ދޮންފަނު މަތިން (ފޮޓޯ/ މޯލްޑިވްސް ވާޗުއަލް ޓުއާ)

ބ. ދޮންފަނު

ދޮންފަނު ފަޅާއި ކަނޑުން ބައެއް ބަންދުކުރި އިއުލާން އެލްޖީއޭން ބާތިލްކޮށްފި

ކައުންސިލުން ބުނީ ދޮންފަނުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ފީނުމާއި ޑައިވިން ވަގުތީ ގޮތުން މަނާވާނެ ކަމަށް
12 ސެޕްޓެމްބަރު 2025

ބ. ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ސަރުކާރުން ނިންމުމާ ދެކޮޅަށް ކަނޑުމަތީގައި ސިލްސިލާ މުޒާހަރާތަކެއް ކުރާތީ އެ ރަށުގެ ފަޅުތެރެއިންނާއި ކަނޑުން ބައެއް ސަރަހައްދު ބަންދުކުރަން ކައުންސިލުން ނެރުނު އިއުލާން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިރޭ ބާތިލްކޮށްފި އެވެ.

ވީ ކިހިނެއް؟ - ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި އޮންނަ ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ރައީސް މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ ބ. އަތޮޅަށް މިދިޔަ މަހު ކުރެއްވި ދަތުރުފުޅުގައި ދޮންފަނު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ނަމަވެސް އެ މަޝްރޫއުގެ ސަބަބުން ބަޔޮސްފިއާ ރިޒާވްގެ ދިރުންތަކަށް ގެއްލުން ލިބި ރާއްޖޭގެ ޓޫރިޒަމަށް ވެސް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށް ބުނެ އާންމުންނާއި ތިމާވެއްޓާ ގުޅުން ހުރި ޖަމްއިއްޔާތަކުން ފާޅުކުރަން ފެށި ކަންބޮޑުވުންތަކާ އެކު، އެ މަޝްރޫއު ކުރިއަށް ނުގެންދަން ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.

އެ ކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ދޮންފަނު ކައުންސިލުން އިއުލާންކުރީ އެރަށުގެ ފަރުން ފެށިގެން 700 މީޓަރު ކަނޑުގެ ސަރަހައްދުގައި ފީނުމާއި ޑައިވިން ވަގުތީ ގޮތުން މަނާ ކަމާއި އެއީ މުޒާހަރާގެ ވަގުތު އެ ކަން ކުރާނަމަ ނުރައްކަލެެއް ކުރިމަތިވެދާނެތީ ކަމަށެވެ.

ތަފްސީލް - އެލްޖީއޭން ނެރުނު ބަޔާނުގައި ވަނީ ދޮންފަނު ކައުންސިލުން ނެރުނު އިއުލާނަކީ ގާނޫނާ ހިލާފު އިއުލާނެއް ކަމަށެވެ. އެ ގޮތުން:

  • ލޯކަލް ކައުންސިލެއްގެ އިހުތިސޯސްގައި ހިމެނޭ ސަރަހައްދެއްގައި ވެސް ގާނޫނަކުން މަނާނުކުރާ ކަމެއް ކުރުމުގެ ހައްގު ކޮންމެ ދިވެއްސަކަށް ލިބިގެންވާ ކަން ލާމަރުކަޒީ ގާނޫނުގައި ވެސް ބަޔާންކޮށްފައިވޭ

ފާހަގަކޮށްލެވޭ ކަމެއް - ދޮންފަނުގެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލުމާ މެދު ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އެ މަޝްރޫއު ފަށަން ނިންމީ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތީން ކަމަށެވެ. އެ މަޝްރޫއު ހުއްޓާލަން ނިންމީ، އެކަން މިހާރު ބޭނުން ނުވާ ކަމަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވާތީ ކަމަށް ވެސް ވިދާޅުވި އެވެ. 

އެކަމަކު އޭގެ ފަހުން ދޮންފަނު ކައުންސިލުން ބުނީ ރައީސް އެހެން ވިދާޅުވިޔަސް އެކަމާ ބެހޭ ގޮތުން ސަރުކާރުން ރައްޔިތުންނާ ވާހަކަ ދައްކާފައި ނުވާ ކަމަށެވެ. ރައްޔިތުން ބުނަނީ ހުއްޓާލަން އެދިފައި ނުވާނެ ކަމަށާއި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް