ހ. ޝީރީން ވިލާގައި އަންހެނަކު މަރާލުމަށް ފަހު ބޮލާއި ހަތަރެސްފައި ބުރިކޮށްލި މައްސަލައިގައި ހައްޔަރުކުރި އަލީ ޝާހިލް، 23

ޝިއާއުގެ މަރު

ޝިއާއު މަރު؛ ހެކިބަސް ނެގުން ދެ މަސްތެރޭ ނިންމާލަނީ، ދެކޮޅަށް ހެކިބަހެއް ނެތް

މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން؛ ދައުވާތަކަށް އިންކާރުކޮށްފައި ވީނަމަވެސް، ދިފާއީ ހެކީގެ ގޮތުގައި ސާހިލްގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވޭ

ރަހުމު ކުޑަކޮށް މަރާލާފައި އޮއްވާ 2022 ވަނަ އަހަރު ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގެ ހެކިބަސް ނެގުން ދެ މަސްތެރޭ ނިންމާލަން ތާވަލުކޮށްފި އެވެ. 

ވީ ކިހިނެއް؟ - ހ. ޝީރީންވިލާ ގޭގެ ނުވަ ވަނަ ބުރީގައި ހުންނަ އެޕާޓްމަންޓެއްގެ ތެރޭގައި ޝިއާއު، 22، މަރާލާފައި އޮއްވާ ފެނުނީ 6 އޮގަސްޓް 2022ގަ އެވެ. ހަމަ އެ ރޭ، އެ މައްސަލައިގެ ތުހުމަތުގައި އޭނާގެ ރަހުމަތްތެރިޔާ އަދި އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގައި ދިރިއެޅުމުން ދިޔަ އަލީ ސާހިލް، 23، ކުށުގެ ވެށިން ހައްޔަރުކުރި އެވެ. 

ޝިއާއު މަރާލުމަށް ފަހު ބޮލާއި ހަތަރެސްފައި ބުރިކޮށްލި މައްސަލާގައި ސާހިލް، ފ. ނިލަންދޫ/ފިނިފެންމާގޭގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ:

  • ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުން

  • އޮރިޔާން ކާޑު ގެންގުޅުން

  • ކެނެބިސް ބޭނުންކުރުން

  • ސިއްރުކޮށްފައިވާ ދެ ދައުވާއެއް

ތަހުގީގު މަރުހަލާގައި ގިނަ ދުވަސްތަކެއް ހޭދަވި މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ފެށީ 2023ވަނަ އަހަރުގެ ޖުނުއަރީ މަސްތެރެ އެވެ. މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ތަފްސީލް - މި މައްސަލާގައި މިހާރު ކުރިއަށްދަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަސް ނެގުމެވެ. ދައުލަތުގެ ދެ ހެކިވެރިއެއްގެ ހެކިބަސް ނަގަން އިއްޔެ އަޑުއެހުމެއް ތާވަލުކުރި އެވެ. ނަމަވެސް އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. މި އަޑުއެހުން ކެންސަލްކުރީ:

  • ސާހިލު އިއްޔެ ކޯޓަށް ހާޒިރުކުރެވެން ނެތުމުން

  • މި ދެ ހެކިންގެ ހެކިބަސް ސިއްރު ހެކިންގެ ހެކިބަހާއެކު ނަގާގޮތަށް ޕީޖީން އެދިފައިވާތީ؛ ސިއްރުހެކިންގެ ހެކިބަސް ނެގުން އޮތީ މިމަހުގެ 14ގައި

އެހެންވެ، މިހާރު ނިންމާފައިވަނީ މިމަހުގެ 14ވަނަ ދުވަހު އޮންނަ އެ އަޑުއެހުމުގައި ސިއްރު ހެކިންގެ ހެކިބަހާއެކު، އިއްޔެ ނުނެގުނު ދެ ހެކިވެރިންގެ ހެކިބަސް ވެސް ނެގުމަށެވެ. އަދި ބާކީ ތިބި 35 ހެކީންގެ ހެކިބަސް ހަ އަޑުއެހުމަކަށް ބަހާލައިގެން ދެ މަސްތެރޭ ނިންމާގޮތަށް އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާފައި ވެއެވެ.

ސާހިލްގެ މައްޗަށް އިއްވާފައިވާ ފަސް ދައުވާއާ ގުޅިގެން ވެސް ދިފާއީ ހެކި ހުށަހަޅާނެ ކަމަށް މިދިޔަ އަަހަރުގެ އޮކްޓޫބަރު މަސްތެރޭ ބޭއްވި އަޑުއެހުމުގައި އޭނާ ބުނެފައިވެ އެވެ. އަދި ތަހުގީގަށް އޭނާ ދިން ބަޔާންތަކަށް އިންކާރުކޮށް އޭނާ އެދުވަހު ވަނީ އެ ބަޔާންތައް ޝަރީއަތަށް ބަލައިނުގަތުމަށް އެދިފަ އެވެ.

އެކަމަކު ކްރިމިނަލް ކޯޓުން 'ދައުރު' އަށް މިއަދު ބުނިގޮތުގައި، މި މައްސަލާގެ ދައުވާތަކަށް ސާހިލް އިންކާރުކޮށްފައި ވީނަމަވެސް، ދިފާއީ ހެކީގެ ގޮތުގައި އޭނާގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.

އެހެންކަމުން ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން ދެ މަސްެތެރޭ ނިންމާލުމާއެކު، ހެއްކާބެހޭގޮތުން ވާހަކަދެއްކުމަށްފަހު ދެން އޮންނަނީ ހުލާސާ ބަޔާން އިއްވުމަށްފަހު ހުކުމަކާ ހަަމަޔަށް ދިއުމެވެ.

އެނގުން މުހިންމު - މި މައްސަލާގައި ދައުލަތުގެ ފަރާތުން ތިން ވަކީލަކު ހަމަަޖައްސައިދިން ނަމަވެސް އެއިން އެއްވެސް ވަކީލަކާ އޭނާ ވާހަކަދައްކާފަ ނުވެ އެވެ. ސާހިލްގެ ފަރާތުން އެއްބާރުލުން ނުލިބޭތީ މައްސަލައިގެ އަޑުއެހުންތައް ގިނަ ދުވަސްތަކެއް ވަންދެން މަޑުޖުހުނުވެސްމެ އެވެ. އެ މައްސަލާގައި އޭނާ ފުރަތަމަ ފަހަރަށް ވާހަކަދައްކާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސްތެރޭ ބޭއްވި އަޑުއެހުމެއްގަ އެވެ. އެ އަޑުއެހުމުގައި އޭނާ ބުނީ މައްސަލައާއެކު ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ ނުލައި ކަމަށެވެ.

ޝިއާއުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ހެދި ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ޝިއާއު މަރުވި ފަހުން ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވެ އެވެ.

އެ މައްސަލާގައި މީގެ ކުރިން ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއްގައި އޭރުގެ ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެފައިވަނީ، ޝާހިލްގެ މައްޗަށް ކުރާ އެއްވެސް ތުހުމަތަކަށް އޭނާ އިއުތިރާފުވެފައި ނުވާ ކަމަށެވެ. ކުށަށް އިއުތިރާފު ނުވި ނަމަވެސް އަދި ބައެއް މައުލޫމާތު ފޯރުކޮށްދޭން ދެކޮޅު ހެދި ނަމަވެސް، ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ސާބިތުކުރެވޭ މިންވަރަށް އޭނާއާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.

ކޮމެންޓް (1)

އަކްރަމް

10 ސެޕްޓެމްބަރު 2025
ޟިއާއު* ގެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް