ހ. ޝީރީން ވިލާގައި އަންހެނަކު މަރާލުމަށް ފަހު ބޮލާއި ހަތަރެސްފައި ބުރިކޮށްލި މައްސަލާގައި ހައްޔަރުކުރި އަލީ ޝާހިލް، 23
ޝާހިލް އެންމެފަހުން ވާހަކަ ދައްކައިފި؛ ބުނީ މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ އަމިއްލައަށް ކަމަށް
ރަހުމު ކުޑަކޮށް މަރާލާފައި އޮއްވާ 2022 ވަނަ އަހަރު ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި ވަކީލަކާ ނުލައި އަމިއްލައަށް ކުރިއަށްދާން އެ މައްސަލާގައި ދައުވާ އުފުލާފައިވާ އަލީ ޝާހިލް މިއަދު ކޯޓުގައި އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - ހ. ޝީރީންވިލާ ގޭގެ ނުވަ ވަނަ ބުރީގައި ހުންނަ އެޕާޓްމަންޓެއްގެ ތެރޭގައި ޝިއާއު، 22، މަރާލާފައި އޮއްވާ ފެނުނީ 6 އޮގަސްޓް 2022ގަ އެވެ. ހަމަ އެ ރޭ، އެ މައްސަލައިގެ ތުހުމަތުގައި އޭނާގެ ރަހުމަތްތެރިޔާ އަދި އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގައި ދިރިއެޅުމުން ދިޔަ ޝާހިލް، 23، ކުށުގެ ވެށިން ހައްޔަރުކުރި އެވެ.
ޝިއާއު މަރާލުމަށް ފަހު ބޮލާއި ހަތަރެސްފައި ބުރިކޮށްލި މައްސަލާގައި ޝާހިލް، ފ. ނިލަންދޫ/ފިނިފެންމާގޭގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ:
-
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުން
-
އޮރިޔާން ކާޑު ގެންގުޅުން
-
ކެނެބިސް ބޭނުންކުރުން
-
ސިއްރުކޮށްފައިވާ ދެ ދައުވާއެއް
ތަހުގީގު މަރުހަލާގައި ގިނަ ދުވަސްތަކެއް ހޭދަވި މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ފެށީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ. މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.
ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ޝާހިލްގެ ފަރާތުން އެއްބާރުލުން ނުލިބޭތީ އެ މައްސަލައިގެ އަޑުއެހުންތައް އޮތީ މަޑުޖެހިފަ އެވެ. ދައުލަތުގެ ފަރާތުން މިހާތަނަށް އޭނާއަށް ތިން ވަކީލަކު ހަމަޖައްސައިދީފައިވާ އިރު، އެއިން އެއްވެސް ވަކީލަކާ އޭނާ ވާހަކަނުދައްކާ ކަމަށް އޭރުގެ ޕީޖީ ހުސެއިން ޝަމީމް ވިދާޅުވި އެވެ.
ޝާހިލް އެއްވެސް މީހަކާ ވާހަކަ ނުދައްކާތީ އާއި ވަކީލުންނަށް އެއްބާރުލުން ނުދޭތީ އެ މައްސަލާގައި އިތުރު ވަކީލުން ހަމަޖައްސައި ނުދޭން އޭޖީ އޮފީހުން އޭރު ވަނީ ނިންމައިފަ އެވެ.
އިތުރަށް ކިޔާލަން
ތަފްސީލް - ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އޭނާ ބުނެފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ ނުލައި އަމިއްލައަށް ކަމަށެވެ.
އެހެންވެ، މި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހް މިއަދު ވަނީ މީގެ ކުރިން ބަންޑާރަ ނައިބުގެ އޮފީހުން ހަމަަޖައްސައިދިން ވަކީލުންނަށް ދޫކޮށްފައި ހުރި ލިޔެކިއުންތައް ހޯދުމަށް ފަހު ސާހިލަށް ހަވާލުކުރުމަށް ދައުލަތަށް އަންގައިފަ އެވެ. އަދި ހެކި ރައްކާތެރިކުރުމަށް ނެރެފައިވާ އަމުރުތައް ބެލުމަށް ސާހިލް އެދިފައިވާތީ އެ ލިޔެކިއުންތައް ކޯޓުގައި ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވެސް އަންގާފައިވެ އެވެ.
ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުވާ ހުށަހަޅައި ޖަވާބުދާރީވުމުގެ ބައި ކުރިއަށް ގެންދިއުން ކަމަށް ގާޒީ މިސްބާހް މިއަދު ވިދާޅުވި އެވެ.
ފަސް މަންޒަރު - ޝިއާއުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ހެދި ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ޝިއާއު މަރުވި ފަހުން ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވެ އެވެ.
އެ މައްސަލާގައި މީގެ ކުރިން ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއްގައި އޭރުގެ ޕީޖީ ޝަމީމް ވިދާޅުވެފައިވަނީ، ޝާހިލްގެ މައްޗަށް ކުރާ އެއްވެސް ދައުވާއަކަށް އޭނާ މިހާތަނަށް އިއުތިރާފުވެފައި ނުވާ ކަމަށެވެ.
މިދިޔަ އޮކްޓޯބަރުގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވެސް ބުނެފައިވަނީ، ޝާހިލްގެ ފަރާތުން ފުލުހުން ބޭނުންވާ މުހިންމު މައުލޫމާތުތައް ދޭން ދެކޮޅު ހަދާ ކަމަށާއި އެ ވާހަކަތައް ދައްކަން ވެސް އޭނާ ބޭނުން ނުވާ ކަމަށެވެ. އަދި އެ މައްސަލާގައި އެންމެ ފުރަތަމަ ފޯނުގެ ޕާސްވޯޑް ދިނުމަށް ވެސް އޭނާ އިންކާރުކުރި ކަމަށާއި ތަހުގީގަށް ކިރިޔާ ވެސް އެއްބާރުލުމެއް ދޭން ފެށީ ހަފްތާއެއް ފަހުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ޝާހިލް ކުށަށް އިއުތިރާފު ނުވި ނަމަވެސް އަދި ބައެއް މައުލޫމާތު ފޯރުކޮށްދޭން ދެކޮޅު ހެދި ނަމަވެސް، ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކުރެވޭ ވަރަށް އޭނާއާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.
ކޮމެންޓް (2)
ޙާދިމްކުމް
ނަން