިޑަކަށް ހުޅުވައި ނުލައި، ދެގުނަ ބޮޑު އަގެއްގައި މަސައްކަތް ހަވާލުކޮށްފައިވާތީ؛ އެފަދަ މަޝްރޫއުއަކަށް ދާނީ ގާތްގަނޑަކަށް 225 މިިލިއަން ރުފިޔާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވޭ

  • އެ މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރުން އާރްސީސީއަށް ދިން ގެރެންޓީއެއްގައި ބޭންކު އޮފް މޯލްޑިވްސް އިން ލޯނެއް ނަގައިގެން ކަމުގެ ތުހުމަތު ވެސް ޔާމީން ކޮށްފައިވޭ

ބުނީ ކީކޭ؟ - އެ މައްސަލަ ތަހުގީގު ކުރަމުންދާކަން އޭސީސީން މިއަދު 'ދައުރު'އަށް ޔަގީންކޮށްދިނެވެ. އެކަމަކު "ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ" އެކަމާ ގުޅޭ ތަފްސީލުތައް ދޭން އޭސީސީން އުޒުރުވެރިވި އެވެ. އެހެންވެ، މައްސަަލަ ބަލަން ފަށާފައިވާ ތާރީހާއި މައްސަލަ ބަލަމުންދަނީ އަމިއްލަ އިސްނެގުމުގެ މަތިންތޯ ނުވަތަ އަމިއްލަ މީހަކު ހުށަހަޅައިގެންތޯ ވެސް ސާފެއް ނުވެ އެވެ.

އެނގުން މުހިއްމު- ޖުމްލަ 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ ރަސްމީ ރޭޓުން) ހަރަދުކޮށްގެން، ސަރުކާރުން ފަށަން ނިންމާފައިވާ މި މަޝްރޫއު އެންމެ ފުރަތަމަ ހަވާލު ކުރީ، މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާ އެވެ. އެކަމަކު މިދިޔަ ޖެނުއަރީ މަހު ސޮއި ކުރި އެ އެއްބަސްވުން ޖުލައި މަހު ވަނީ އުވާލާފަ އެވެ.

ސަރުކާރުގެ ބައެއް މަޝްރޫއުތައް ބިޑަށް ހުޅުވާނުލައި، ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް މާލިއްޔަތު ގަވައިދު އިސްލާހުކުރީ މި ސަރުކާރުގެ ކުރީކޮޅު ޑިސެމްބަރު 2023ގަ އެވެ.

އެ މަސައްކަތް އާރްސީސީއާ ހަވާލުކުރީ:

  • މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ މަހުގެ ތެރޭގައި ފަށާ ގޮތަށް

  • މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިންމާގޮތަށް

  • މި މަޝްރޫއުގެ ދަށުން އެ ކުންފުނިން، ކައުންސިލްތަކުގެ ފަރުނީޗަރު ހޯދައި، ވަށާފާރު ވެސް ރާނާނެ

ކޮމެންޓް (1)

ޖަޑިބު

22 ސެޕްޓެމްބަރު 2025
ބަލަންވީ. ކެރެންޏާ ކުރިން މިމަސައްކަތް ހަވާލުކުރިބަޔަކުވެސް ހޯދަންވީ. ނިކަން މިނިވަންނޫސްވެރިންވިއްޔާ ލިޔެލަބަލަ. ފައިބައިގެންދިޔަ ސަރުކާރުން އެކަންކުރިގޮތް. މިނިވަނޭކިޔައިގެން ތިޔަތެޅެނީ. މިނިވަނެއްނޫން އަޅުންތީ
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް