ބިން ނުހިއްކަން ސަރުކާރުން ނިންމުމުން އެރަށުގައި ކުރަމުންދާ މުޒާހަރާތަކެއްގެ ތެރެއިން

ހަނިފަރު ބޭ

ބިން ނުހިއްކާތީ ދޮންފަންނުގައި ކަނޑުމަތީ މުޒާހަރާތަކެއް؛ ޑައިވިންއާ ފީނުން މަނާކޮށްފި

ކައުންސިލުން ބުނީ ދޮންފަނުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ފީނުމާއި ޑައިވިން ވަގުތީ ގޮތުން މަނާވާނެ ކަމަށް

ބ. ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ސަރުކާރުން ނިންމުމާ ދެކޮޅަށް ކަނޑުމަތީގައި ސިލްސިލާ މުޒާހަރާތަކެއް ކުރާތީ އެރަށުގެ ކަނޑުމަތީ ވަކި ސަރަހައްދުތަކެއްގައި  ފީނުމާއި، ޑައިވްކުރުން ވަގުތީ ގޮތުން މިއަދު މަނާކޮށްފި އެވެ.

ވީ ކިހިނެއް؟ - ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި އޮންނަ ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ރައީސް މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ ބ. އަތޮޅަށް މިދިޔަ މަހު ކުރެއްވި ދަތުރުފުޅުގައި ދޮންފަނު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ނަމަވެސް އެ މަޝްރޫއުގެ ސަބަބުން ބަޔޮސްފިއާ ރިޒާވްގެ ދިރުންތަކަށް ގެއްލުން ލިބި ރާއްޖޭގެ ޓޫރިޒަމަށް ވެސް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށް ބުނެ އާންމުންނާއި ތިމާވެއްޓާ ގުޅުން ހުރި ޖަމްއިއްޔާތަކުން ފާޅުކުރަން ފެށި ކަންބޮޑުވުންތަކާ އެކު، އެ މަޝްރޫއު ކުރިއަށް ނުގެންދަން ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.

ތަފްސީލް - ދޮންފަނު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފީނުމާއި ޑައިވިން މަނާކުރީ އެރަށުގެ ފަރުން ފެށިގެން 700 މީޓަރު ކަނޑުގެ ސަރަހައްދުގައި ކަމަށެވެ. ކައުންސިލުން ބުނިގޮތުގައި:

  • އެކަން މަނާކުރީ ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން، ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް މިހާރު ދޮންފަނުގައި ސިލްސިލާކޮށް ރައްޔިތުން ކުރިއަށްގެންދާ މުޒާހާރާތަކާ ގުޅިގެން

  • ދޮންފަނުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގެ ކަނޑުމަތީގައި ކުރިއަށް އޮތް ދުވަސްތަކުގައި ސިލްސިލާ މުޒާހަރާތަކެއް ކުރިޔަށް ގެންދަން ވަނީ ނިންމާފައި

  • ޑައިވިން އާއި ފީނުން މަނާކުރީ މުޒާހަރާ ކުރިއަށްދާ ވަގުތުތަކުގައި އެ ސަރަހައްދުގައި ފީނުމާއި ޑައިވްކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ދެކޭތީ އާއި ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ހާދިސާއެއް ހިނގަން ފުރުސަތު އޮތް ކަމަށް ފެންނާތީ 

އެ ސަރަހައްދުގައި ފީނުމާއި ޑައިވުކުރުން މަނާކުރީ މިއަދުން ފެށިގެން އެ ކައުންސިލުން  ވަކި ގޮތެއް ކަނޑައަޅަންދެންނެވެ. އެ އެންގުމާ ހިލާފުވާ ނަމަ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް އަންގާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ފާހަގަކޮށްލެވޭ ކަމެއް - ދޮންފަނުގެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލުމާ މެދު ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އެ މަޝްރޫއު ފަށަން ނިންމީ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތީން ކަމަށެވެ. އެ މަޝްރޫއު ހުއްޓާލަން ނިންމީ، އެކަން މިހާރު ބޭނުން ނުވާ ކަމަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވާތީ ކަމަށް ވެސް ވިދާޅުވި އެވެ. 

އެކަމަކު އޭގެ ފަހުން ދޮންފަނު ކައުންސިލުން ބުނީ ރައީސް އެހެން ވިދާޅުވިޔަސް އެކަމާ ބެހޭ ގޮތުން ސަރުކާރުން ރައްޔިތުންނާ ވާހަކަ ދައްކާފައި ނުވާ ކަމަށެވެ. ރައްޔިތުން ބުނަނީ ހުއްޓާލަން އެދިފައި ނުވާނެ ކަމަށާއި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.

ކޮމެންޓް (1)

ދަރުމަވަންތަ ރަދުން

11 ސެޕްޓެމްބަރު 2025
ދޮންފަނު މީހުން ރާއްޖޭގެ ބޭނުންތަނަކުން ބޯހިޔާވަހިކަން ހޯދޭނެވަރަށް އާމްދަނީ ލިބޭނެ ހަނިފަރު ސަލާމަތުން ބަހައްޓައިފިއްޔާ. ވަގުތީ ބޭނުމަކަށް އިއާދަ ނުކުރެވޭ ގެއްލުމެއް ތިމާގެ ވެއްޓަށް ދޭން ތިއުޅެނީ. ތިޔަހެން އުޅެނިކޮށް ރަށްފަޅު ކޮށްފާނެ. ތަންކޮޅެއް ރަނގަޅަށް ވިސްނަބަލަ. މާލެއަކީ ތަރައްޤީގެ ނަމޫނާ ބަލަންވީ ބައެއް ނޫން
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް