17 ސެޕްޓެމްބަރު 2025: އެމްޖޭއޭ އިން ކޮންޓްރޯލް ބިލް މަޖިލީހުން ފާސް ކުރުމާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

އެމްޖޭއޭ

ބިލު ތަސްދީގު ކުރުން އެމްޖޭއޭ އިން ކުށްވެރިކޮށްފި

އެމްޖޭއޭ އިން ބުނީ ގާނޫނަށް އަމަލު ކުރަން ފެށި ނަމަވެސް ދިވެހި ނޫސްވެރިން ބިރު ނުގަންނާނެ ކަމަށް
18 ސެޕްޓެމްބަރު 2025

މީޑިއާތައް ކޮންޓްރޯލު ކުރާ ބިލު ތަސްދީގު ނުކުރެއްވުމަށް މީޑިއާތަކުންނާއި ނޫސްވެރިން އަދި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ވެސް ގޮވާލަމުން ދަނިކޮށް، އެ ގޮވާލުންތަކަށް ބީރު ކަންފަތެއްދީ މީޑިއާތައް ކޮންޓްރޯލު ކުރާ ބިލު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވާފައިވާތީ އެކަން ނޫސްވެރިންގެ ޖަމްއިއްޔާ އެމްޖޭއޭ އިން ކުށްވެރިކޮށްފި އެވެ.

ވީ ކިހިނެއް؟ - މީޑިއާތައް ކޮންޓްރޯލު ކުރާ ބިލު ތަސްދީގު ކުރުން ކުށްވެރިކޮށް އެމްޖޭއޭ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ، މީޑިއާތައް ކޮންޓްރޯލު ކުރާ ބިލާ ދެކޮޅަށް އުފުލަމުން ދިޔަ އަޑުތަކަށް ބީރު ކަންފަތެއްދީ، ރައީސް އެ ބިލު ތަސްދީގު ކުރެއްވުމުން ހިތާމަ ކުރާ ކަމަށެވެ.

ތަފްސީލް - އެ ބަޔާނުގައި ބުނީ، މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ އަދި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ލިބުނު ހީނަރުކަމެއް ކަމަށެވެ.

މިއީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް، މީޑިއާތައް ކޮންޓްރޯލު ކުރުމުގެ ބާރު ނެގުމުގެ ގޮތުގައި އެމްޖޭއޭ އިން ސިފަކުރެ އެވެ.

އެ ބަޔާނުގައި ބުނީ: 

  • އާ ގާނޫނާ އެކު ވުޖޫދަށް އަންނަ ކޮމިޝަނަކީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ޖެހިފައިވާ ކޮމިޝަނަކަށް ވާނެ

  • ވެބްސައިޓްތައް ބްލޮކްކުރުމާއި ބްރޯޑްކާސްޓިންް ލައިސަންސްތައް ބާތިލުކުރުމާއި އެކަށީގެންވާ އިޖުރާއަތުތަކެއް ނެތި ބޮޑެތި އަދަބުތައް ކަނޑައެޅުމުގެ ބާރު އެ ކޮމިޝަނަށް ލިބޭ

  • މިއީ ނޫސްވެރިން ބިރު ގަންނަވައި، ސެލްފް ސެންސާޝިޕް ކުރުވުމަށް ކުރި ކަމެއް

އެމްޖޭއޭ އިން ބުނީ ގާނޫނަށް އަމަލު ކުރަން ފެށި ނަމަވެސް ދިވެހި ނޫސްވެރިން ބިރު ނުގަންނާނެ ކަމަށެވެ.

 ގާނޫނާ ދެކޮޅަށް ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށާއި ގާނޫނު އަސާސީއާ ހިލާފަށް ގެނައި  ގާނޫނަށް ގޮންޖެހުމަށް ބޭނުންވާ ހުރިހާ މަގުތަކެއް ބަލައި، ނޫސްވެރިންނާއި މަދަނީ ޖަމްއިއްޔާތަކާ އެކު މަސައްކަތްކުރާނެ ކަމަށް ވެސް އެމްޖޭއޭ އިން ބުންޏެވެ.

ފާހަގަ ކުރެވޭ - ސަރުކާރުގެ ބާރު ފޯރުވޭ ކޮމިޝަނަކަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ގާނޫނަކަށްވި ނަމަވެސް އެ ގާނޫނު ބަލައިނުގަންނާނެ ކަމަށް އެމްޖޭއޭ އިން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް