ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ކައުންސިލް އިމާރާތްތައް އަޅަން އާރުސީސީއަށް ދިނުމުން ޔާމީން ފާޑުވިދާޅުވެއްޖެ

ކޮންމެ މައްސަލައެއް މަޖިލީހަށް ނުގޮސް، ޖަވާބުދާރީ ކުރެވޭނެ ނިޒާމަކަށް ބަދަލު ކުރަން ވެއްޖެ ކަމަށް ވިދާޅުވެ، ހިންގުމުގެ ނިޒާމަށް ޔާމީން ފާޑުވިދާޅުވި

ކައުންސިލް އިމާރާތްތަކެއް އެޅުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލު ކުރީ ދެ ގުނަ އަގުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ތުހުމަތު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އެ މަނިކުފާނުގެ ޕާޓީ، ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ރޭ ވިދާޅުވީ 55 ރަށެއްގައި ކައުންސިލް އިމާރާތްތައް އަޅަނީ ދެ ގުނަ އަގުގައި ކަމަށާއި އާންމުކޮށް އޭގެ އިމާރާތެއްގެ އަގަކީ 4-5 މިލިއަން ރުފިޔާ ކަމަށެވެ.

ތަފްސީލް - ކައުންސިލް އިމާރާތްތައް އެޅުމަށް އާރުސީސީއާ ހަވާލު ކުރީ 631 މިލިއަން ރުފިޔާާއަށް ކަމަށާއި އެއީ އަގު ހުށަހެޅި ހަތަރު ފަރާތުގެ ތެރެއިން އެންމެ ކުޑަ އަގު ހުށަހެޅި ކުންފުނި ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފަ އެވެ.

ޔާމީން ރޭ ވިދާޅުވީ، އާރުސީސީއާ އެ މަސައްކަތް ހަވާލު ކުރީ ބިޑަކާ ނުލާ ކަމަށާއި އެއީ ކޮރަޕްޝަނުގެ އަމަލެއް ކަމަށެވެ.

"ސަރުކާރުން ނެގޯޝިއޭޓުކުރަން ވާނެ. ސަޕްލަޔާ ކްރެޑިޓްގައި މިކަން ކުރި ނަމަވެސް ދެ ގުނަ އަގުބޮޑުކޮށް ކޮށްގެން ނުވާނެ. މިއީ ބޮޑު ކޮރަޕްޝަނެއް،" ޔާމީން ވިދާޅުވި އެވެ.

އެ މަޝްރޫއާ ގުޅޭ ގޮތުން އާދަމް ޝަރީފް އިއްޔެ ވިދާޅުވީ:

  • އާރުސީސީއަށް އެ މަސައްކަތް 631 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ވަނީ އެ އޮފީސްތަކަށް ބޭނުންވާ ފަރުނީޗަރާއި ވަށާފާރު ވެސް ރާނާ ގޮތަށް

  • އެ މަޝްރޫއަށް އެންމެ ކުޑަ އަގު ހުށަހެޅީ އާރުސީސީން ކަމަށްވުމުން، އެ ކުންފުންޏަށް މަޝްރޫއު ދީފައި ވަނީ ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލް (އީސީ)ން ނިންމައިގެން

"ޕްރޮޕޯސަލް ހުށަހެޅި ހަތަރު ކުންފުނީގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހެޅި ކުންފުންޏާ އެކު ކުރިއަށްދާން އީސީއަށް ހުށަހަޅައި އެ ހުއްދައަށް ފަހު އާރުސީސީއާ އެކު ވާހަކަ ދައްކައި އަނެއްކާވެސް އީސީއަށް ހުށަހަޅައި ހުއްދަ ދިނުމުން ކުރިިއަށް ގެންދިޔައީ. އެއީ މާލިއްޔަތު ގަވައިދުން ހުއްދަ ކުރާ ކަމެއް،" ބިޑަށް ހުޅުވާނުލި ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން އާދަމް ޝަރީފް ކުރެއްވި މެސެޖްގައި ވިދާޅުވި އެވެ.

ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި، އާރުސީސީން އެ މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރުން އެ ކުންފުންޏަށް ދިން ގެރެންޓީއެއްގައި ބޭންކު އޮފް މޯލްޑިވްސް އިން ލޯނެއް ނަގައިގެންނެވެ.

"ޕްރައިވެޓު ވިޔަފާރިއަކަށް ސަރުކާރުން ޖާމިނުވާން ޖެހެނީ ކީއްވެގެން؟ ސަރުކާރުން ޖާމިނު ވެގެން ބީއެމްއެލް އިން 600 މިލިއަން ރުފިޔާ ބީއެމްއެލް އިން އާރުސީސީއަށް މިއަދު ދޫކޮށްފި. މި ފައިސާ މި ލިބުނީ ނޫންތޯ؟ ދެން ކޮން ސަޕްލަޔާ ކްރެޑިޓެއް؟،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ 55 ރަށުގައި ކައުންސިލް އިމާރާތްތައް އަޅަން ދާނީ ގާތްގަނޑަކަށް 225 މިލިއަން ރުފިޔާ ކަމަށެވެ.

"ފަސް ގުނަ ޖައްސާލާފައި މި ދެނީ އާރުސީސީއަށް. އެ އެޕްރޫވް ކުރަން ހުރީ އަނެއް އާރުސީސީ. އެއީ ބަންޑާރަ ނައިބު [އަހުމަދު އުޝާމް]،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ ކައުންސިލް އިންތިހާބާ ދިމާކޮށް މި މަޝްރޫއު ކުރިއަށް ގެންދާތީ އެކަމާ ވެސް ސުވާލު އުފައްދަވައިފަ އެވެ.

'މަޖިލީހަށް ނުގޮސް، ޖަވާބުދާރީ ކުރެވޭނެ ނިޒާމަކަށް ބަދަލު ކުރަން ވެއްޖެ'

ޔާމީން ވިދާޅުވީ ރާއްޖޭގައި ނިޒާމުގެ މައްސަލަ އެބައޮތް ކަމަށާއި ނިޒާމު ހިންގަން ތިބި މީހުންގެ އަދުލުވެރިކަމާއި އެ މީހުންގެ މަސައްކަތުގެ އަހުލިއްޔަތު ނެތުމަކީ އެންމެ ބޮޑު މައްސަލަ ކަމަށެވެ.

"ކޮންމެ މުއައްސަސާއެއްގެ މައްސަލައެއް، މުއައްސަސާއެއްގައި ހުންނަ އިސް މީހަކު ކަމެއް ކުރިތޯ ނުކުރޭތޯ، ގޯސް ހެދިތޯ ނުހެދިތޯ، މިއިން ކޮންމެ ކަމެއް ބަލަން ދާން މި ޖެހެނީ ރައްޔިތުންގެ މަޖިލީހަށް. ރައްޔިތުންގެ މަޖިލީހަކީ މިއަދުގެ އޮޅުހިޔާ ފެސިލިޓީއެއް. ކޮންމެ ރައީސަކު އައިސް ވެސް މި ބަލަނީ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ލިބޭތޯ،" ޔާމީން ވިދާޅުވި އެވެ.

"އެހެންވީމާ ރައްޔިތުންގެ މަޖިލީހަށް މިކަންތައް ރިފާ ކުރާ ކުރުން މިއަދުގެ މައްސަލައަކީ. އެހެންވެ ނިޒާމުގެ މައްސަލައެއް އުޅެޔޭ އަޅުގަނޑު މި ދަންނަވަނީ."

ޔާމީން ވިދާޅުވީ ފަނޑިޔާރުންނާއި މިނިވަން މުއައްސަަސާތައް ވެސް ޒިންމާދާރު ކުރުވަނީ މަޖިލީހުން ކަމަށާއި މަޖިލީހުގައި ތިއްބަވަނީ "ހެސްކިޔާފައި ކަޓުނަންގަވާ ބޭފުޅުން" ކަމަށެވެ.

"ދެން އެއިން މީހެއްގެ މައްސަލައެއް ބެލޭ ތަނަކަށް ނުވޭ މިއިން މުއައްސަސާއަކީ،" ބޭނުންވަނީ އަދުލުވެރި، ދެފުށްފެންނަ، އިންސާފުވެރި ގޮތަކަށް ކަންތައް ކުރެވޭޭނެ ނިޒާމެއްކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މިހާރު އޮތް ނިޒާމު ގެނައީ އޭގެ ނާޖައިޒު ފައިދާ ނަގާނެ ކަމަށް ބަލައިގެން ނޫން ކަމަށެވެ.

"މި ނިޒާމުގެ ނާޖައިޒު ފައިދާ، އެކްސްޕްލޮއިޓޭޓިވް އެޑްވާންޓޭޖު މިހާރު މި އަންނަ މީހުން ނަގައިފި. ހާއްސަކޮށް ރައީސަކަށް ހުންނަ މީހަކު އެކަން އެގޮތަށް ކުރަންޏާ ކުރެވެނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ކޮންމެ މައްސަލައެއް މަޖިލީހަށް ނުގޮސް، ޖަވާބު ދާރީ ކުރެވޭނެ ނިޒާމަކަށް ބަދަލު ކުރަން ވެއްޖެ ކަމަށެވެ.

"ރައީސަކަށް އަންނަ މީހަކު މުޅި ނިޒާމު ހިސޯރުކޮށްގެން އޭނާގެ މުށަށް ހުރިހާ ބާރެއް ކަހާލައިގެން ހުދުމުހުތާރު ވެރިޔަކަށްވީމާ، މި ނިޒާމުގެ ތެރެއިން ދެވޭނެ ފަރުވާއެއް ހޯދޭނެ ފަރުވާ އެއް ނޯންނާނެ،" ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް (2)

ބޮޑާބެ

18 އޯގަސްޓު 2025
އެހެންވީމާ ޔާމީނަކީ ރައްޔިތުންނަށް ހެޔޮއެދޭ މީހެއްކަމަކަށް ގަބޫލެއްނުކުރެވޭ. ތިޔަބުނާ އަގަށް އެކަންކޮށްދެން ކީއްވެތޯ ކުރިމަތިނުލީ .
0 0

އަދިއްލެ

18 އޯގަސްޓު 2025
ބައްލަވާ! ރައީސް ނަޝީދު ވިދާޅުވި ގޮތަށް ކިތަންމެ ގޯސް ވެރިއަކަށްވެސް ގޯހެއް ނުހެދޭވަރަށް ވެރިކަން ހިންގޭނެ ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު. ދިވެހިރައްޔިތުން މި ވެރިކަމުގެ ކިލަބު ފިލުވަން ބޭނުންނަަމަ ހަމަ އެކަނި ގޮތަކީ ބަރުލަމާނީ ނިޒާމަށް ފުރޮޅާލުން. އަދި ވެރިކަން ބަރުލަމާނީ ނިޒާމުގައި ކުރުން. ނޯ އަދަ ޗޮއިސް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް