ހަނިފަރު ބޭއަކީ ދުނިޔޭގެ އެހެން ތަނެއްގައި ނެތް ފަދަ ގުދުރަތީ ރީތި ދިރުމެއް

ހަނިފަރު ބޭ

ގައިން އެ ނަގަނީ ހީބިހި، އެކަމަކު ވެރިން ހަމަ ހެވިފައި

ހަނިފަރު ބޭގެ ދިރުންތަކަށް ގެއްލުން ލިބުމުގެ ފުރުސަތު އޮތް ދޮންފަނު ބިން ހިއްކުމުގެ ވާހަކަ އިވުމާ އެކު އިތުރަށް ކަށަވަރުވީ ސިޔާސީ މީހުންގެ ތިމާވެށީގެ ލޯތްބެއް ނެތްކަން
8 ސެޕްޓެމްބަރު 2025
7

ރާއްޖެއިން ފުރަތަމަ ފަހަރަށް، 2008ގައި، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު މެނޭޖަރަކަށް ހުރި މުހައްމަދު ހާނިމް ކައިރީގައި އެ ތާރީހީ ދުވަހުގެ ވާހަކަ އަހާލުމުން އޭނާ ބުނީ އަތަށް ބަލައިލުމަށެވެ. އެ ވާހަކަ ފެށުމާ އެކު މުޅި ގައިން ނަގަން ފެށީ ހީބިއްސެވެ. އެހާ ވެސް އެ ދުވަހުގެ އިހުސާސްތައް އޭނާއަށް ވަރުގަދަ އެވެ.

ބ. އަތޮޅުގައި އޮންނަ ހަނިފަރު ބޭއަށް ގެއްލުން ލިބުން ކައިރި ނިންމުމެއް ސަރުކާރުން ނިންމި ވާހަކަ އިވުމުން ތިމާވެށީގެ ހިމާޔަތްތެރިންގެ ގައިން ވެސް ހީބިހި ނަގާނެކަަން ޔަގީނެވެ. އެ ހީބި ނަގައިފި އެވެ. އެއީ އެހާ ވެސް އަސަރު ހުރި ކަމެކެވެ. އެހާމެ ލޯބިވާ ތަނެއް ހަލާކުވެދާނެކަމުގެ ވާހަކަ އެވެ.

އަޑުއަހަން ފަސޭހައެއް ނޫނެވެ. އަޑުއަހަން ބޭނުމެއް ވެސް ނުވެ އެވެ. އެކަމަކު ސަރުކާރުން އެ އޮތީ އެގޮތަށް ނިންމައިފަ އެވެ. ހަނިފަރާ ޖެހިގެން އޮންނަ ކުޑަކުޑަ ދޮންފަނަށް 15 ހެކްޓަރުގެ ބިން ހިއްކަން ފަށަން އެ ދަނީ ތައްޔާރުވަމުންނެވެ.

ހަނިފަރު ބޭގައި އެންމަޑިތަކަކާ އެކު ޓޫރިސްޓުން ޑައިވްކުރަނީ: މިއީ ދުނިޔޭގައި ނެތް ފަދަ ތަފާތު ތަނެއް (ފޮޓޯ/ކޯރަލްގްލާސް)

ދޮންފަނަކީ އާބާދީގައި 400 މީހުން ވެސް ހަމަނުވާ ކުޑަކުޑަ ރަށެކެވެ. ނަމަވެސް ސަރުކާރުތަކުން ރަށްރަށް ހިއްކަނީ އާބާދީއަށް ބަލައިގެން ނުވަތަ ތިމާވެށީގެ ހިމާޔަތް އިސްކޮށްގެންނެއް ނޫނެވެ. ހަލާކުވާ ތަނެއް ހަލާކުވާންވީ އެވެ. ސިޔާސީ ގޮތުން ފައިދާއެއް އޮތް ނަމަ އެކަން ހުއްޓައެއް ނުލަ އެވެ.

ހަނިފަރު ބޭއަކީ ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމުގެ އެންމެ ފުރިހަމަ އެއް މިސާލެވެ. އެ ސަރަހައްދުގެ ގުދުރަތީ ދިރުންތައް ހިމާޔަތްކުރަން ބ. އަތޮޅަކީ ޔުނެސްކޯގެ ބައޮސްފިއާ ރިޒާވްއެއް ވެސްމެ އެވެ. ކުރުކޮށް ބުނާ ނަމަ އެ ސަރަހައްދުގެ މާހައުލަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމަކަށް ސަރުކާރުން ޖާގަ ދީގެން ނުވާނެ އެވެ. ޖާގަ ދިނަސް ތިމާވެށީގެ ގެއްލުންތަކާ ބެހޭ ފުރިހަމަ ދިރާސާތަކަށް ބިނާކޮށް، ވަރަށް ފުން ނަޒަރަކުން ބަލަން ޖެހޭނެ ކަމެކެވެ.

ނަމަވެސް މިއަދު އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަކީ މިނިވަން އިދާރާއެއް ނޫނެވެ. ދާދި ފަހުން އެތަން އެ ވަނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ (ރާއްޖޭގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީއެއް ހިންގާ ހެއްޔެވެ؟ ނޫނީ އެއީ ހަމައެކަނި ނަމެއް ހެއްޔެވެ؟) ސެކްޝަނަކަށް ބަދަލުކޮށްފަ އެވެ. އޭގެ މާނައަކީ ތިމާވެއްޓާ ގުޅޭ ކަންކަމުގައި ހަދަން ޖެހޭ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމުގެ ކުރިން ވެސް ސަރުކާރުން ބޭނުންވެއްޖެ ނަމަ މަޝްރޫއުތަކަށް ހުއްދަ ދިނުމެވެ. އެހާ ފަސޭހައިން އީއައިއޭއާ ގުޅޭ ކަންކަން ނިންމާލުމެވެ. 

ހަނިފަރު ބޭ ނިސްބަތްވާ ބ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އަފްރާހު ވިދާޅުވާ ގޮތުގައި ތިމާވެއްޓަށް ގެއްލުން ލިބުން ކައިރި އެފަދަ މަޝްރޫއުއެއްގެ ވާހަކަ ސަރުކާރުން އިއުލާންކުރި އިރު އެ އަތޮޅު ކައުންސިލަކަށް ނޭނގެ އެވެ. އެކަމާ ބެހޭ ގޮތުން ސަރުކާރުން ކައުންސިލާ ވާހަކަ ދައްކާފައެއް ނުވެ އެވެ.

ދޮންފަނުގެ ރައްޔިތުން ބޭނުންވާ ކަމަކާ އަފްރާހު ދެކޮޅީކީ ނޫނެވެ. ނަމަވެސް އޭގެ ސަބަބުން ހަނިފަރު ބޭއަށް ލިބިދާނެ ގެއްލުމާ މެދު ދިރާސާތަކެއް ކޮށްފައި ނެތުމުގެ ކަންބޮޑުވުން އޮތީ އެވެ. 

މީގެ ކުރިން ދަރަވަންދޫ ބަނދަރު ހެދިއިރު ވެސް އޭގެ ނުބައި އަސަރުތައް ހަނިފަރު ބޭއަށް ކުރި އެވެ. ދަރަވަންދޫ އޮންނަނީ ދޮންފަނަށް ވުރެ ދުރުގަ އެވެ.

"ދޮންފަނު މި އޮންނަނީ ހަނިފަރާ ވަރަށް ކައިރީގައި. ރަނގަޅު އީއައިއޭއެއް ނެތި، ޝޯ ޕްރޮޓެކްޝަންގެ ރަނގަޅު ޕްލޭނެއް ނެތި މިހާރު އެ ހިއްކާ ގޮތަށް ހިއްކައިފި ނަމަ ހަނިފަރަށް ވަރަށް ބޮޑެތި އަސަރުކުރާނެ،" އަފްރާހު ވިދާޅުވި އެވެ.

"މަންޓާއަކީ މި ބ. އަތޮޅުގެ ރަމްޒު. އެއަށް އަސަރުކުރާނެ އެއްވެސް ކަމެއް ކުރުން ބަލައެއް ނުގަނެވޭނެ."

ހަނިފަރު ބޭ މުޅި ދުނިޔެއަށް މަޝްހޫރެވެ. އެތަނަށް އެ ޖަމާވާ ފެހުރިއްސާއި އެންމަޑި ދެކެލަން ޓޫރިސްޓުން ލޯބިކުރެ އެވެ. އެއީ ދުނިޔޭގައި ވެސް އެ ދެ ބާވަތުގެ ދިރުން ޖަމާވާ އެންމެ މަޝްހޫރު އެއް ސަރަހައްދެވެ. ފެހުރިއްސާއި އެންމަޑިތަކާ އެކު ނަގާފައި ހުންނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމެވެ.

އެއީ ކޮންމެ އަގެއް ދައްކައިގެން ނަމަވެސް ސަރުކާރުން ހިމާޔަތްކުރަން ޖެހޭނެ ގުދުރަތީ އެހާމެ ތަދު ސަރަހައްދެކެވެ.

ރާއްޖޭގެ ފަރުތައް ހިމާޔަތްކުރަން ދިރާސާކުރުމުގެ މަސައްކަތް އަމިއްލަ ބަޔަކު ކުރަނީ: ސަރުކާރުތަކުން ތިމާވެށި ދެކެ ލޯބިވާ މިންވަރު ކުޑަ

ހަނިފަރު ބޭއާ ޖެހިގެން ދޮންފަނު އޮތުމަކީ، އެފަދަ ގުދުރަތީ ހިމާޔަތްކުރުމެއް ނެތް ސަރަހައްދެއްގައި އޮންނަ ރަށަކާ ތަފާތުވާ ސަބަބެކެވެ. ހިމާޔަތްކޮށްފައި ނެތް ސަރަހައްދެއްގައި އޮންނަ ރަށަކާ ދޮންފަނާ އަޅާނުބެލޭނެ އެވެ. އެ ރަށުގެ ރައްޔިތުން އެކަން ގަބޫލުކުރަން ވެސް ޖެހެ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އޮންނަނީ އެ އުސޫލެވެ. ހިމާޔަތްކޮށްފައި އޮންނަ ސަަރަހައްދެއްގައި އުޅޭ މީހުންނަށް އެހެން ހިސާބުތަކުން ދިމާނުވާ ހުރަސްތައް ހުންނާނެ އެވެ.

އެކަމަކު އެހެން ރަށްރަށެކޭ އެއްގޮތަށް ދޮންފަނު ރައްޔިތުން ވެސް ރަށަށް ބިން އިތުރުކުރަން ބޭނުންވެ އެވެ. ރާއްޖޭގައި އޮތީ އެ ސަގާފަތެވެ. މިހާތަނަށް ރައްޔިތުން ނުކުމެ، 'ނޫނެކޭ، ތިމަންނަމެން މިރަށް ހިއްކާކަށް ބޭނުމެއް ނޫނޭ' ބުނި ތަނެއް ނުފެނެ އެވެ. ރަށްރަށުގެ ރީތި ފަޅުތައް ހަލާކުކޮށްލައިގެން ނަމަވެސް ހިއްކުމާއި އެއާޕޯޓް އެޅުން ފަދަ ކަންކަމަށް ރައްޔިތުން އެ ތިބީ ގޮވަގޮވަ އެވެ.

އެކަމަކު ބައެއް ގޮވުންތަކަށް ބީރު ކަންފަތެއް ދިނުމަކީ ވެރިންގެ ޒިންމާއެކެވެ. މި ގައުމުގެ ނާޒުކު ތިމާވެށީގެ ހިމާޔަތުގައި ސަރުކާރުން މަސައްކަތްކުރާކަށް، ރައްޔިތުންނަށް އަމަލީ ގޮތުން ދައްކައިދޭން ޖެހޭނެ އެވެ. އޭގެ ބަދަލުގައި މި ފެންނަނީ ތިމާވެއްޓަށް ގެއްލުން ލިބިދާނެ ކަމަށް ބުނެފައި އޮންނަ ތަޖުރިބާކާރުންގެ ރިޕޯޓްތައް ވެސް ހުއްޓުވަން މަސައްކަތްކުރާ ތަނެވެ. 

ތިމާވެށީގެ ހިމާޔަތްތެރިންގެ ގައިން ހީބި ނަގާނެ އެވެ. އަޑު އިއްވިދާނެ އެވެ. އެ އަޑު އިއްވަން ވެސް ޖެހެ އެވެ. ޕެޓިޝަން ހެދިދާނެ އެވެ. ޕެޓިޝަން ހަދަން ވެސް ޖެހެ އެވެ. އެކަމަކު ތިމާވެށީގެ ލޯބި ހުރި ސިޔާސީ ވެރިން ރާއްޖޭގައި ނެތެވެ. ބޮޑު މުސާރައާ އެކު އިއުލާންކޮށްގެން ވެސް އެކަހަލަ ވެރިންނެއް ނުލިބޭނެ އެވެ. ރާއްޖެއިން ލިބޭނީ ތިމާވެށި ހަލާކުކޮށްގެން ނަމަވެސް ރައްޔިތުންގެ ވޯޓު ހޯދަން ބޭނުން ވެރިންނެވެ. އެ މީހުން ކުރާ ކަމަކުން ލިބިދާނެ ގެއްލުމަކާ މެދު ކުޑަކޮށް ވެސް ނުވިސްނަ އެވެ. ރައްޔިތުންނަށް ދައްކާނީ ހެވިފައި ތިބޭ ތަނެވެ.

ކޮމެންޓް (7)

ނޫސްވެރިޔާ

13 ސެޕްޓެމްބަރު 2025
މިއީ އަހަރެން ތިޔަ ކިޔާ ނޫސްވެރިކަމޭ ފަޅޮލޭ ކިޔައިގެން ދައްކާ ވާހަކަ…. ތިމާވެއްޓަށް ގެއްލުން ލިބެންޏާ އެ ވާހަކަ ދައްކަންވާނެ. އާންމުން ހޭލުންތެރިކުރަން ވާނެ. ދެން ސަރުކާރުން ނިންމުން ބަދަލުކުރީ، އެކަމާ ގުޅިގެން ހަރުކަށި މުޒާހަރާ މި ކުރަނީ ރައްޔިތުން ، ދެން ނޫސްވެރިކަން މި ކަވަރުކުރަނީ މުޒާހަރާގެ ވާހަކަ، އެކަން ގޯސްކޮށްފައި ނުލިޔޭ! އެހެންވީމާ ނޫސްވެރިކަން އެ ހިނދު އެވީ އެމްޑީޕީއަކަށް، މާނައަކީ ސިޔާސީ ބޭނުމަށް އަސްލު މައްސަލަ ފޮރުވައިލި ބަޔަކަަށް.. މޫސަ ވެސް އެމްޑީޕީއަކަށް ވެވެނީ މިހެން
0 0

ޢާޠިފް

8 ސެޕްޓެމްބަރު 2025
ތިހާ ކުޑަ އާބާދީއަކަށް ޓަކައި ތިފަދަ ކަމެއް ނުކޮށް އެ މީސްކޮޅު ރަސްމާލެއަށް ބަދަލުކޮށްލުން މާ އައުލާކަން ބޮޑު
5 0

މުއްތޭ ކަލަމިންޖާ

8 ސެޕްޓެމްބަރު 2025
ސިޔާސީ ބޭނުމަށް ރަށްރަށަށް ގެންނަން އުޅުނު ތަރައްޤީ ހުއްޓުވުމަށް އެމް.ޑީ.ޕީން ހިންގި ހަރަކާތް، ފާފު އަތޮޅުގެ ހަރަކާތް، ރައްޔިތުން ގުނބޯ ހެއްދިކަން އެނގުނު ހިސާބުން މިކަހަލަ އެއްވެސް ކަމަކަށް އަޑުއުފުލާކަށް ބޭނުމެއް ނުވޭ، ކަންކަން ސިޔާސީ ކުރިވަރުން އިދިކޮޅަށް އޮންނަ އިތުބާރުވެސް ގެއްލޭ، ރަނގަޅު ކަމަކަށް އަޑުއުފުލަން އެމީހުން ބުންޏަށް މިހާރު ރައްޔިތުން ޓުރަސްޓު ނުކުރޭ. ހާދަހާވާ ގެއްލުމެކޭ ސިޔާސީން ރައްޔިތުންނަށް މިދެނީ، ހެޔޮނުވާނެ
1 1

ތެފައާސާ.

8 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ ބައެއް އިންޓަވިއުތައް (މިސާލަކަށް އެމަނިކުފާނު އިންތިޚާބު ކާމިޔާބު ކުރައްވައި، ހުވާ ކުރެއްވުމުގެ ކުރިން އަލްޖަޒީއާށް ދެއްވި އިންޓަވިއު) ބަލާލީމާ ސާފުވާނެ އެމަނިކުފާނަކީ ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި އިންސާނުންގެ އަމަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުފަދަ ކަންކަން ގަބޫލުކުރައްވާ ބޭފުޅެއް ނޫންކަން. އެހެންވީމާ އެމަނިކުފާނަށް ހިތަކަށް ލިބިފައިއޮތް ވެރިކަމެއްގައި ތިމާވެށި ހަލާކުކޮށްލާނޭ މިފަދަ ނިންމުންތަކާއިމެދު އަންތަރީސްވާކަށް ނުޖެހޭ!!!
10 0

މުޙައްމަދު އަލް ޢާދިލް

8 ސެޕްޓެމްބަރު 2025
މިހަރު ވެރިންނެއް ރައްޔިތުންނެއް ތަޢުލީމެއް ޤާބިލުކަމެއް ނެތް. އަސާސީ ތައުލީމުގެ ފޮތްތަކުގައި އޮންނާނެ ވާހަކައެއް. އެއަށް ކިޔަނީ ރަންބިސްއަޅާ ކުކުޅު. މިހާރު މިއުޅެނީ ބަނޑުހައިވީމާ ކުކުޅު ކަތިލައި ކާލަން. ވަގުތީ އުފަލަކަށް ކޮންމެ ދުވަހަކު ދާއިމަށް ލިބޭ ރަންބިސް މަތިން ހަނދާން ނައްތާލާ. ތިޔަ ދޮންފަނު ހިއްކާ ހިސާބުން ހަނިފަރުބޭ ހަލާކުވެ ޓުއަރިސްޓުން ބޮޑުތަނުން މަދުވެ ޓެކްސް ފައިސާ މަދުވެގެން އަސާސީ ކަންކަން ނުކުރެވޭ ހިސާބަށް ދިޔައީމާ މިވީ ކޯއްޗެއް؟ މިވަގުތަށް ދޮންފަނުގެ ރައްޔިތުންނަށް ގޯއްޗެއް ލިބިދާނެ. އެކަމަކު ތިޔަ ކަތިލެވެނީ ރަންބިސް އަޅާ ކުކުޅު
11 0

ގަމާރު ދިވެހިން

8 ސެޕްޓެމްބަރު 2025
ބަލަ ގަމާރު ރައްޔިތުންނަށް އޯކޭއޭ. ދޮންފަނަށް އެއާޕޯޓެއްވެސް ބޭނުންވޭ. ވަރިހަމަ 5 މިނިޓުން ދެވޭ ހިސާބުގަ ދަރވަންދޫ އޮތަސް. ހަމަ އެގޮތަށް ކިހާދުއަށް އެއާޕޯޓެއް.
5 0

ޢާޠިފް

8 ސެޕްޓެމްބަރު 2025
@ގަމާރު ދިވެހިން އެއްވެސް މީހަކީ ގަމާރު މީހެއް ނޫން. އިންސާނީ ޠަބީޢަތެއް ވީމަ ބިމަށް ވެސް . ދުނިޔެއަށް ވުރެ މާދަމައަށް ވިސްނޭލެއް ކުޑަވީމަ ވަގުތެއް ތޯއްޗެއް. ގަމާރިއްޔަ ކޮންމެންޓު ކުރި ބޭފުޅާގެ ވެސް ގަމާރު ކަން ކޮމެންޓުން އެބަފެނޭ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް