ހަނިފަރު ބޭގައި މަންޓާތަކާއި އެކި ޒާތުގެ މަސްތައް ހަރަކާތްތެރިވަނީ - (ފޮޓޯ/ ނެޝަނަލް ޖެއޮގްރަފީ)

ތިމާވެށި

ހަނިފަރު ބޭއަކީ ރާއްޖޭގެ 'ތެޔޮވަޅު'؛ ހަލާކުކޮށްގެން ނުވާނެ

ހުޅަނގު މޫސުމަށް މަންޓާ އާއި ފެހުރިއްސާއި އެކި ވައްތަރުގެ މަޑި ވެސް ޖަމާވާ އެ ސޮރުމެންގެ ޖަގަހަ، ހަނިފަރު ހަލާކުވެގެން ދާނެ ގޮތަކަށް ބިން ހިއްކުމުގެ މަޝްރޫއެއް ހިންގާތީ އެ ކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައި
7 ސެޕްޓެމްބަރު 2025
7

އެ ވިލުފެހި ފަޅާއި ކަނޑު ދިރުންތަކުގެ ފަރަކީ މުޅި ދުނިޔޭގެ މަގުބޫލުކަން އޮތް ތަނެެކެވެ. ހުޅަނގު މޫސުމަށް ފެހުރިއްސާއި އެކި ވައްތަރުގެ މަޑި ވެސް ޖަމާވާ އެ ސޮރުމެންގެ ޖަގަހަ އެވެ. ވެލާ ކަހަނބު ބިސް އަޅާ ތަންތަނާއި ކިރުދޫންޏާއި މާރަނގަ ނިދަން އަރާ ތަންތަން ވެސް ހިމެނެ އެވެ.

ހަނިފަރު ބޭއަކީ މި ސަބަބުތަަކަށްޓަކައި، ފަތުރުވެރިންގެ މެދުގައި ވެސް އެންމެ މަގުބޫލު އެއް މަންޒިލެވެ. އެތައް ފައިސާއެއް ރާއްޖޭގެ އިގުތިސޯދުގެ ތެރެއަށް ގެެނެސްދެނީ މި ތަނުންނެވެ. އަރަބި ގައުމުތަކުގެ އިގުތިސޯދު ހިފަހައްޓާ ތެޔޮވަޅުތައްހެން، މިއީ މި ރާއްޖޭގެ ތެޔޮވަޅެވެ. މިފަދަ ގުދުރަތީ ވެށިތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ރައުސްމާލެވެ.

ބ. ދޮންފަނުގެ އިރުމައްޗަށްވާ ގޮތަށް އޮންނަ މި ފަޅަކީ 539 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. ޗާލު ފަރުތަކާއި ކަނޑު ދިރުންތަކުން މުއްސަނދި މުޅި މި ބ. އަތޮޅަކީ ވެސް ހިމާޔަތްކޮށްފައިވާ އަތޮޅެކެވެ. ޔުނެސްކޯއިން ކަނޑައަޅާފައިވާ ބަޔޮސްފިއާ ރިޒާވެކެވެ. 

އެ އަތޮޅުގެ އެންމެ މުހިންމު މި ފަޅު މިހާރު މި އޮތީ ނުރައްކަލެއްގެ ތެރޭގަ އެވެ. ދޮންފަނުގެ ބިން ހިއްކަން ނިންމި އިރު އޭގެ އަސަރުތަކެއް މި ފަޅަށް ކުރާނެ އެވެ. އެކަމަކު އެއިން ކުރާނެ އަސަރުތަކެއް އެ ވަރަށް ނުބަލައި ސަރުކާރުން އޮތީ މި މަސައްކަތް ފެށުމަށް ތައްޔާރަށެވެ.

އެ ތަނަށް ޖަމާވާ ކަނޑުދިރުންތައް ޖަމާވުން ހުއްޓިދާނެ އެވެ. އެ ސޮރުމެންގެ ޖަގަހަ ބަދަލުވާނީ މަރުގެ ދަންމަޅިއަކަށް ކަން އެ ސޮރުމެނަށް ވެސް އެނގޭނެތާ އެވެ.

މި ކަންބޮޑުވުންތަކާ އެކު، މަޝްރޫއު ހުއްޓާލަން ގޮވާލާ އޮންލައިން ޕެޓިޝަނެއްގައި މިހާރު ސޮއިކުރަން ވަނީ ފަށައިފަ އެވެ.

ހަނިފަރު ބޭގެ ރީތިކަން ދައްކުވައިދޭ ވީޑިއޯއެއް:

އީއައިއޭއެއް ފެންނާކަށް ނެތް، އަތޮޅުގެ މަޝްވަރާއެއް ނެތް

ތިމާވެއްޓާއި ޓޫރިޒަމަށް ވެސް އެހާމެ ބޮޑު އަސަރެއްކުރާނެ ނިންމުމެއް ސަރުކާރުން މި ނިންމީ، މަޝްރޫއުއެއް ހިންގުމުގެ ސަބަބުން ވެއްޓަށް ކުރާ އަސަރު ދެނެގަންނަން އޮތް ނިޒާމަށް ސަރުކާރުން ބަދަލުތަކެއް ގެނެސްފައިވާ ދަނޑިވަޅެއްގަ އެވެ.

އިއްތިފާގަކަށް ވެސް ވެދާނެ އެވެ. އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ތައްޔާރުކުރާ އިދާރާ ވަކި ގަވަނިން ބޯޑަކުން ހިންގާ ގޮތަށް އޮތުމަށް ފަހު، މިނިސްޓްރީގެ ދަށުން ހިންގާ ސެކްޝަނަކަށް ވަނީ ބަދަލުކޮށްފަ އެވެ.

އީކޯކެއާ މޯލްޑިވްސްގެ އެޑްވޮކެސީ ޑިރެކްޓަރު މައީދު ޒާހިރު އެކްސްގައި ސުވާލު އުފެއްދެވީ އީއައިއޭ ފެންނަން ނެތުމުން އެކަމާ އެވެ.

"އީއައިއޭގެ ނިންމުން ފެންނާނީ ކިހިނެއް؟ އީއައިއޭ ކޮބައިތަ؟ ހަނިފަރަކީ މަންޓާ ރޭ އާއި ވޭލް ޝާކް ބޭނުންކުރާ ދުނިޔޭގެ އެންމެ ބޮޑު އެއް ފީޑިން އެގްރިގޭޝަން ސައިޓް، އެ ތަނުގެ އޮއިވަރަށް ބަދަލެއް އަންނާނެ ކަމެއް ކުރުމަކީ އެ ސައިޓަށް ސީދާ އަސަރުކުރާނެ ކަމެއް،" މައީދު ލިއުއްވާފައިވެ އެވެ.

މައީދު ދެން ފާހަގަކުރެއްވި ކަމަކީ ސަރުކާރުން ތައްޔާރުކުރަމުންދާ 20 އަހަރުގެ ތަރައްގީގެ ޕްލޭން އާއި ހެކިތަކުގެ މައްޗަށް ސިޔާސަތު ކަނޑައެޅުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައްޗަށެވެ. އީއައިއޭގެ ފުރިހަމަ ދިރާސާއެއް ނެތި މި ގޮތަށް މަޝްރޫއުއެއް ކުރިއަށް ގެންދިއުމަކީ އެ ސިޔާސަތާ ހިލާފަށް ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިގު މުއްދަތުގެ އިގުތިސޯދީ އަސަރުތަކާއި ތިމާވެށީގެ ދެމެހެއްޓެނިވި ކަންކަމަށް އެއްވެސް ބެލުމެއް ނެތި، އިސްކަންދޭން ޖެހޭ މަޝްރޫއުތައް ރާވައި ހަވާލުކުރަމުންދާނަމަ، 20 އަހަރުގެ ތަރައްގީގެ ޕްލޭނެއްގެ ބޭނުމެއް އެބައޮތްތަ؟ އެ ޕްލޭން ހަދަން ވެގެން މަޝްވަރާ އާއި ހިޔާލު ހޯދަން އެތައް މިލިއަނުން ހަރަދުކުރުން ބޭކާރެއް ނޫންތަ؟" މައީދު ސުވާލު އުފެއްދެވި އެވެ.

ރައީސް ބ. ދޮންފަނު ކައުންސިލާ ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ބ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އަފްރާހް ވެސް ވިދާޅުވީ ހަނިފަރާ އެހާ ކައިރީގައި އޮންނަ ދޮންފަނުގެ ފަޅުން ބިން ހިއްކައިފި ނަމަ ހަނިފަރަށް ވެސް ކިސަޑުގެ އަސަރުކޮށް މަޑި އެ ތަނުން ދެން ނުފެންނާނެ ކަމަށެވެ. އެއީ ދަރަވަންދޫގެ ބަނދަރު ހެދި ދުވަސްވަރު ވެސް ކޮންމެވެސް ވަރަކަށް ފާހަގަކުރެވުނު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި ދޮންފަނު މި އޮންނަނީ ހަނިފަރާ ވަރަށް ކައިރީގައި. ރަނގަޅު އީއައިއޭއެއް ނެތި، ޝޯ ޕްރޮޓެކްޝަންގެ ރަނގަޅު ޕްލޭނެއް ނެތި މިހާރު އެ ހިއްކާ ގޮތަށް ހިއްކައިފިނަމަ ހަނިފަރަށް ވަރަށް ބޮޑެތި އަސަރުކުރާނެ. މަންޓާއަކީ މި ބ. އަތޮޅުގެ ރަމްޒު، އެއަށް އަސަރުކުރާނެ އެއްވެސް ކަމެއް ކުރުން ބަލައެއް ނުގަނެވޭނެ،" އަފްރާހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން މިފަދަ ނިންމުމެއް ނިންމި އިރު އަތޮޅު ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. މުޅި އަތޮޅުގެ އިގުތިސޯދާއި ވެއްޓާ ގުޅުން ހުރި ކަމެއްގައި އަތޮޅު ކައުންސިލާ މަޝްވަރާ ނުކުރި ސަބަބެއް އަދި މަޝްވަރާ ނުކުރާތީ މި ކަމުގައި ސަރުކާރުން ގެންގުޅޭ ޕްލޭނެއް ސާފުނުވާ ކަމަށް އަފްރާހް ވިދާޅުވި އެވެ.

އަފްރާހް ވިދާޅުވީ އެއީ ދޮންފަނުގެ މީހުން ބޭނުން ޖެހިފައިވާ ކަމަކާ ދެކޮޅުވުމުގެ ގޮތުން ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ. ދޮންފަނުގެ މީހުނަށް ބޭނުން ޖެހިފައިވާ ކަމެއް ފުއްދުމަށް، ހަނިފަރަށް އަސަރުނުކުރާނެ ގޮތަކަށް ރޭވުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (7)

އަލިބެ...

8 ސެޕްޓެމްބަރު 2025
ރާއްޖެތެރޭގައި ތަރައްޤީގެ ކަމެއް ކުރަންވެއްޖެއްޔާ ހުންނާނީ ހުސް ތެޔޮވަޅާއި ރަންވަޅު. މާލޭކައިރީ ހުރިހާ ފަޅަކަށް ވެލިއަޅާ ހުރިހާ ދިރޭއެއްޗެއް ނެތި ކޮއްލުމަކީ ތަރައްޤީ. މީގަ ހެއްވާ ކަމަކީ މިކަހަލަ ކަންކަމުގައި ރައްރަށުގައިތިބި މީހުންވެސް ބައިވެރިވާތީ!
2 4

ހެނަވާ މާވާ ކިލިގެ

9 ސެޕްޓެމްބަރު 2025
@އަލިބެ... މާލޭ ސަރަޙައްދުވަނީ އިޢާދަ ނުކުރެވޭ މިންވަރަށް ހަލާކުވެފަ، މާލެ ސަރަޙައްދު ހިއްކައި މުޅި ރާއްޖޭހެ ރައްޔިތުން މާލެ ސަރަޙައްދަށް ބަދަލުކޮށް ރާއްޖެތެރެ ގުދުރަތީ ރީތި ސިފައިގައި ބޭއްވުން ރަނގަޅު
0 0

ކޮސް

7 ސެޕްޓެމްބަރު 2025
ޑރ. މުއިއްޒުގެ އެބުނާ ޤައުމިއްޔަތަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގޮންޖަހާ ، ދިވެހި މާހައުލަށް ގެއްލުންލިބޭ " ޤައުމިއްޔަތެއް" .
6 0

ބ. ފަސްދޭތެރެ

7 ސެޕްޓެމްބަރު 2025
ތިޔަ ތެޔޮވަޅު އޮއްވާތާ އަހަރެމެން ނަޖިސްވަޅުން ފެންވަރައިގެން ިއޅެނީ.
1 4

ތެފައާސާ.

7 ސެޕްޓެމްބަރު 2025
މިހާރު މި ސަރުކާރުގެ ކަންކަން ދާގޮތުން، ހަނިފަރު ބޭ ދެން ސަލާމަތްވާނީ، ރައީސްގެ އިސްނެންގެވުމާއި މަޝްވަރާއާއި އިރުޝާދުގެ ދަށުން ތިކަން ހުއްޓާލަން ނިންމައިފިއްޔާމުން އެކަނި. އެނޫން ގޮތަކަށް، ކިތަންމެ ބަޔަކު ދެކޮޅުހެދިއަސް، ތިމާވެއްޓަށް ކިތަންމެ ގެއްލުމެއް ވިއަސް ނުވަތަ މި ގައުމުގެ އެންމެން ޕެޓިޝަން ހެދިއަސް އެކަމެއް ނުވާނެ.
6 0

މުޙައްމަދު އަލް ޢާދިލް

7 ސެޕްޓެމްބަރު 2025
މިކަންކަން ހުއްޓުވޭނީ ރައްޔިތުންނަށް. ރައްޔިތުން ނިކުމެ ބުނަންވެއްޖެ ހިއްކާކަށް ބޭނުމެއް ނޫނޭ. ޑުރެޖަރު ރަށް ކައިރިއަށް އަޔަނުދޭތި. ރައްޔިތުންނޭ ހެޔޮނުވާނެ ތިމާގެ ވެށި ހަލާކުކޮށްނުލާ. މާލޭގެ ތަރައްގުއި ރަށްތަކަށް އިމްޕޯޓު ނުކުރޭ. ހިއްކާ ކޮންމެ ހެކްޓަރަކުން ތިޔަ ހަލާކުކޮށްލެވެނީ އެތައް މިލިޔަން އަހަރަކުން އުފެދި ފައްކާވެފައިވާ އެކޯސިސްޓަމެއް،
8 0

މުލީ މާވާ ކިލެގެ މުއްތޭ

8 ސެޕްޓެމްބަރު 2025
@މުޙައްމަދު އަލް ޢާދިލް ރަގަޅު. އެތަކެއް މިލިޔަން އަހަރަކުން ތިޔަ މަންޓާ މަޑިތަކަށް ތިޔަ ތަނަށް ދާން ދަސްވެފައިވަނީ. އަދި އެތަކެއްޗަށް ކާނާ ލިބިގެންދާ ގުދުރަތީ ލޮލަށް ނުފެންނަ ނިޒާމު އުފެދެން އެއަށްވުރެ ގިނަ އަހަރު ނަގާ. ވަގުތީ އުފަލަށް ތިޔަކަން ކުރަން ހެޔޮނުވާނެ!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް