ހ. ޝީރީން ވިލާގައި އަންހެނަކު މަރާލުމަށް ފަހު ބޮލާއި ހަތަރެސްފައި ބުރިކޮށްލި މައްސަލައިގައި ހައްޔަރުކުރި އަލީ ޝާހިލް، 23.

ޝިއާއުގެ މަރު

ޝާހިލް ވަކީލުންނާ ވާހަކައެއް ނުދެއްކި؛ ދެން ވަކީލުން ހަމަޖައްސައެއް ނުދޭނެ

ދައުލަތުގެ ފަރާތުން މިހާތަނަށް އޭނާއަށް ތިން ވަކީލުން ހަމަޖައްސައިދީފައިވާ ކަމަށް ޕީޖީ މިއަދު ވިދާޅުވި

ރަހުމު ކުޑަކޮށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދު މަރާލާފައި އޮތް ކޮޓަރިން، އެ ހާދިސާ ހިނގި ވަގުތު ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ އަލީ ޝާހިލްއަށް މިހާތަނަށް ދައުލަތުން ތިން ވަކީލުން ހަމަޖައްސާދީފައި ވާއިރު، އެއިން އެއްވެސް ވަކީލަކަށް އޭނާ އެއްބާރުލުން ދީފައި ނުވާތީ، އިތުރަށް ވަކީލުން ހަމަޖައްސައިނުދޭން އެޓާނީ ޖެނަރަލް (އޭޖީ)ގެ އޮފީހުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ހ. ޝީރީންވިލާ ގޭގެ ނުވަ ވަނަ ބުރީގައި ހުންނަ އެޕާޓްމަންޓެއްގެ ތެރޭގައި ޝިއާއު، 22، މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ 6 އޮގަސްޓްގަ އެވެ. ހަމަ އެ ރޭ، އެ މައްސަލައިގެ ތުހުމަތުގައި އޭނާގެ ރަހުމަތްތެރިޔާ އަދި އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގައި ދިރިއެޅުމުން ދިޔަ ޝާހިލް، 23، ކުށުގެ ވެށިން ހައްޔަރުކުރި އެވެ. 

ޝިއާއު މަރާލުމަށް ފަހު ބޮލާއި ހަތަރެސްފައި ބުރިކޮށްލި މައްސަލައިގައި ޝާހިލް، ފ. ނިލަންދޫ/ފިނިފެންމާގޭގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރާ ދައުވާތަކަކީ:

  • ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުން

  • އޮރިޔާން ކާޑު ގެންގުޅުން

  • ކެނެބިސް ބޭނުންކުރުން

  • ސިއްރުކޮށްފައިވާ ދެ ދައުވާއެއް

ތަހުގީގު މަރުހަލާގައި ގިނަ ދުވަސްތަކެއް ހޭދަވި މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ފެށީ މިދިޔަ ޖެނުއަރީގަ އެވެ. މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ބުނީ ކީކޭ؟ - ޕީޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕްރޮސިކިއުޓަ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވީ، ޝާހިލްގެ ފަރާތުން އެއްބާރުލުން ނުލިބޭތީ އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ. ދައުލަތުގެ ފަރާތުން މިހާތަނަށް އޭނާއަށް ތިން ވަކީލަކު ހަމަޖައްސައިދީފައި ވާއިރު، އެއިން އެއްވެސް ވަކީލަކާ އޭނާ ވާހަކަނުދައްކާ ކަމަށް ޝަމީމް ވިދާޅުވި އެވެ. 

"އޭނަ ވަކީލުންނަކާ ވާހަކަދައްކާކަށް ބޭނުމެއް ނުވޭ. ވަކީލުންނަށް އެއްވެސް ވާހަކައެއް ކިޔައިދޭކަށް ބޭނުމެއް ނުވޭ. ވަކީލުންނަކަށް އެއްބާރުލުމެއް ނުދޭ. ވަކީލުން އޭނާއާ ބައްދަލުކުރަން ޖަލަށް ދިޔައީމަ ވާހަކައެއް ވެސް ނުދައްކާ. މިހާރު އޭޖީ އޮފީހުން ނިންމަވާފައިވަނީ ދެން އިތުރަށް ވަކީލުން ހަމަނުޖައްސަން. ވަކީލުން ދިނީމަ، އޭނާ ބޭނުން ނުވަންޏާ ގަދަކަމަކުން ވަކީލުން ހަމަޖައްސައެއް ނުދެވޭނެ،" ޝަމީމް ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ ޝާހިލް އެއްވެސް މީހަކާ ވާހަކަ ނުދައްކާތީ، ވަކީލުންނަށް އެއްބާރުލުން ނުދެނީ ނުވަތަ ވާހަކަ ނުދައްކަނީ ކީއްވެކަން އޭނާއަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ކޯޓު މަރުހަލާގައި އެ މައްސަލަ ތާށިވެފައި އޮތީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަސް މަންޒަރު - ޝިއާއުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ހެދި ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ މިދިޔަ އަހަރުގެ 17 އޮގަސްޓުގައި ފުލުހުންނަށް ލިބިފައިވެ އެވެ. ޝިއާއު މަރުވި ފަހުން ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޮޓޮޕްސީ ރިޕޯޓުން ކަށަވަރުވާ ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.

މިދިޔަ ފެބްރުއަރީގައި ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއްގައި ޝަމީމް ވިދާޅުވެފައިވަނީ، ޝާހިލްގެ މައްޗަށް ކުރާ އެއްވެސް ދައުވާއަކަށް އޭނާ މިހާތަނަށް އިއުތިރާފުވެފައި ނުވާ ކަމަށެވެ.

މިދިޔަ އޮކްޓޯބަރުގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވެސް ބުނެފައިވަނީ، ޝާހިލްގެ ފަރާތުން ފުލުހުން ބޭނުންވާ މުހިންމު މައުލޫމާތުތައް ދޭން ދެކޮޅު ހަދާ ކަމަށާއި އެ ވާހަކަތައް ދައްކަން ވެސް އޭނާ ބޭނުން ނުވާ ކަމަށެވެ. އަދި އެ މައްސަލާގައި އެންމެ ފުރަތަމަ ފޯނުގެ ޕާސްވޯޑް ދިނުމަށް ވެސް އޭނާ އިންކާރުކުރި ކަމަށާއި، ތަހުގީގަށް ކިރިޔާ ވެސް އެއްބާރުލުމެއް ދޭން ފެށީ ހަފްތާއެއް ފަހުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

ޝާހިލް ކުށަށް އިއުތިރާފު ނުވި ނަމަވެސް އަދި ބައެއް މައުލޫމާތު ފޯރުކޮށްދޭން ދެކޮޅު ހެދި ނަމަވެސް، ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކުރެވޭ ވަރަށް އޭނާއާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.

ކޮމެންޓް (1)

ސަކީ

30 ނޮވެމްބަރު 2023
ވަރަށް ރަޙުމު ކުޑަ މީހެއް ޝާހިލް ތީ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް