ހ. ޝީރީން ވިލާގައި އަންހެނަކު މަރާލުމަށް ފަހު ބޮލާއި ހަތަރެސްފައި ބުރިކޮށްލި މައްސަލައިގައި ހައްޔަރުކުރި އަލީ ޝާހިލް، 23

ޝިއާއުގެ މަރު

ދައުވާތަކަށް އިންކާރުކޮށް ތަހުގީގީ ބަޔާންތައް ބަލައިނުގަންނަން ސާހިލް އެދިއްޖެ

ސާހިލުގެ މައްޗަށް ފަސް ދައުވާއެއް ކުރޭ؛ އެ ދައުވާތައް އިއްވުމުން އޭނާގެ ފަރާތުން ވަކި ޖަވާބެއްދީފައިނުވާތީ ގާޒީ ނިންމެވީ ދައުވާތަކަށް އިންކާރުކުރީ ކަމަށް

ރަހުމު ކުޑަކޮށް މަރާލާފައި އޮއްވާ 2022 ވަނަ އަހަރު ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި ކޮށްފައިވާ ހުރިހާ ދައުވާތަކަށް އިންކާރުކޮށް، ތަހުގީގީ މަރުހަލާގައި ދީފައިވާ ބަޔާންތައް ބަލައިނުގަންނަން އެ މަރުގެ ތުހުމަތުވާ އަލީ ސާހިލް އިއްޔެ ކޯޓުގައި އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - ހ. ޝީރީންވިލާ ގޭގެ ނުވަ ވަނަ ބުރީގައި ހުންނަ އެޕާޓްމަންޓެއްގެ ތެރޭގައި ޝިއާއު، 22، މަރާލާފައި އޮއްވާ ފެނުނީ 6 އޮގަސްޓް 2022ގަ އެވެ. ހަމަ އެ ރޭ، އެ މައްސަލައިގެ ތުހުމަތުގައި އޭނާގެ ރަހުމަތްތެރިޔާ އަދި އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގައި ދިރިއެޅުމުން ދިޔަ ސާހިލް، 23، ކުށުގެ ވެށިން ހައްޔަރުކުރި އެވެ. 

ޝިއާއު މަރާލުމަށް ފަހު ބޮލާއި ހަތަރެސްފައި ބުރިކޮށްލި މައްސަލާގައި ޝާހިލް، ފ. ނިލަންދޫ/ފިނިފެންމާގޭގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ:

  • ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުން

  • އޮރިޔާން ކާޑު ގެންގުޅުން

  • ކެނެބިސް ބޭނުންކުރުން

  • ސިއްރުކޮށްފައިވާ ދެ ދައުވާއެއް

ތަހުގީގު މަރުހަލާގައި ގިނަ ދުވަސްތަކެއް ހޭދަވި މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ފެށީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ. މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ތަފްސީލް - މި މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުވާތައް އިއްވުމުން އެ ދައުވާތަކަށް ވަކި ޖަވާބެއް ސާހިލުގެ ފަރާތުން ދީފައެއް ނުވެ އެވެ. އެހެންވެ މި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ނިންމާފައިވަނީ ހުރިހާ ދައުވާތަކަށް ވެސް އޭނާގެ ފަރާތުން އިންކާރުކުރީ ކަމަށެވެ.

އޭނާގެ މައްޗަށް އިއްވާފައިވާ ފަސް ދައުވާއާ ގުޅިގެން ވެސް ދިފާއީ ހެކި ހުށަހަޅާނެ ކަމަށް އޭނާގެ ފަރާތުން ކޯޓުގައި އިއްޔެ ބުނެފައިވެ އެވެ. އަދި ތަހުގީގަށް އޭނާ ދިން ބަޔާންތަކަށް އިންކާރުކޮށް އޭނާ ވަނީ އެ ބަޔާންތައް ޝަރީއަތަށް ބަލައިނުގަތުމަށް އެދިފަ އެވެ.

އިއްޔެގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އެދިފައިވަނީ އެ މައްސަލާގައި ހުށަހަޅާފައިވާ ބައެއް ހެކިންގެ ހެކިބަސް ސިއްރުން ނަގައިދިނުމަށެވެ.

މި މައްސަލާގައި ސާހިލުގެ މައްޗަށް އުފުލުފާއިވާ މަސްތުވާތަކެތި ބޭނުންކުރުމާއި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުންތައް އިއްޔެ ވަނީ ނިންމާލާފަ އެވެ. މި ދެ ދައުވާގައި ދެން އޮންނާނީ އިފްތިތާހީ ބަޔާން ހުށަހެޅުމާއި ހެކިބަސް ނެގުމެވެ.

އެނގުން މުހިންމު - މި މައްސަލާގައި ދައުލަތުގެ ފަރާތުން ތިން ވަކީލަކު ހަމަަޖައްސައިދިން ނަމަވެސް އެއިން އެއްވެސް ވަކީލަކާ އޭނާ ވާހަކަދައްކާފަ ނުވާތީ އިތުރަށް ވަކީލުން ހަމަޖައްސައިނުދޭން އޮތީ ނިންމާފަ އެވެ. އެކަމާ ގުޅިގެން ސާހިލްގެ ފަރާތުން އެއްބާރުލުން ނުލިބޭތީ މައްސަލައިގެ އަޑުއެހުންތައް ގިނަ ދުވަސްތަކެއް ވަންދެން މަޑުޖެހިފައި އޮތުމަށްފަހު އެ މައްސަލާގައި އޭނާ ފުރަތަމަ ފަހަރަށް ވާހަކަދައްކާފައިވަނީ މިދިޔަ މަސްތެރޭ ބޭއްވި އަޑުއެހުމެއްގަ އެވެ. އެ އަޑުއެހުމުގައި އޭނާ ވަނީ އަމިއްލައަށް ވަކީލަކު ހަމަޖައްސަން ބޭނުންވާތީ އެ ފުރުސަތު ދިނުމަށް އެދިފަ އެވެ. 

ޝިއާއުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ހެދި ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ޝިއާއު މަރުވި ފަހުން ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވެ އެވެ.

އެ މައްސަލާގައި މީގެ ކުރިން ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއްގައި އޭރުގެ ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެފައިވަނީ، ޝާހިލްގެ މައްޗަށް ކުރާ އެއްވެސް ތުހުމަތަކަށް އޭނާ އިއުތިރާފުވެފައި ނުވާ ކަމަށެވެ. ކުށަށް އިއުތިރާފު ނުވި ނަމަވެސް އަދި ބައެއް މައުލޫމާތު ފޯރުކޮށްދޭން ދެކޮޅު ހެދި ނަމަވެސް، ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކުރެވޭ ވަރަށް އޭނާއާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.

ކޮމެންޓް (1)

profile-image-placeholder

ސަމީނާ

9 ގަޑިއިރު ކުރިން
ދެން ތި ބުނަނީ ޝިއާއު އަމިއްލައަށް އަތްފައި ބުރިވީއޭތަ؟

އިތުރު އާޓިކަލް

އިތުރު އާޓިކަލް